ބާބްރީ މިސްކިތް ޝަހީދުކުރުމަށްފަހު އިންޑިއާިއން ހަދާފައިވާ އަޔޯދިޔާ ބޮޑު ފައްޅީގައި މާލީ ބޮޑު ފަޟީހަތެއް ވަނީ ކުރިމަތިވެ ދުނިޔެއަށް ބޭޒާރުވެފައެވެ. މިހާރު އަޔޯދިޔާގެ ނަމުން ނަންދީފައިވަ މިސިޓިއަކީ އިސްލާމީ ވެރިކަމުގައި ފައިޒްއާބާދެވެ. ފާއިތުވި ހަފުތާތަކުގައި އަޔޯދިޔާއިން އިވެމުންދިޔައީ ހަމައެކަނި ސިޔާސީ ގޮވާލުންތަކެއް ނޫނެވެ. ފައްޅީގެ ޚައިރާތު ފޮށްޓާ ހަވާލުވެ ތބޭ ހާމުދުރުން މިލިއަނުން ޚައިރާތު ފައިސާއާއި ރަނާއި ރިހި ވަގަށް ނަގައިގެން އަމިއްލަ ކަރަޕްޝަން ހިންގި ވާހަކައަކީ މިހާރު ކޮންމެ ދުވަހެްގެ ސުރުޚީއެވެ.
ފައްޅީގެ ސިއްރު ކެމެރާތަކުން ފެނުނު މަންޒަރުތަކުން އިންޑިއާ ސިއްސުވާލިއެވެ. ހާމުދުރުންނާއި އެތެރޭގެ މުވައްޒަފުން ދިޔައީ އަޅުވެރިންގެ ބުރަ މަސައްކަތުން ހޯދައިގެން ކައިރާތު ކުރި ފައިސާ، އެމީހުންގެ އުނަގަނޑާއި އިސްޓާކީނުތަކުގެ ތެރޭގައި ފޮރުވައިގެން ވަގަށް ނަގަމުން ބޭރު ކުރަމުންނެވެ.
މި ބޮޑު ހިޔާނާތުގެ ހޫނުގަނޑުގައި، ފައްޅީގެ ކައިރާތު ފަންޑު ފޮށި ބަލަހައްޓާ ނުފޫޒުގަދަ ހާމުދުރަށްވެސް މަގާމުން އިސްތިއުފާދޭން މަޖުބޫރުވެފައި ވެއެވެ. ތަހުގީގީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކުޑަ މުސާރައެއް ލިބޭ މަސައްކަތްތެރިން، މިލިއަނުން ވަގަށް ނެގި ފައިސާއިން ކުއްލިއަކަށް އަގުބޮޑު ލަގްޒަރީ ކާރުތަކާއި ދަނޑުބިންތައް ގަންނަމުންދިޔައީ ހިފެހެއްޓުމެއް ނެތް ދަހިވެތިކަމެއްގައެވެ.
ނަމަވެސް، މި ތޫފާނުގެ މަރުކަޒުން ފައިޒްއާބާދުގެ އުތުރަށް، ކާރުގައި ދެ ގަޑިއިރުން ދެވޭހާ ކައިރީގައި އޮންނަނީ ގޯރަކްޕޫރެވެ. އެތަނުގެ ފައްޅި ގޯރަކްނާތު މަތު ޚަބަރުގެ ސުރުޚީއަށް އައިސްފައި ވަނި އެ ފައްޅީގައި އުޅޭ މުސްލިމު މުވައްޒަފެއްގެ އަމާނާތްތެރި ކަމުންނެވެ.
މި ފައްޅީގައި، ފާއިތުވި 60 އަހަރުގެ ތެރޭގައި މާލީ ގޮތުން އާދަޔާ ޚިލާފު ތާރީޚެއް ވަނީ ހިމޭންކަމާއެކު ލިޔެވިފައެވެ. އެއީ މުސްލިމެއްގެ އަމާނާތްތެރި ކަމުން ލިޔެވިފައިވާ ވާހަކައެކެވެ.
މި ތާރީޚަކީ، ޔާސީން އަންސާރީ ކިޔާ މުސްލިމެކާ ގުޅިފައިވާ ވާހަކައެކެވެ.
ގޯރަކްނާތު މަތު ފައްޅީގެ އެންމެ އިސް ހާމުދުރަކީ އިންޑިއާގައި މުސްލިމުން އެންމެ ގިނަ އަދި މުސްލިމުންނާ އެންމެ އަދާވާތްތެރި އުތުރަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތިޔަނާތެވެ.
އެފައްޅީގެ އެތެރެއަށް ވަދެލުމުން، ޔާސީން އަންސާރީ ފެނެއެވެ. އަންސާރީގެ އާއިލާއަށް މި ފައްޅިއަކީ ހަމައެކަނި ވަޒީފާ އަދާކުރާ ތަނެއް ނޫނެވެ؛ އެއީ އެއާއިލާގެ ދިރިއުޅުން އެތަނެއްގެ ވަށާއިގެން ބިނާވެފައިޥާ ތަނެވެ.
ޔާސީން އަންސާރީގެ ކާބަފައިން ވަނީ މި ފައްޅިއާ ވަޒީފާގެ ގޮތުން ޒަމާނުއްސުރެން ގުޅިފައެވެ. އޭނާގެ ބޮޑުބޭބެ ބެލެހެއްޓީ ފައްޅީގެ ބޮޑު ބަދިގެއެވެ. އޭގެ ފަހުން، އޭނާގެ މައިދައިތަ ހަމީދާ ބޭގަމް ވަނީ އެފައްޅީގެ ބަދިގެ ބަލަހައްޓާ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ބަފާބެ ވަނީ ފައްޅީގެ ބޮޑު ބަގީޗާ ބަލަހައްޓާފައެވެ.
ޔާސީން އަންސާރީ މި ފައްޅީގެ އިދާރީ ހިންގުމާ ރަސްމީކޮށް ހަވާލުވެ ހުންނަ ފައިސާ މެނޭޖުކުރާ މީހާއެވެ. އޭނާއާ އެމަސައްކަތް ހަވާލުކުރެވުނީ އޭނާގެ އަމާނާތްތެރިކަން އެމީހުންނަށް ޔަގީން ކުރެވި އިމްތިހާނު ކުރެވިގެންނެވެ. 1977 އިން 1983 އަށް، އަންސާރީ މަސައްކަތް ކޮށްފައި ވަނީ ގޯރަކްނާތު ފައްޅީގެ ރަސްމީ ކެޝިއަރުގެ ވަޒީފާގައެވެ.
ޔާސީން އަންސާރީ ފައްޅީގެ އިސް ކެޝިއަރުގެ ގޮތުގައި ހުރި އިރު ޚައިރާތު ފޮށްޓާއި ހިލޭސާބަހަށް މީހުން ދޭ ޗަންދާގެ ފައިސާ މިލިއަނުން ރައްކާތެރި ކަމާއެކު ބެލެހެއްޓިއެވެ.
ފަހުން އޭނާއަށް ވަނީ ޕްރޮމޯޝަނެއް ލިބި ފައްޅީގެ ހުރިހައި ކޮންސްޓްރަކްޝަން މަސައްކަތުގެ އިސް ސުޕަރވައިޒަރުގެ މަގާމު ދީފައެވެ.
މި ފައްޅީގައި އަމާނާތްތެރިކަމާއެކު ކަންކަން ބަލަހައްޓާފައިވާ ކަމަށް ބުނާ މީޑިއާ ރިޕޯޓުތަކުގައި ބުނަނީ އަންސާރީ ކޭޝިއަރުގެ މަގާމުގައި ހުރިއިރު، އެތައް ކްރޯޑް ރުޕީސްއެއްގެ ނަގުދު ފައިސާއާއި، ފައިސާފޮއްޗާއި، ރަން އޭނާގެ އަތްމަތިން ދައުރުވި ކަމަށެވެ. ޒަމާނީ އޮޓޮމޭޓެޑް ސެކިއުރިޓީ ނިޒާމުތަކާއި، ޑިޖިޓަލް އޮޑިޓްތަކާއި، ނުވަތަ ހައިޑެފިނިޝަން ސީސީޓީވީ ކެމެރާތައް އުފެދުމުގެ އެތައް އަހަރެއް ކުރިން، ހިންދޫންގެ އެންމެ މުގައްދަސް އެއް ފައްޅީގެ މުޅި މުއްސަނދިކަން ރައްކާތެރިކަމާއެކު ބިނާވެފައި އޮތީ، ރޯދައަށް ހުންނަ މުސްލިމް އިންސާނެއްގެ އަމިއްލަ ތެދުވެރިކަމުގެ މައްޗަށް ކަމަށް ބުނެފައި ވެއެވެ.
އަންސާރީ އެ މަސައްކަތާ ޙަވާލުވެ ހުރި އެ ހުރިހާ އަހަރެއްގެ ތެރޭގައި އެންމެ ލާރިއެއްވެސް މަދުވެފައެއް ނުވެއެވެ.
އަންސާރީގެެ ތެދުވެރިކަމުގެ ސަބަބުން އޭނާއަށް ވަނީ އާދަޔާ ހިލާފު އިތުބާރެއް ހާމުދުރުންގެ ފަރާތުން ލިބިފައެވެ. މިއަދާ ހަމައަށްވެސް، އަންސާރީ ފައްޅީގެ އެންމެ ޚާއްސަ ފަންގިފިލާތަކާއި ބަދިގެއިން ފެށިގެން ގޮސް ޔޯގީ އަދިތްޔަނާތުގެ އަމިއްލަ ކޮޓަރިއާ ހަމައަށްވެސް ހިތްހަމަޖެހިލައިގެން މިނިވަންކަމާއެކު ހިނގާބިނގާވެ އުޅެއެވެ.
"އަހަންނާއި ޗޯޓޭ މަހާރާޖު (ޔޯގީ)އާ ދެމެދު އޮންނަނީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް،" އަންސާރީ ހިނިތުންވުމާއެކު ކިޔައިދިނެވެ. "އޭނާ މިތަނަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު، ފައްޅީގެ ބިނާކުރުމުގެ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދެވުމަށް ގޮވާލައްވާ. އޭނާގެ އަމިއްލަ ކޮޓަރިކޮޅަށްވެސް އަހަންނަށް މިނިވަންކަމާއެކު ވަދެވޭ، އަދި އޭނާގެ އަރިހުގައި އިށީނދެގެން އިނދެ ކައިވެސް ހަދަން." އަންސާރީ މީޑިއާއަށް ކިޔައި ދީފައި ވެއެވެ.
1984 ވަނަ އަހަރު، އޭނާގެ ހިންގުމުގެ ހުނަރާއި ސާފު ރެކޯޑަށް ބަލާފައި، ފައްޅީގެ ވެރިން އަންސާރީ ފައިސާ ބެލެހެއްޓުމުން ބިނާކުރުމުގެ ދާއިރާއަށް ބަދަލުކޮށް، އޭނާއަކީ ޗީފް ކޮންސްޓްރަކްޝަން ސުޕަވައިޒަރު ކަމުގައި ހަމަޖެއްސިއެވެ. ފައްޅީގެ ފުރަތަމަ ޗީފް އިންޖިނިއަރަކީވެސ ްމުސްލިމެކެވެ. އެއީ ނިސާރު އަހުމަދުއެވެ. ނިސާރު އަހުމަދަކީ "ހިންދޫ ސޭވާޝްރަމް" އާއި "ގޯރަކްނާތު ހޮސްޕިޓަލް" ފަދަ ފައްޅީގެ މަޝްހޫރު ބިނާތައް ފަރުމާކުރި މީހާއެވެ. އަންސާރީ ވަނީ 35 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މި ޒަމާނީ ފައްޅި ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. ގޯރަކްނާތު ފައްޅީގެ 400ގެރި ބަލަހައްޓަނީވެސް ނާތު މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.
މިމީހުންނަށް މި ފަދަ މާހައުލެއްގައި އުޅެވިފައި ވަނީ މިމީހުންގެ އަޚުލާގާއި އަމާނާތްތެރި ކަމުން ކަމަށް މީޑިއާއިން ބުނެއެވެ. އަދި އަޔޯދިޔާ ފައްޅީގެ މާލީ ކަންކަންވެސް މުސްލިމުންނާ ހަވާލުކޮށްފައި ބޭއްވިނަމަ މާލީ ފަޟީހަތެއް ކުރިމަތި ނުވީސްކަމަށް ބުނެއެވެ.







