އެފްރިކާގެ ބައެއް ޤައުމުތަކުގައި "އެބޯލާ" ވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން އެ ޤައުމުގެ ރައްޔިތުން އެފްރިކާގެ 3 ޤައުމަކަށް ދަތުރުކުރުން މަނާކޮށްފިއެވެ. މި ޤައުމުތަކަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔޫގަންޑާ އަދި ދެކުނު ސޫދާންއެވެ.
ސައުދީ އިން ބުނާ ގޮތުގައި، މި ފިޔަވަޅުތައް އަޅާފައިވަނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން އެ ޤައުމުތަކުގައި އެބޯލާ ފެތުރެމުންދާ މިންވަރު ދިރާސާކުރުމަށްފަހުއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސައުދީ ރައްޔިތުން އެ 3 ޤައުމަށް ދަތުރުކުރުން މަނާކުރުމާއި، އެ ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް އަންނަ މީހުންނަށް ދޫކުރާ ހުރިހާ ބާވަތެއްގެ ވިސާއެއް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން ސައުދީއަށް އައުމުގެ 21 ދުވަސް ކުރިން މި ޤައުމުތަކުގައި މަޑުކޮށްފައިވާ އެހެން ޤައުމުތަކުގެ މީހުންނަށް ވެސް އެ ޤައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، އެބޯލާ ފެތުރޭ ސަރަހައްދުތަކާ އިންވެގެން އޮތް ޤައުމުތައް ކަމަށްވާ ރްވާންޑާ، ބުރުންޑީ، ޓެންޒޭނިއާ އަދި ކޮންގޯ (ބްރަޒަވިލް) އިން އަންނަ މީހުންނަށް ސައުދީގެ ބޯޑަރުތަކުގައި ހަރުކަށި ފިޔަވަޅުތަކާއި ސިއްހީ ޗެކްއަޕްތައް ހެދުން ވަނީ ވަރުގަދަކޮށްފައެވެ.
ސައުދީގެ ޕަބްލިކް ހެލްތު އޮތޯރިޓީ "ވިގާޔާ" އިން ވަނީ ސައުދީގައި އެބޯލާގެ އެއްވެސް ކޭހެއް މިހާތަނަށް ފެނިފައިނުވާކަން ކަށަވަރުކޮށްދީފައެވެ. އަދި ޤައުމުގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، މި ފިޔަވަޅުތަކަކީ ހަމައެކަނި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެ އިދާރާއިން ބައިނަލްއަޤްވާމީ ސިއްހީ ހާލަތު 24 ގަޑިއިރު މޮނިޓަރ ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.






