އޮންލައިން ކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް ދޭ މަޝްހޫރު ކުންފުނި ޕޭޕަލް ގަތުމަށްޓަކައި، މާލީ ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުނި ސްޓްރައިޕް އާއި ޕްރައިވެޓް އީކުއިޓީ ފާމް އެޑްވެންޓް އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށްގެންދާ މަޝްވަރާތައް އާ މަރުޙަލާއަކަށް ވަދެއްޖެއެވެ.
ސްޓްރައިޕް އާއި އެޑްވެންޓް ގުޅިގެން ޕޭޕަލް ގަތުމަށް ދެކުންފުނިން 53 ބިލިއަން އެމެރިކާ ޑޮލަރުގެ ހުށަހެޅުމެއް ހުށަހެޅިއެވެ. ނަމަވެސް، އެ ހުށަހެޅުމުގައި ޕޭޕޭލްގެ އަގު ކޮށްފައިވަނީ އެ ކުންފުނީގެ ޙަޤީޤީ އަގަށްވުރެ ކުޑަކޮށް ކަމަށް ބުނެ ޕޭޕޭލްގެ ބޯޑުން އެ ހުށަހެޅުން އޭރު ވަނީ ރައްދުކޮށްފައެވެ.
އޭގެ ފަހުން ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިން ހުށަހެޅި އަގަށްވުރެ ބޮޑު އަގެއްގައި ކުންފުނި ވިއްކާލުމުގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ.
ދުނިޔޭގެ އޮންލައިން ފައިސާ ދެއްކުމުގެ ނިޒާމުގެ އެންމެ ކުރީގައި އޮތް ޕޭޕަލްއަށް ފަހަކަށް އައިސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެޕަލް ޕޭ އަދި ގޫގަލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓްތަކުގެ މަގުބޫލުކަން އިތުރުވުމާއި، ސްޓްރައިޕް ފަދަ އާ ޓެކްނޮލޮޖީތަކުގެ ސަބަބުން ޕޭޕަލްގެ މާކެޓް ހިއްސާ ވަނީ ކުޑަވެފައެވެ.
2021 ވަނަ އަހަރު ޕޭޕަލްގެ މާކެޓް ވެލިއު 360 ބިލިއަން ޑޮލަރަށް އަރާފައިވީ ނަމަވެސް، އޭގެ ފަހުން ކުންފުނީގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ކުންފުނީގެ މާކެޓް ވެލިއު 36 ބިލިއަން ޑޮލަރަށްވެސް ވެއްޓިގެން ދިޔައެވެ.
ކުންފުނި އަލުން ހަމައަކަށް އެޅުވުމުގެ ގޮތުން، މިއަހަރުގެ މާރިޗު މަހު ޕޭޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގަތް އެންރީކޭ ލޮރޭސް ވަނީ ކުންފުނީގެ ހިންގުން ތިން ބަޔަކަށް ބަހާލައި އިސްލާހީ ބަދަލުތަކެއް ގެންނަވަން ފައްޓަވާފައެވެ.






