އީރާނުން އައި.އާރް.ޖީ.ސީ ކޮމާންޑަރުންނާއި އަސްކަރީ އާލާތްތައް ޔަމަނަށް ބަދަލުކޮށްފި

އިންޓރަނޭޝަނަލް ނޫސްއެޖެންސީތަކުން މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ޖުލައި މަހުގެ ތެރޭގައި އީރާނުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑަރުންނާއި އަސްކަރީ މުޝީރުންގެ އިތުރުން މިސައިލާއި ޑްރޯނާ ގުޅުންހުރި އާލާތްތައް ޔަމަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހަތަރު މަސްދަރަކާ ހަވާލާދީ އެ އޭޖެންސީން އިތުރަށް ބުނެފައިވަނީ، "މި ފިޔަވަޅުން ދޭހަވަނީ ރެޑްސީގެ އުޅަނދުފަހަރަށް ނުރައްކާކުރުމަށް ހޫޘީންގެ ގާބިލުކަން އިތުރުކުރުމަށް ތެހެރާނުން ކުރަމުންދާ މަސައްކަތެވެ. މި ތަކެއްޗާއި މީހުން ބަދަލުކޮށްފައިވަނީ ޖުލައި 13 ގައި ތެހެރާނުން ފުރި 'މާހާން އެއާ' ގެ ފްލައިޓެއްގައެވެ."

އަދި އެ ފްލައިޓުގައި އައި.އާރް.ޖީ.ސީ ގެ 10 އާއި 21 އާ ދެމެދުގެ އަދަދަކަށް މެންބަރުން ތިބި ކަމަށާއި، އޭގެ ތެރޭގައި އިސް ކޮމާންޑަރުންވެސް ހިމެނޭކަން ސާފުކޮށްދީފައިވެއެވެ.

އަދި ބުނެފައިވާ ގޮތުގައި، "އެ ބޯޓު އަސްލު ދަތުރުކުރުމަށް ހަމަޖެހިފައިއޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަންޢާއަށެވެ. ނަމަވެސް ސަންޢާ އެއާޕޯޓަށް ހަމަލާއެއް އަމާޒުވުމާ ގުޅިގެން، ބޯޓުގެ މިސްރާބު ރެޑްސީގެ އަރިމަތީގައިވާ ހުދައިދާ ސިޓީއަށް ވަނީ ބަދަލުކޮށްފައެވެ."

އެއް މަސްދަރަކުން ބުނެފައިވަނީ: "އީރާނުގެ އައި.އާރް.ޖީ.ސީ ކޮމާންޑަރުން އެތަނަށް ދިޔައީ ހޫޘީންގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށާއި، އާ މިސައިލް ސިސްޓމްތަކަށް އެމީހުން ތަމްރީނުކުރުމަށެވެ."

މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ނުވަތަ ހޫޘީންގެ ފަރާތުންވެސް ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ހޫޘީންނަށް މިސައިލްގެ ގާބިލުކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް ތެހެރާނުން އަބަދުވެސް ދޮގުކުރެއެވެ.

ބުދަ ދުވަހު ހޫޘީން ވަނީ ސައޫދީ އަރަބިއްޔާގެ ތެޔޮ އުފުލާ ދެ އުޅަނދަކަށް ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އިއުލާންކޮށްފައެވެ. އަދި އެ ދެ އުޅަނދުން ކަނޑުގެ ހިސާރުކުރުމުގެ އެންގުމާ ޚިލާފުވެފައިވާ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!