ޔަހޫދީ މަސްއޫލުވެރިން ވަގަށް ނަގަން އީރާނުން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ

އިސްރާއީލުގެ އާމީ ރޭޑިއޯއިން މޮސާޑާ ހަވާލާދީ ބުނެފައިވަނީ، އިސްރާއީލުގެ އިސް މަސްއޫލުވެރިން ވަގަށް ނެގުމުގެ ނިޔަތުގައިު އިސްރާއީލަށް ވަގަށް ވަންނަން އީރާނުން ރޭވި އޮޕަރޭޝަނެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

މޮސާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިސްރާއީލާއި ޔަހޫދީ އަމާޒުތަކަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް އީރާނުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިގެން، ބައިނަލްއަގުވާމީ އިދާރާތަކާއެކު ކުރެވުނު ގުޅިފައިވާ މަސައްކަތްތަކުގެ އާ ތަފްސީލުތަކެއް ފުރަތަމަ ފަހަރަށް މިވަނީ ހާމަކުރެވިފައެވެ."

އެ އިދާރާއިން ބުނި ގޮތުގައި، އިސްރާއީލުގެ އިސް މަސްއޫލުވެރިން ވަގަށް ނެގުމުގެ މަގުސަދުގައި އީރާނުގެ އިންޓެލިޖެންސް އޮފިސަރުން ބޭރު ގައުމުތަކުގެ މީހުން ރެކްރޫޓްކުރި ގޮތް މިހާރު ވަނީ ހާމަވެފައެވެ.

އަދި ފަހުގެ އަހަރުތަކުގައި، އީރާނުގެ އިންޓެލިޖެންސުން ރިވޮލިއުޝަނަރީ ގާޑާ ގުޅިގެން އިސްރާއީލާއި ޔަހޫދީންގެ ތަންތަނަށް އަމާޒުކޮށް ބައިނަލްއަގްވާމީ ކެމްޕޭނެއް ހިންގާފައިވާ ކަމަށާއި، އަދި ފަހަކަށް އައިސް އިސްރާއީލުގެ އެތެރޭގައި ހަމަލާތައް ދިނުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މޮސާޑާއި ޝިންބެޓް އިން ޓެރަރިޒަމާ ދެކޮޅަށް ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކުރުމާއި، ދުނިޔޭގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ އިދާރާތަކާއެކު އޮތް ބަދަހި ގުޅުމުގެ ސަބަބުން އީރާނުގެ އެތަކެއް ހަމަލާތައް ނާކާމިޔާބުކޮށްލެވިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވި،އެކަމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ތަހުގީގީ އަދި ގާނޫނީ ފިޔަވަޅުތައް އަޅާފައިވެއެވެ.

އޭގެ އިތުރުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި، ދުޝްމަނުންގެ ފައިދާއަށް މަސައްކަތްކުރުމަށްޓަކައި އިސްރާއީލުގެ އެތެރޭގައި މީހުން ރިކްރޫޓްކޮށް ކުރަން ހިންގަން އުޅުނު އީރާނުގެ ގިނަ ރޭވުންތަކެއް ވެސް ވަނީ ހާމަކޮށް ނާކާމިޔާބުކޮށްލާފައެވެ.

މޮސާޑުން ބުނާ ގޮތުގައި، ދުޝްމަނުންގެ އުކުޅަކީ ކުށްކުރާ ޖަމާއަތްތައް ނުވަތަ އެޖެންޓުންގެ ގޮތުގައި ބޭނުންކުރުމެވެ. މިއީ އިސްރާއީލުގައި ތިބި ނުވަތަ އިސްރާއީލަށް ވަދެވޭނެ މީހުން ބޭނުންކޮށްގެން ހަމަލާދޭން އުޅޭ އަމާޒާ ބެހޭ އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް، ހަމަލާ ތަންފީޒުކުރުމަށެވެ.

މޮސާޑުން ފާހަގަކޮށްފައިވާ ގޮތުގައި، ފްރާންސްގައި ދިރިއުޅޭ "ފިލިޕް" ގެ ނަމުން މަޝްހޫރު ތިރޯޓް އޯޒްކުރް އަކީ، އިސްރާއީލަށް ފޮނުވުމަށްޓަކައި ބޭރު ގައުމުތަކުގެ މީހުން އެކުލެވޭ އޮޕަރޭޝަނަލް ސްކޮޑެއް ރިކްރޫޓްކުރުމުގެ މަސްއޫލުވެރިޔާއެވެ.

"ފިލިޕް" ރިކްރޫޓްކޮށްފައިވަނީ އީރާނުގެ އިންޓެލިޖެންސްގެ ބެލުމުގެ ދަށުން މިހާރު އީރާނުގައި ދިރިއުޅޭ ދެ އެޖެންޓުން ކަމަށްވާ ބާބާ މަހްމޫދު ޒާދީ ހާޖީ ޖަޢުފާން ("ބާބަކް") އާއި މަހްމޫދު ނަދީމް ("ނަދީމް") އެވެ.

މި ދެ އެޖެންޓުންނަކީ، އީރާނުގެ އިންޓެލިޖެންސްގެ އިރުޝާދުގެ ދަށުން އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުންދާ މަޝްހޫރު މިލިއަނަރުން ކަމަށް މޮސާޑުން ހާމަކޮށްފައިވެއެވެ.

މި މިޝަން ގަބޫލުކުރުމަށްޓަކައި "ފިލިޕް" ވަނީ އެތައް ފަހަރަކު އީރާނަށް ޒިޔާރަތްކޮށް، އޭނާގެ އެޖެންޓުންނާ ބައްދަލުކޮށް، މަސައްކަތްތައް ތަންފީޒުކުރުމުގެ ބަދަލުގައި ފައިސާ ހޯދާފައެވެ.

ބައިނަލްއަގުވާމީ ތަހުގީގުތަކުގެ ތެރެއިން، "ބާބަކް" އާއި "ނަދީމް" އާ އީރާނުގެ އިންޓެލިޖެންސްގައި ތިބި އެމީހުންގެ އެޖެންޓުން ކަމަށްވާ އަސަދުﷲ ބެހްޒާދު އޯސާރީ، ވަހީދު މަރްޒޫމީ، މުހައްމަދު ހުސައިން ދޫކީ، އަދި ހާމިދު ގާސިމީއާ އޮތް ގުޅުން ވަނީ ހާމަވެފައެވެ.

މޮސާޑުން ބުނާ ގޮތުގައި، ބެހްޒާދު އޯސާރީ ވަނީ ޔަހޫދީ އަދި އިސްރާއީލުގެ އަމާޒުތަކާ ދެކޮޅަށް އީރާނުގެ އިންޓެލިޖެންސުން ކުރި މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!