އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން ނެރުނު ބަޔާނެއްގައި ސެކިއުރިޓީ ހާލަތު ގޯސްވުމުގެ ސަބަބުން މުވައްޒަފުން އީރާނުން ބޭރުކޮށް ދުރުގައި ތިބެގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި އިނގިރޭސި އެމްބަސީގެ މަސައްކަތްތައް ދެން ކުރިއަށްދާނީ ރިމޯޓްކޮށް ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން، އިނގިރޭސި ރައްޔިތުންނާއި ދެ ގައުމުގެ ރައްޔިތުކަން އޮންނަ މީހުން ހައްޔަރުކުރުމާއި، ސުވާލުކުރުމާއި، ބަންދުކުރުމުގެ ބޮޑު ނުރައްކަލެއް އޮތުމުން އީރާނަށް ދަތުރުނުކުރުމަށް ހަރުކަށި އިންޒާރެއް ވަނީ ނެރެފައެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްއިން އީރާނުގެ ކަނޑުގެ އަސްކަރީ ގާބިލުކަމާއި، މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނާއި، ކަނޑުގެ ސަރަހައްދު ބަލަހައްޓާ ސިސްޓމްތަކާއި، ދިފާއީ ވަސީލަތްތަކަށް އަމާޒުކޮށްދިން 12 ވަނަ ބުރުގެ ހަމަލާތައް ނިންމާލިކަން އިއުލާންކުރިތާނާ އެވެ.
ސެންޓްކޮމްއިން ބުނި ގޮތުގައި މި ހަމަލާތަކުން އީރާނުގެ ގާބިލުކަން ކުޑަކުރުމުގެ އަމާޒު ވަނީ ހާސިލުވެފައެވެ. އެ ވަގުތު ތެހެރާނުން ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްވި ބަޔާނެއްގައި، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާއެއް އަތުވެއްޖެނަމަ، އީރާނުގެ ބްރިޖެއް ނުވަތަ ޕަވަރ ޕްލާންޓެއް ހަލާކުކޮށްލާނެ ކަމަށް އިންޒާރު ދެއްވާފައިވެއެވެ. އޭގެ ރައްދުގައި އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވަނީ އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ދޭ ކޮންމެ ހަމަލާއަކަށް "ލޮލަކަށް ލޮލެއް" ގެ އުސޫލުން ރައްދުދޭނެ ކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ "އިނގިރޭސިވިލާތުން އެގައުމުގެ އަސްކަރީ މަރުކަޒުތައް އީރާނަށް ހަމަލަ ދިނުމަށް ދިނުމަށް ނިންމި ނިންމުމަކީ އދ. ގެ ޗާޓާރުގައި އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ސަރީހަކޮށް ޚިލާފު ނިންމުމެއް" ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހުން އުދުވާން މާނަކުރާ ގޮތަށް ބަލާއިރު، މި ނިންމުން ބެލެވޭނީ އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ: "އިނގިރޭސި ސިޔާސީ ވެރިން މި ނިންމުން ނިންމެވީ، ޖެނޮސައިޑް ހިންގާ އިސްރާއީލުގެ އިސްތިއުމާރީ ރެޖީމާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭންފެށި އަސްކަރީ ހަމަލާތަކަކީ އދ. ގެ ޗާޓާރުގާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އުދުވާނެއްކަން އެނގިތިބެއެވެ. އަދި މި ޣައިރުގާނޫނީ ހަމަލާތައް ރޭވުމާއި ތަންފީޒުކުރުމުގައި ބައިވެރިވުމަކީ އުދުވާނީ ކުށްތަކާއި ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވުން ކަމުގައި ބެލެވޭނެއެވެ."
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އާންޑީ ބާންހަމް ވަނީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ ނިންމުން ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.





