ޢޮމާނުގެ ސުލްޠާނުގެ ޝާހީ ފަރުމާނަކާއެކު، އެޤައުމުގެ ސައިބަރ ކުށްތަކާ ބެހޭ އައު ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުން ތަރުތީބުކޮށް، ނާޖާއިޒު ބޭނުންތައް ކުށަކަށް ހަދާ މި ޤާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމްތައް ވަނީ ކަނޑައަޅާފައެވެ. މިއީ ޢޮމާނުގެ އެތެރޭގައާއި، ޤައުމުން ބޭރުގައި ތިބެގެން ޢޮމާންގެ ދައުލަތަށް ހުތުރު އަރުވާފަދަ ކުށްތައް ކުރާ މީހުންގެ މައްޗަށްވެސް ހިނގާނެ ޤާނޫނެކެވެ.
މި ޤާނޫނުގެ ދަށުން ފާހަގަކޮށްލެވޭ މުހިންމު ބައެއް މާއްދާތަކަކީ:
-
ވެރިންނަށް ފާޑުކިޔުން މަނާވުން (މާއްދާ 32): އޮމާންގެ ސުލްޠާނާއި، އޭނާގެ އަނބިކަނބަލުން ހުންނަ ނަމަ އަނބިކަނބަލުންނާއި، ވަލީއަހުދާއި، އަދި ދަރިކަލުންނަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް، ޢައިބުބަސް ބުނެފިނަމަ 3 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 3,000 އިން 5,000 އާ ދެމެދުގެ ޢޮމާނީ ރިޔާލުން ޖޫރިމަނާކުރެވޭނެއެވެ.
-
މުޒާހަރާތަކަށް ހިތްވަރުދިނުން (މާއްދާ 21): ޤާނޫނީ ގޮތުން ހުއްދަ ނެތް އެއްވުންތަކާއި، މުޒާހަރާތަކާއި، އިހުތިޖާޖުތަކަށް ސޯޝަލް މީޑިއާގައި ގޮވާލާ މީހުންނަށް 3 މަހާއި 1 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
-
ޚާރިޖީ ގުޅުންތަކަށް ބުރޫއެރުވުން (މާއްދާ 26): ޢޮމާނާ އެކުވެރި އެހެން ޤައުމުތަކުގެ ވެރިންނަށް ނުވަތަ ސަރުކާރުތަކަށް ފާޑުކިޔައި، އެޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތަކަށް ގެއްލުންދޭ ފަދަ ލިޔުންތައް ޝާއިޢުކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، ދޮގު ޚަބަރު ފެތުރުމާއި، ނަފްރަތު އުފެއްދުމާއި، ހުއްދައެއް ނެތި މީހުންގެ ފޮޓޯއާއި ވީޑިއޯ ޕޯސްޓްކޮށްގެން އަބުރަށް އަރައިގަތުން ފަދަ ކަންކަންވެސް މި ޤާނޫނުން ކުށަކަށް ހަދައެވެ.
މި ޤާނޫނު އައިސްފައިވަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ގެ 2026 ވަނަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ޢުމާން 7 ދަރަޖަ ކުރިއަށްޖެހި، 127 ވަނަ މަޤާމަށް އަރާފައިވަނިކޮށެވެ. ނަމަވެސް އެ ރިޕޯޓުގައި ބުނާ ގޮތުން ޢޮމާނުގެ މީޑިއާގައި އަމިއްލައަށް ސެންސަރުކުރުން އަދިވެސް ބޮޑެވެ.
މި ޤާނޫނާ މެދު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ސަޕޯޓަރުން ބުނާ ގޮތުގައި މިއީ މުޖުތަމަޢު ރައްކާތެރިކުރަން މުހިންމު ފިޔަވަޅެކެވެ.
ފާރިސީ ކަނޑު އޮޅީގެ އަރަބި އެހެން ޤައުމުތަކުގައިވެސް ސައިބަރ ކުށްތަކަށް ހަރުކަށި ޤާނޫނުތައް ހުރެއެވެ. އެގޮތުން ސައޫދީ ޢަރަބިއްޔާގައި 2007 އިން ފެށިގެން އަމާންކަމާއި ދީނަށް ހުތުވާ ކަންކަން މަނާކުރާއިރު، ޔޫއޭއީގައި ދޮގު ޚަބަރު ފެތުރުމާއި ޤައުމުގެ އަގު ވައްޓާލުން މަނާކުރެއެވެ. ޤަޠަރާއި ބަޙްރައިންގައިވެސް ދައުލަތުގެ ސަލާމަތަށް ނުރައްކާވާ ފަދަ ސައިބަރ ޢަމަލުތަކަށް ބޮޑެތި އަދަބުތައް ދެއެވެ.




