އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހަލުވިކުރުމަށްޓަކައި، ދޯހާގައި ޓެކްނިކަލް ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ނަމަވެސް، މި މަޝްވަރާތައް ކުރިއަށްދަނީ ޤަތަރުގެ މެދުވެރިން މެދުވެރިކޮށް، ދެ ފަރާތް ވަކިވަކިން ބައްދަލުކުރާ ގޮތަށް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ހާމަކުރައްވައިފިއެވެ.
ވެންސް ވިދާޅުވީ، އީރާނުން މި މަޝްވަރާތަކަށް "ސުލްހައިގެ މަޝްވަރާތަކޭ" ބުނުމަށް ދެކޮޅު ހަދައި، އެއީ ހަމައެކަނި "ޓެކްނިކަލް މަޝްވަރާތަކެއް" ކަމަށް ބުނާ ކަމަށެވެ. މިއީ އީރާނުގެ ޚާއްޞަ ސްޓައިލެއް ކަމަށާއި، މި ބަހުސްތައް ފަހުމުވާން އުނދަގޫ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން އެގޮތަށް އަމަލު ކުރަމުންދާ ސަބަބު މި ލިޔުމުގައި:
މީގެ އިތުރުން، އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރާޑް ކުޝްނަރ އާއި ސްޓީވް ވިޓްކޯފް ވަނީ ޤަތަރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަޝްވަރާތަކުގެ ކުރިއެރުމާ ގުޅޭގޮތުން ފައްސި މަޝްވަރާތަކެއް ކޮށްފައެވެ.
ފޭރިގެންފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކުރުމާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލަކު ވަނީ ވަރަށް ސާފުކޮށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގައިވާ ޝަރުތުތައް ފުރިހަމަ ނުކުރަނީސް، އެއްވެސް ފައިސާއެއް އީރާނަށް ނުލިބޭނެ ކަމަށެވެ.
އީރާނުން އެދެމުން އައީ ހުރިހާ ފައިސާއެއް އެއްފަހަރާ ދޫކުރުމަށެވެ. ނަމަވެސް އެމެރިކާއިން އެކަމާ ދެކޮޅު ހަދައި، ފައިސާތައް ދޫކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން، ސީދާ މުދާ ސަޕްލައިކުރާ ފަރާތްތަކަށް ކަމަށް ނިންމާފައިވެއެވެ. އީރާނުން ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރުކުރާ އުޅަނދުތަކުން ނަގާ ފީތައް ހުއްޓާލައި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނަމަ، އިންސާނީ އެހީގެ ގޮތުން މުދާ ގަތުމަށް ފައިސާގެ ބައެއް ބޭނުންކުރުމުގެ ފުރުސަތު ދެވޭނެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު އެއް މަގްސަދަކީ ހުރުމުޒު ކަނޑުއޮޅީގެ މިނިވަންކަން ކަށަވަރުކުރުމެވެ. 1968 ވަނަ އަހަރު އީރާނާއި އޮމާނާ ދެމެދު އެކުލަވާލާފައިވާ ޤަވާއިދުތަކާ ޚިލާފަށް އީރާނުން އަމަލުކުރަމުން ދާތީ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ވެސް ބޮޑެވެ.
މީގެ އިތުރުން، މިދިޔަ މެއި މަހު ހަމަލާއެއް ދިން ކޮރެޔާގެ "ނާމޫ" މަރުކާގެ މުދާ އުފުލާ އުޅަނދު، މަރާމާތު ކުރުމަށްފަހު ޖުލައި މަހުގެ މެދުތެރޭގައި ހުރުމުޒު ކަނޑުއޮޅިން ފުރާނެ ކަމަށް ކޮރެޔާއިން ވަނީ އިއުލާނުކޮށްފައެވެ.
-
އީރާނުގެ ފަރާތުން ފައިސާ ދޫކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ބުނި ނަމަވެސް، ޤަތަރުން ޔަޤީންކޮށްދީފައިވަނީ އެއްވެސް ފައިސާއެއް އަދި ފޮނުވާފައި ނުވާ ކަމަށެވެ.
-
އެމެރިކާ އާއި އީރާނުގެ އަސްކަރީ އިސް ފަރާތްތަކުގެ މެދުގައި ކުއްލި ހާލަތްތަކުގައި ގުޅޭނެ ޗެނަލްތައް މިހާރު ހުޅުވިފައިވެއެވެ.





