ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ފުލުހުންގެ މައި އިދާރާއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. މި މަޝްރޫއަކީ ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކޮށް، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާ ބޮޑު ބަދަލެކެވެ.
"މައި ހެޑްކުއާޓަރު މިހާރު އެހެރީ ކުޑަކުޑަ ތަންކޮޅެއްގައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެހެންވީމަ ޒަމާނަށްފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް، އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއާޓަރެއް މާލޭގައި އެޅުމަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނަން."
"މައި ހެޑްކުއާޓަރު މިހާރު އެހެރީ ކުޑަކުޑަ ތަންކޮޅެއްގައި. އެެހެންވީމަ ޒަމާނަށްފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް، އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއާޓަރެއް އިރާދަކުރެއްވިއްޔާ މާލޭގައި އެޅުމަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސުލްޖުމްހޫރިއްޔާ
މި މަޝްރޫއުގެ ދަށުން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމުގެ ކަންކަން ފަހިކޮށްދިނުމާއި، އާބާދީ ބޮޑު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ވަސީލަތްތަކާއެކު ޖާގަ ތަނަވަސް އައު އިމާރާތެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކުރަން ފަށާފައިވާ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރު ނިންމާލުމަށް އަމާޒު ހިފާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގައުމީ ޚިދުމަތެއްގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވެސް ވިދާޅުވެފައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތްތަކަށް ލިބޭ އިނާޔަތްތައް ހިސާބުކުރުމުގެ އުސޫލު ބަދަލުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. މި ބަދަލުގެ ދަށުން 25 އަހަރު ޚިދުމަތްކޮށް ރިޓަޔަރކުރާ ފުލުހުންނަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ހިލޭ ފުރުސަތުތައް ހަމަޖައްސައިދޭނެއެވެ.
"މިއީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު،" ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ވަސީލަތްތައް އިތުރުކުރުމާއި މުވައްޒަފުން ތަމްރީންކުރުމަށް މުއައްސަސާއިން ޚާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް "އޮނަރ ގަރޑް"އެއް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.




