ޔޫއޭއީގައި މީސް މީޑިއާ ބޭނުންކުރެވޭނީ 15 އަހަރު ވުމުން

އަރަބި ގައުމުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް، ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެންމެ ހަގު އުމުރުފުރާގެ ގޮތުގައި 15 އަހަރު ކަނޑައެޅި ފުރަތަމަ ގައުމަކީ ޔޫއޭއީ އެވެ. ކުޑަކުދިންނަށް އިންޓަނެޓުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް އެޅި މި ފިޔަވަޅުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓު ހުޅުވުމާއި، ބޭނުންކުރުން މަނާވާނެއެވެ.

މި އުސޫލުތަކާ އެއްގޮތަށް، 15 އަހަރުން ދަށުގެ ކުދިންނަށް ޕޯސްޓް ކުރުމާއި، ކޮމެންޓް ކުރުމާއި، ޝެއާ ކުރުމުގެ އިތުރުން ޢާންމު ގްރޫޕުތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވާނެއެވެ. 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ ކުދިންގެ އުމުރާ އެކަށޭނެ ކޮންޓެންޓްތައް އެކަނި ފެންނަ ގޮތަށް ހަދައި، ބީރައްޓެހިންނާ މުއާމަލާތް ކުރުން ހަނިކޮށް، އަދި ބެލެނިވެރިންގެ ފާރަވެރިކަމުގެ ދަށުންނެވެ.

ސޯޝަލް މީޑިއާ ކުންފުނިތަކުން މި އުސޫލުތައް ތަންފީޒު ކުރުމަށްޓަކައި ވަރުގަދަ އުމުރު ކަށަވަރުކުރާ ނިޒާމުތައް ގާއިމުކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޗެކްކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުމުރު ދެނެގަތުން ހިމެނެއެވެ. ހަމައެކަނި އަމިއްލައަށް އުމުރު ބަޔާން ކުރުމަކީ މިކަމަށް އެކަށީގެންވާ ފިޔަވަޅެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

  • މީގެ އިތުރުން، 15 އަހަރުން ދަށުގެ ކުދިންގެ އެކައުންޓުތައް ކުންފުނިތަކުން ޑިސޭބަލް ކުރަން ޖެހޭނެއެވެ.
  • ކުދިންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޓާގެޓެޑް އިޝްތިހާރުތައް ދެއްކުން ވެސް މި އުސޫލުން މަނާކުރެއެވެ.
  • ޔޫއޭއީގައި ހަރަކާތްތެރިވާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކަށް މި އުސޫލުތަކަށް އަމަލުކުރުމަށް 12 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ފިޔަވަޅުތަކުގެ މަގުސަދަކީ ކުޑަކުދިންނަށް ނޭދެވޭ ކޮންޓެންޓް ފެނުމާއި، އިންޓަނެޓް މެދުވެރިކޮށް ދިމާވާ ނުރައްކާތަކުންނާއި، ޒާތީ މައުލޫމާތު އެއްކުރުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމެވެ. މިފަދަ ފިޔަވަޅުތައް މިހާރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދަނީ އަޅަމުންނެވެ.

ހިއްސާ ކުރައްވާ!