ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދު ކަމަށްވާ ޗައިނާގައި އާންމު ފަރުދުންނާއި ކުދި ވިޔަފާރިވެރިން ނަގާފައިވާ އަމިއްލަ ލޯނުތައް ނުދެއްކިގެން އުޅޭ މީހުންގެ އަދަދު 100 މިލިއަނަށް އަރައި، އެ ގައުމުގެ އިޤްތިޞާދީ މަސްރަހު ގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިއްޖެއެވެ. އިޤްތިޞާދީ ދުވެލި މަޑުޖެހުމާއި، ވަޒީފާތައް ގެއްލުމާއި، އާންމުންގެ އާމްދަނީ ދަށްވުމުގެ ސަބަބުން ދަރަނި ނުދެއްކޭ މީހުންގެ އަދަދު ވަނީ މިދުވަސް ވަރު އިތުރުވެފައެވެ.
ގޭވްކަލް ޑްރެގަނޮމިކްސްގެ ދިރާސާތަކަށް ބިނާކޮށް ބްލޫމްބާގް ބިޒްނަސްވީކުން އަންދާޒާކޮށްފައިވާ ގޮތުގައި، ޗައިނާގެ ކޮންސިއުމަރ ލޯނުތައް ނުދެއްކިގެން އުޅޭ މީހުންގެ އަދަދު 100 މިލިއަނަށް އަރައެވެ.
- މިއާއެކު، ބޭންކުތަކަށް ނުލިބި ހުރި ދަރަނިތައް ނެގުމަށް ޚާއްސަ ދަރަނި ހޯދާ އޭޖެންސީތަކާއި، ކްރެޑިޓް ރިކަވަރީ ކުންފުނިތަކުގެ ވިޔަފާރި ވަނީ ބޮޑުތަނުން ފުޅާވެފައެވެ.
- 2021 ވަނަ އަހަރު ޗައިނާގެ ބޭންކުތަކުން ނުދައްކާ ހުރި ކޮންސިއުމަރ ލޯނުތައް ވިއްކާލުމުގެ ފުރުޞަތު ދިނުމުން އެ އަހަރުގެ ނިޔަލަށް ވިއްކާފައިވަނީ 18.6 ބިލިއަން ޔުއާން (2.8 ބިލިއަން ޑޮލަރު) ގެ ދަރަންޏެވެ.
- 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 20 ގުނައަށްވުރެ މައްޗަށް ގޮސް، 454 ބިލިއަން ޔުއާނަށް އަރާފައެވެ.
މި މައްސަލައިގެ ތެރެއިން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ މައުލޫމާތު ހާމަވަނީ ދަރަނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކޯލް ސެންޓަރުތަކުގެ މުވައްޒަފުންގެ މަސައްކަތުންނެވެ.
- ވޫހާންގައި ދަރަނި ހޯދުމުގެ މަސައްކަތްކުރާ އުމުރުން 23 އަހަރުގެ ރަޔަން ހޫ ބުނި ގޮތުގައި، ދުވާލަކު 300 އަށްވުރެ ގިނަ ފޯނު ކޯލު ކުރަންޖެހޭއިރު، ދަރަނި ނުދެއްކިގެން އުޅޭ މީހުންގެ ތެރޭގައި ބަންދުކުރަންޖެހުނު ރެސްޓޯރެންޓްތަކުގެ ވެރިންނާއި، ރިއަލް އެސްޓޭޓް ދާއިރާ ހީނަރުވުމުގެ ސަބަބުން ވަޒީފާ ގެއްލުނު ދެމަފިރިންގެ އިތުރުން ވަޒީފާއެއް ނުލިބިގެން އުޅޭ ޔުނިވަރސިޓީ ނިންމި ޒުވާނުން ހިމެނެއެވެ.
ޗައިނާގައި ޒުވާނުންގެ ވަޒީފާނެތް މިންވަރު ސެޕްޓެމްބަރު މަހު 18 އިންސައްތައިގައި ހުރުމުން މި މައްސަލަ އިތުރަށް ވަނީ ގޯސްވެފައެވެ.
ޗައިނާގެ މާލީ އިދާރާތަކުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް 20 އިންސައްތައަށްވުރެ ދަށްކުރުމަށް އެންގުމާ ގުޅިގެން، އެކި ޕްލެޓްފޯމްތަކުން ލޯނު ނަގައިގެން ދަރަނި ދައްކަމުންދިޔަ މީހުންނަށް އައު ކްރެޑިޓް ލިބުމުގެ ފުރުޞަތުތައް ވަނީ ބަންދުވެފައެވެ. މީގެ އިތުރުން، ޗައިނާގައި އަމިއްލަ މީހުންނަށް ބޭންކްރަޕްސީ އިއުލާނުކުރެވޭނެ ޤާނޫނީ އޮނިގަނޑެއް މުޅި ގައުމީ ފެންވަރުގައި ނެތުމަކީވެސް ދަރަނިވެރިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ދަރަނި ހޯދާ އޭޖެންސީތަކުން ބޭންކުތަކުގެ ދަރަނިތައް ގަންނަނީ ޖުމްލަ އަގުގެ 6 އިންސައްތައާއި 7 އިންސައްތައާ ދެމެދުގެ އަގެއްގައެވެ. ދަރަނިވެރިންގެ އަތުން 30 އިންސައްތައާ ހަމައަށް ފައިސާ ހޯދައިގެން އެ ކުންފުނިތަކުން ފައިދާ ހޯދައެވެ. ނަމަވެސް، ދަރަނި ހޯދުމުގެ ތެރޭގައި ބިރުދެއްކުމާއި އުނދަގޫކުރުން އިތުރުވުމާ ގުޅިގެން، ޗައިނާގެ ފުލުހުންނާއި ރެގިއުލޭޓަރުން ވަނީ މިފަދަ ކުންފުނިތަކުގެ ހަރަކާތްތައް ފިޔަވަޅުތަކުން ކޮންޓްރޯލްކުރަން ފަށާފައެވެ. ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން އުފެދިފައިވާ މި ދަރަނީގެ ކްރައިސިސްއަކީ އެ ގައުމުގެ މާލީ ނިޒާމަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިޤްތިޞާދީ މުހައްލިލުން ދަނީ ސިފަކުރައްވަމުންނެވެ.







