އިންޑިއާގެ އެންމެ ބޮޑު އެއް އައި.ޓީ އިންފްރާސްޓްރަކްޗާ އަދި ކޮންސަލްޓިން ކުންފުނި ކަމަށްވާ 30 ބިލިއަން ޑޮލަރުގެ ބިޔަ ކުންފުނި ވިޕްރޯ އުފެއްދުމުގެ ފަހަތުގައި ވަނީ ކުރީގެ ބަރުމާ މިހާރުގެ މިއަންމާގެ ހަނޑުލުގެ ވިޔަފާރީގެ ރަސްގެފާނުގެ ނަމުން މަޝްހޫރު މުސްލިމެކެވެ.
އޭނާއަކީ، މުހައްމަދު ހާޝިމް ޕްރޭމްޖީ އެވެ. ހާޝިމް ޕްރޭމްޖީއަކީ އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމުގެ ދުވަސްވަރު ބަރުމާގައި ހަނޑުލުގެ ވިޔަފާރިއެއް ފެށި މީހެކެވެ. އަދި ބަރުމާގެ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ އަދި މުއްސަނދި އެއް ވިޔަފާރިވެރިޔާއެވެ. ނަމަވެސް، 1947 ގައި އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު، ޕާކިސްތާނަށް ހިޖުރަކޮށް އެގައުމުގެ ރަށްވެއްސަކަށް ވުމަށް މުހައްމަދު އަލީ ޖިނާހު ދެއްވި ދައުވަތަށް ފުރަގަސްދީ، އޭނާ ނިންމެވީ އިންޑިއާގައި މަޑު ކުރާށެވެ.
އިންޑިއާގައި މަޑުކުރެއްވުމަށްފަހު، 1945 ވަނަ އަހަރު އޭނާ އުފެއްދެވީ "ވެސްޓަރން އިންޑިއާ ވެޖިޓަބަލް ޕްރޮޑަކްޓްސް ލިމިޓެޑް" އެވެ. އެ ކުންފުނީގެ މައިގަނޑު އުފެއްދުމަކީ ކައްކާ ތެލާއި ގިތެޔޮ އެކްސްޕޯޓު ކުރުމެވެ.

ކުންފުނީގެ ބާނީ މުހައްމަދު ހާޝިމް ޕްރޭމްޖީ އަވަހާރަވުމަށްފަހު 1966 ވަނަ އަހަރު ކުންފުނީގެ ހިންގުމާ ހަވާލުވީ އޭނާގެ އުމުރުން އެންމެ 21 އަހަރުގެ ދަރިކަލުން އަޒީމް ޕްރޭމްޖީއެވެ.
އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީގައި އިންޖީނިއަރިން ކިޔަވަން ހުންނެވުމަށްފަހު އެނބުރި އައިސް ކުންފުންޏާ ހަވާލުވެ، އަޒީމް ޕްރޭމްޖީ ވަނީ ކުންފުނީގެ މުޅި މިސްރާބު ބަދަލުކޮށްލައްވާފައެވެ.
1970 އާއި 1980 ގެ އަހަރުތަކުގެ ތެރޭގައި، އައިބީއެމް ކުންފުނި އިންޑިއާއިން ފޭބުމާއެކު އުފެދުނު ހުސްކަން ފުރުމުގެ ގޮތުން، އަޒީމް ޕްރޭމްޖީ ކުންފުނީގެ ނަން "ވިޕްރޯ" އަށް ބަދަލުކޮށް، ކޮމްޕިއުޓަރު އުފެއްދުމާއި ސޮފްޓްވެއަރގެ ދާއިރާއަށް މިސްރާބު ޖެއްސެވެ.

އާދައިގެ ކައްކާ ތެޔޮ އުފައްދާ ކުންފުންޏަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބޮޑު އައި.ޓީ ކުންފުންޏަކަށް ވިޕްރޯ ބަދަލުވީ އޭނާގެ ނިންމުމުގެ ސަބަބުންނެވެ.
މިއަދު އަޒީމް ޕްރޭމްޖީއަކީ އިންޑިއާގެ އެންމެ މުއްސަނދި މުސްލިމު މީހާއެވެ. އޭގެ އިތުރުން، އޭނާގެ އާމްދަނީގެ ބޮޑު ބައެއް އިޖުތިމާއީ ކަންކަމަށް ހަދިޔާކުރައްވާފައި ވެއެވެ. އަދި، އޭނާއަކީ، ފާހަގަކޮށްލެވޭ ދީލަތިކަން ބޮޑު އިންސާނީ އެހީތެރިއެކެވެ.





