ޔޫއޭއީން 6 ޤައުމެއްގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދޭން ފަށައިފި

ޔޫއޭއިން ވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ 6 ޤައުމެއްގެ ރައްޔިތުންނަށް އެ ޤައުމަށް އެތެރެވުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރަން ފަށާފައެވެ.

އެ ގައުމުތަކަކީ: އިންޑޮނޭޝިއާ | އެޓްނާމް | ތައިލެންޑް \ ފިލިޕީންސް \ ކެންޔާ | ދެކުނު އެފްރިކާ އެވެ.

މި ޤައުމުތަކުގެ ރައްޔިތުންނަށް މި ވިސާ ލިބޭނީ، އެމެރިކާ، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތައް، އިނގިރޭސިވިލާތް، ސިންގަޕޫރު، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ނުވަތަ ކެނެޑާގެ ސައްހަ ރެޒިޑެންސީ ވިސާއެއް އޮތް ނަމައެވެ.

މި ފަރާތްތަކަށް 14 ދުވަހުގެ ވިސާ ލިބޭނެއެވެ. މި ވިސާގެ ފީއަކީ 100 ދިރުހަމެވެ. މި ވިސާ ޤައުމުގައި ހުރެގެން އެއް ފަހަރު އާކުރެވޭނެއެވެ. އަދި 60 ދުވަހުގެ ވިސާ ވެސް ދޫކުރާނެއެވެ. މި ވިސާގެ ފީއަކީ 250 ދިރުހަމެވެ. މި ވިސާ އާ ނުކުރެވޭނެއެވެ.

ވިސާގެ މުއްދަތު ހަމަވާއިރުވެސް ޤައުމުން ނުފުރައިފިނަމަ، ޤަވައިދާ ޚިލާފުވާ ކޮންމެ ދުވަހަކަށް 50 ދިރުހަމުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.

މި ފިޔަވަޅަކީ ޔޫއޭއީގެ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކޮށް، ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވާލުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެއެވެ. އަދި މިއީ އިމާރާތަކީ ދުނިޔޭގެ ފެންވަރުގެ ވިޔަފާރިއާއި، ޓޫރިޒަމާއި، އިންވެސްޓްމަންޓްގެ މަރުކަޒެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް ހާމަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!