އެމެރިކާގައި ޔަހޫދީ ރެޖީމުގެ އަގު ވެއްޓި ނިމިއްޖެ

އެމެރިކާގެ ކޮންގްރެސްގެ މެދުތެރޭގެ އިންތިޚާބު ކައިރިވަމުން އަންނައިރު، އިސްރާއީލުން އެމެރިކާގެ އާންމުންގެ މެދުގައި އެ ގައުމުގެ އަގު ވެއްޓިފައިވާ މައްސަލަ ހައްލުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދެއެވެ. ޑިމޮކްރެޓުންނާއި ރިޕަބްލިކަންުންގެ ފަރާތުން ވެސް އިސްރާއީލަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ތާރީޚީ ގޮތުން ލިބުނު ތާއީދު ގެއްލެނީ

އެމެރިކާގެ ސިޔާސީ މަސްރަހުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ލިބެމުން އައި ތާއީދު، އެތައް އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް ވަނީ ބޮޑުތަނުން ހީނަރުވެފައެވެ. ޣައްޒާ ޖެނޮސައިޑް ހަނގުރާމައާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އަދި ލުބުނާނުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ހީނަރުކަން ހާމަވެގެންދިޔައީ ކޮންގްރެސްގައި އިސްރާއީލަށް ދޭ އަސްކަރީ އެހީތައް ކުޑަކުރުމާ ގުޅޭގޮތުން ނެގުނު ވޯޓުތަކުންނެވެ. 100 އަށްވުރެ ގިނަ މެމްބަރުން އެހީ ކުޑަކުރުމަށް ތާއީދުކުރުމަކީ އިސްރާއީލަށް އޮތް ތާއީދު ކުޑަވަމުންދާކަމުގެ ހެއްކެކެވެ.

އެމެރިކާގެ އިސްވެރިންގެ ފާޑުކިޔުން

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ސަރުކާރުގެ ބައެއް މހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގު ދަންމަން އިސްރާއީލުގެ ބައެއް ވެރިން މަސައްކަތްކުރަނީ އެމެރިކާގެ ރައްޔިތުންގެ ހިޔާލު ބަދަލުކޮށްގެން ކަމަށާއި، އެކަމުގެ 'ސާފު ހެކިތައް' އެބަހުރި،" ކަމަށް ވެންސް ވިދާޅުވިއެވެ.

ޕާޓީތަކުގެ މެދުގައި އޮތް ޚިޔާލުތަފާތުވުން

ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރު ރޮބާޓް ޝަޕީރޯ ވިދާޅުވާ ގޮތުގައި، އިސްރާއީލާމެދު ދެކޭ ގޮތް ބަދަލު ވުމަކީ ވަގުތީ ކަމެއް ނޫނެވެ. ޚާއްސަކޮށް ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އިސްރާއީލާމެދު އޮތް ހަމްދަރުދީ ވަނީ މުޅިން ކަހަލަ ގޮތަކަށް ގެއްލިފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑް އަނިޔާތަކާއި، ޚާއްސަކޮށް ޣައްޒާގައި އަންހެނުންނާއި ކުޑަކުދިން ޖެނޮސައިޑް ހިންގައި މެރުމަކީ ޑިމޮކްރެޓުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިފައިވާ ސަބަބެކެވެ.

އިސްރާއީލުން "އިމޭޖް" ރަނގަޅުކުރަން ކުރާ މަސައްކަތް

އެމެރިކާގެ އާންމުންގެ މެދުގައި އަގު ވެއްޓިފައިވާ އިސްރާއީލުގެ ބުރު ސޫރަ ރަނގަޅުކުރުމަށްޓަކައި، އެ ގައުމުން ވަނީ ޚާއްސަ ޑިޖިޓަލް ކެމްޕޭނެއް ފަށާފައެވެ.

ޓްރަމްޕްގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ބްރޭޑް ޕާސްކޭލްގެ ކުންފުންޏަކާ ގުޅިގެން، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޒުވާނުންނާއި ހަރުކަށި ކްރިސްޓިއަން ވޯޓަރުންނަށް އަމާޒުކޮށްގެން އިސްރާއީލުން މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.

ނަމަވެސް، މިއީ އެންމެ އެކަށީގެންވާ ހައްލު ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"އެމެރިކާގެ އާންމުން ދެކެމުންދާ ފެންނަމުންދާ ހަގީގީ މަންޒަރުތަކާއި އިސްރާއީލުން ދައްކަން މަސައްކަތްކުރާ ވާހަކަތަކާ ދެމެދު އޮތް ފަރަގު ފޫބެއްދުމަށް ކިތަންމެ ބޮޑު ކެމްޕޭނެއް ކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ،" ކަމަށް އެކްސްޕާޓުން ބުނެއެވެ. އިސްރާއީލުން ކުރަންވީ ކަމަކީ އެމީހުންގެ ނުލަފާ އަމަލުތައް ބަދަލުކުރުމެވެ. އެހެނީ ސިޔާސީ ކަންކަމަށް ބޮޑަށް، އާންމުންގެ ހިޔާލަށް އަސަރުކުރަނީ ހަނގުރާމައިގެ މައިދާނުގައި ހިންގަމުންދާ ޖެނޮސައިޑް އަމަލުތަކެވެ.

ހިއްސާ ކުރައްވާ!