ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ބޮޑު ކުންފުނި 'އަރާމްކޯ' ގެ ހެލިކޮޕްޓަރެއް އެ ގައުމުގެ އިރުމަތީ އައްސޭރިފަށުގެ ރާސް ތަނޫރާއަށް ވެއްޓި، އޭގައި ތިބި 14 މީހަކު މަރުވެއްޖެއެވެ.
ސައުދީގެ ދައުލަތުގެ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:00 ޖެހިއިރުއެވެ. މި ހާދިސާގައި މަރުވެފައިވަނީ ސައުދީގެ ރައްޔިތުންނެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ކަމާބެހޭ އިދާރާތައް ގުޅިގެން މި ހާދިސާ ތަހުގީގުކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
މި ހާދިސާ މި ހިނގީ އަރާމްކޯގެ ރާސް ތަނޫރާ ޓާމިނަލްގައި ތެޔޮ ބަރުކުރުމުގެ މަސައްކަތްތައް ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް މެދުކެނޑުމަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އަލުން ފަށާފައިވަނިކޮށެވެ.
މެދުއިރުމަތީގެ ގައުމުތަކުން ތެލާއި ގޭހުގެ އުފެއްދުންތައް އިތުރުކޮށް، އެކްސްޕޯޓް ކުރަމުންދާ މި ދަނޑިވަޅަކީ އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ވަގުތީ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުންދާ ވަގުތެކެވެ.
މި ހާދިސާއާ ގުޅޭގޮތުން އަރާމްކޯއިން އަދި ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށާއި، ތަހުގީގުގެ ތެރެއިން އިތުރު މައުލޫމާތުތައް ލިބޭނެ ކަމަށް ބެލެވެއެވެ.





