އިންޑިއާގެ އެއާޕޯޓްތަކުން ބޯޑިންގ ޕާސްތަކުގައި ތައްގަނޑު ޖެހުން ހުއްޓާލަނީ

އިންޑިއާގެ އެއާޕޯޓްތަކުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ފުރާ ދަތުރުވެރިން އިމިގްރޭޝަން ކައުންޓަރުތަކުން ބޯޑިންގ ޕާސްތަކުގައި ތައްގަނޑު ޖެހުން އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން އެގައުމުގެ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ބިއުރޯ އޮފް އިމިގްރޭޝަން (ބީއޯއައި) އިން ނިންމައިފިއެވެ. މިއީ އެއާޕޯޓްތަކުގައި އިމިގްރޭޝަން މަރުހަލާތައް އަވަސްކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެންނަ ބަދަލެކެވެ.

މި އާ އުސޫލާއެކު، ދަތުރުވެރިންނަށް ފޯނުގައިވާ ޑިޖިޓަލް (އީ-ބޯޑިންގ) ޕާސްތަކާއި ޕްރިންޓްކޮށްފައިވާ ބޯޑިންގ ޕާސްތައްވެސް އިމިގްރޭޝަން ކައުންޓަރަށް ދެއްކޭނެއެވެ. ނަމަވެސް، އެއްވެސް ވައްތަރެއްގެ ބޯޑިންގ ޕާހެއްގައި ތައްގަނޑު ނުޖަހާނެއެވެ.

އިންޑިއާ ސަރުކާރުން ހާމަކުރި ގޮތުގައި، ކުރިން ބޭނުންކުރި ސިޔާސަތުގެ ސަބަބުން ތައްގަނޑުގެ ދެލި އުނގުޅި، ބޯޑިންގ ޕާސްގައިވާ ބާކޯޑުތައް ނުކިޔޭގޮތްވެ، ފުރަން ގޭޓަށްދާ ވަގުތު ދަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

މީގެއިތުރުން، އިންޑިއާގެ ޕާސްޕޯޓް އޮންނަ މީހުންގެ ޕާސްޕޯޓްގައިވެސް އެތެރެވާ އަދި ފުރާ ތައްގަނޑު ޖެހުން ހުއްޓާލާންވެސް އިލެކްޓްރޯނިކް ރެކޯޑްތަކަށް ބަދަލުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްވެސް ސަރުކާރުން ދަނީ ރާވަމުންނެވެ.

ހިއްސާ ކުރައްވާ!