ސައޫދީގައި ބިދޭސީންނަށް އެ ޤައުމުން ބިން މިލްކުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އައު ޤަވާއިދުތައް ސައުދީ ޢަރަބިއްޔާގެ ކެބިނެޓުން ފާސްކޮށްފިއެވެ. މިއީ ސައުދީ ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ރަސްމީ ނޫސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، މި އައު ޤަވާއިދުތަކުގެ ދަށުން ބިދޭސީންނަށް ބިން މިލްކުކުރުމުގެ ފުރުސަތު އޮތް ޖިއޮގްރަފީީ ސަރަހައްދުތައް ވެސް ކެބިނެޓުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ވޭތުވެދިޔަ އަހަރު އިންވެސްޓްމަންޓު މިނިސްޓްރީން އާންމުންގެ ޚިޔާލު ހޯދުމަށްފަހު ނިންމި ނިންމުމެކެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް އަމާޒުކޮށްފައިވާ ސަރަހައްދުތަކުގައި، ބިދޭސީންނަށް ބިން މިލްކުކުރުމާއި އޭގެ ފައިދާ ހޯދުމުގެ އިންތިޒާމުތައް ހަރުދަނާކުރުމެވެ. މީގެ ތެރޭގައި މައްކާ އާއި މަދީނާ ފަދަ މުޤައްދަސް ސިޓީތައް ވެސް ހިމެނެއެވެ.
ސައުދީ އަރަބިއްޔާގައި ބިދޭސީންނަށް ބިން މިލްކުކުރުމުގެ ފުރުސަތު އޮތް ސަރަހައްދުތައް:
- މައްކާ:
އަބްރާޖް މައްކާ، އަލް މަނާރު، ބުރުޖް އަޖިއާދު، ބައްވާބަތުލް މަލިކް ސަލްމާން، ތިލާލް ވިލެޖް، ޖަބަލް އުމަރު، ޛާޚިރު މައްކާ، ޟާހިޔަތު ސުމޫ، މަސާރު، އަދި މައްކާގެ ދެ ސަރަހައްދު (1 އަދި 2). - މަދީނާ:
އަލް ޣައްރާ، މަދީނާގެ ދެ ސަރަހައްދު (1 އަދި 2)، އަލް މަހްވާ، ދާރަތުލް ހިޖްރާ، ޑައުން ޓައުން މަދީނާ، ދިޔާރުލް މަޤައްރު، ރޫއާ އަލްމަދީނާ، މަދީނަތުލް މަޢުރިފާ އަލްއިޤްތިޞާދިއްޔާ، އަދި މިޝްރާފް. - ރިޔާޟް:
އަލް ޤުއްދިޔާ، އަލް މުރައްބަޢުލްޖަދީދު، އަލް މަސާރުއް ރިޔާޟީ އަދި މަންޡިޤަތުލް ފުނޫން، ބައްވާބަތުލް ދިރްޢިއްޔާ، ހަދީޤަތުލް މަލިކް ސަލްމާން، ސިދްރާ، މަރުކަޒުލް މަލިކް ޢަބްދުﷲ އަލްމާލީ (ކާފަޑް)، އަދި މަޠާރުލް މަލިކް ސަލްމާން އައްދައުލީ. - ޖިއްދާ:
ވަސަތު ޖިއްދާ، މީގެ އިތުރުން ޖިއްދާ ގަވަރުނޭޓްގައިވާ 55 ތަރައްޤީީ ސަރަހައްދު.
މި ފިޔަވަޅަކީ ސައުދީ ސަރުކާރުގެ 'ވިޝަން 2030′ ގެ ދަށުން ތެލުގެ އާމްދަނީއަށް ބަރޯސާވުން ކުޑަކޮށް، 2030 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ ސީދާ ބޭރުގެ އިންވެސްޓްމަންޓުތައް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
’ނައިޓް ފްރޭންކް' އިން ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި ސައުދީގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން އަންނަނީ ބިމެއް ނުވަތަ ގެއެއް ގަތުމަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.
ސައުދީ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބިދޭސީންނަށް ސްޓޮކް މާކެޓްގައި އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމާއި، އަދި ހުސް ބިންތަކުން ޓެކްސް ނެގުން ފަދަ ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ސައުދީގެ ރިއަލް އެސްޓޭޓް މާކެޓް ހުޅުވި، އެ ދާއިރާގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް މާހިރުން ދެކެއެވެ.





