އެމެރިކައާއި އީރާންގެ ފަހުމުނާމާގެ ޓްރާފްޓް ލިބިއްޖެ: މިއޮތީ ތަރުޖަމާ

"މި ފަހުމުނާމާގައި ސޮއިކުރާ ހިނދުން ފެށިގެން، މިހާރު ކުރިއަށްދާ ހަނގުރާމައިގައި ހިމެނޭ އީރާނާއި އެމެރިކާ އަދި އެ ދެ ގައުމުގެ ބައިވެރިން، ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓާލާކަން އިއުލާން ކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްގައުމު އަނެއް ގައުމާ ދެކޮޅަށް އެއްވެސް ކަހަލަ ހަމަލާއެއް ނުދޭނެކަމަށާއި، ބާރުގެ ބޭނުން ކުރުމުގެ އިންޒާރު ނުދޭނެކަމަށާއި ބާރުގެ ބޭނުން ނުކުރާނެކަމަށް ވައުދުވެއެވެ. ފައިނަލް އެގްރީމަންޓުން މި މާއްދާއާއި އެހެނިހެން މާއްދާތަކުގެ ބާރު ކަށަވަރުކުރާނެއެވެ.

  1. އީރާނާއި އެމެރިކާ، އެއްގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް އިހްތިރާމް ކުރުމަށާއި، އެއްގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަނެއް ގައުމުން ނުވަނުމަށް ވައުދުވެއެވެ.
  2. އީރާނާއި އެމެރިކާ، ގިނަވެގެން 60 ދުވަހުގެ ތެރޭގައި ފައިނަލް އެގްރީމަންޓަކަށް ވާސިލްވުމަށް މަޝްވަރާ ކުރުމަށް ވައުދުވެއެވެ. މި މުއްދަތު ދެފަރާތުގެ ރުހުމާއެކު އިތުރުކުރެވިދާނެއެވެ.
  3. މި ފަހުމުނާމާގައި ސޮއިކުރާ ހިނދުން ފެށިގެން، އެމެރިކާއިން ކަނޑުގެ ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ނައްތާލާނެއެވެ. އީރާނާ ދެކޮޅަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކުރުމެއް ނުގެންގުޅޭނެއެވެ. އަދި ގިނަވެގެން 30 ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ހަރަކާތްތައް ފުރިހަމައަށް އިއާދަކުރާނެއެވެ. މިކަމުގައި އުޅަނދުތައް ދަތުރުކުރާނީ ހަނގުރާމައިގެ ކުރިން އީރާނުން އުޅަނދުތައް ދަތުރުކުރި މިންވަރާ އެއްވަރަށެވެ. އަދި ފައިނަލް އެގްރީމަންޓަށްފަހު 30 ދުވަހުގެ ތެރޭގައި އެ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ފައިބާނެކަމަށް ވައުދުވެއެވެ.
  4. މި ފަހުމުނާމާގައި ސޮއިކުރުމާއެކު، އީރާނުން ވަގުތުން ފިޔަވަޅުތައް އަޅާނެއެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި އަރަބި ކަނޑުގެ އައްސޭރިން އޮމާން ކަނޑާ ހަމައަށް ވިޔަފާރީގެ އުޅަނދުތަކުގެ ދަތުރުފަތުރު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަ ކުރުމަށް ފިޔަވަޅު އަޅާނެއެވެ. މިކަމުގައި އީރާނުން ފަންނީ ހުރަސްތައް ނައްތާލުމާއި، ކަނޑުގައި އަޅާފައިވާ މައިންތައް ނައްތާލުން ހިމެނެއެވެ.
  5. އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން، އީރާން އަލުން ބިނާކުރުމަށާއި އިގްތިސާދީ ގޮތުން ތަރައްގީ ކުރުމަށް، ދެ ފަރާތުން އެއްބަސްވާ ފުރިހަމަ ޕްލޭނެއް އެކުލަވާލާނެއެވެ. އަދި މިކަމަށް މަދުވެގެން 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާނެއެވެ. މި ޕްލޭން ތަންފީޒު ކުރާނެ ގޮތް ފައިނަލް އެގްރީމަންޓުގެ ބައެއްގެ ގޮތުގައި 60 ދުވަހުގެ ތެރޭގައި ކަނޑައަޅާނެއެވެ.
  6. އެމެރިކާއިން މިހާރު އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެންނާނެއެވެ. މީގެ ތެރޭގައި އދ. ގެ ސަލާމަތީ މަޖިލީހާއި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސގެ ބޯޑުން ނިންމާފައިވާ ނިންމުންތަކާއި، އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ އަސާސީ އަދި ސާނަވީ ފިޔަވަޅުތައް ހިމެނެއެވެ. މިކަން ހަމަޖެހޭނީ ފައިނަލް އެގްރީމަންޓުގައި އެއްބަސްވާ ތާވަލަކާ އެއްގޮތަށެވެ.
  7. އީރާނުން އަލުން ކަށަވަރުކޮށްދެނީ ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމުގެ ނިޔަތެއް ނެތްކަމެވެ. އީރާނާއި އެމެރިކާ އެއްބަސްވަނީ، ޔުރޭނިއަމް މާއްދާތައް މުއްސަނދިކުރުމާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި އެހެނިހެން ކަންކަމުގެ ނިޔަތްތަކާއި، އީރާނުގެ ނިއުކްލިއާ ބޭނުންތައް ފަދަ ކަންކަން ފައިނަލް އެގްރީމަންޓުގައި އެކަށީގެންވާ ގޮތަކަށް ހައްލު ކުރާނެ ކަމަށެވެ. ފައިނަލް އެގްރީމަންޓުން މި މާއްދާގެ ކަންކަން ކަށަވަރު ކުރާނެއެވެ.
  8. ފައިނަލް އެގްރީމަންޓަކަށް ވާސިލްވަންދެން، މިހާރު އޮތް ހާލަތު ދަމަހައްޓަން ދެ ގައުމުން އެއްބަސްވެއެވެ. އެގޮތުން އީރާނުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އޮތް ގޮތަށް ބާއްވާނެއެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް ނާޅާނެއެވެ. އަދި އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް އިތުރަށް ވަރުގަދައެއް ނުކުރާނެއެވެ.
  9. އެމެރިކާއިން ވައުދުވަނީ، މި ފަހުމުނާމާގައި ސޮއިކުރާ ހިނދުން ފެށިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން، އީރާނުގެ ސާފުނުކުރާ ތެލާއި، ޕެޓްރޯކެމިކަލް އުފެއްދުންތަކާއި، އޭގެން އުފައްދާ އެހެނިހެން ތަކެއްޗާއި، އެއާ ގުޅުންހުރި ހުރިހާ ހިދުމަތްތައް ކަމަށްވާ ބޭންކިން، އިންޝުއަރެންސް، ދަތުރުފަތުރު ފަދަ ކަންކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހުއްދަ ދޭނެއެވެ.
  10. އެމެރިކާއިން ވައުދުވަނީ، ފައިނަލް އެގްރީމަންޓަށް މަޝްވަރާތައް ކުރިއަރަމުންދާ ވަރަކަށް، ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދާ ދޫކޮށް، އެކަންކަން ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. މި ފައިސާ، އީރާނުގެ މަރުކަޒީ ބޭންކުން ކަނޑައަޅާ ފަރާތްތަކަށް ދެއްކުމަށްޓަކައި، އެކައުންޓްތަކުގައި ހުރި ނަމަވެސް ނުވަތަ އެހެން ތަނަކަށް ބަދަލުކުރި ނަމަވެސް، ފުރިހަމައަށް ބޭނުން ކުރެވޭނެއެވެ. އަދި މިކަމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ދިނުމަށް އެމެރިކާއިން ވައުދުވެއެވެ.
  11. ފައިނަލް އެގްރީމަންޓް ތަންފީޒު ކުރުމާއި، ކުރިއަށް އޮތް ތަނުގައި އެއަށް އަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައި މޮނިޓަރިން މެކޭނިޒަމެއް ގާއިމް ކުރުމަށް ދެ ގައުމުން އެއްބަސްވެއެވެ.
  12. މި ފަހުމުނާމާގައި ސޮއިކުރުމަށްފަހު، އަދި 4، 5، 10، އަދި 11 ވަނަ މާއްދާތައް ތަންފީޒު ކުރަން ފެށުމާއި އެކަންކަން ދެމެހެއްޓުމާ ގުޅޭ ޔަގީންކަން ލިބުމުން، އީރާނާއި އެމެރިކާ ބާކީ ހުރި މާއްދާތަކާ ގުޅޭ ފައިނަލް އެގްރީމަންޓަކަށް މަޝްވަރާ ފަށާނެއެވެ.
  13. ފައިނަލް އެގްރީމަންޓް ފާސްކުރާނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ބައިނަލްއަގްވާމީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ގަރާރަކުންނެވެ."

އީރާނުން ބަދަލުގެ ގޮތުގައި ބޭނުންވީ 600 ބިލިއަން އެކަމަކު ލިބެނީ 300 ބިލިއަން ޑޮލަރު

 

ހިއްސާ ކުރައްވާ!