ސައުދީ ޢަރަބިއްޔާއަށް މަސްތުވާތަކެތި އެތެރެކުރި 5 އިތިއޯޕިއާ މީހަކަށް މަރުގެ އަދަބު ދީފި

ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ހާމަކުރި ގޮތުގައި، އެ ޤައުމުގެ ޢަސީރު ސަރަޙައްދުގައި އިތިއޯޕިއާގެ 5 ރައްޔިތަކަށް މަރުގެ އަދަބު ދީފިއެވެ. މި މީހުންނަށް މަރުގެ އަދަބު ދީފައިވަނީ ސައުދީ ޢަރަބިއްޔާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝީޝް އެތެރެކުރަން އުޅުމުގެ ކުށުގައެވެ. ސަލާމަތީ ފަރާތްތަކުން މި މީހުން ހައްޔަރުކޮށް، ތަހުގީގުތައް ފުރިހަމަކުރުމަށްފަހު، އެ މީހުންގެ މައްޗަށް ކުށް ސާބިތުވެ، ކޯޓުން ވަނީ "ތަޢުޒީރީ" ގޮތުން މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައެވެ.

މި ޙުކުމް ސްޕްރީމް ކޯޓުން ތާއީދުކޮށް، ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން އެ ޙުކުމް ތަންފީޒުކޮށްފައިވަނީ މި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

މަސްތުވާތަކެއްޗަކީ މުޖުތަމައުއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުން ފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ދެވޭ އެންމެ ބޮޑު އަދަބު ދޭނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!