އަފްޣާނިސްތާންގައި ތުބުޅި ބެހެއްޓުމާއި ބުރުގާ އެޅުން މަޖުބޫރު ކޮށްފި

ތާލިބާން ސަރުކާރުން އާންމު އަދަބު އަޚުލާޤާ ބެހޭ އައު ޤާނޫނެއް މިއަދު އިޢުލާން ކޮށްފިއެވެ. 35 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނު ބުނާ ގޮތުން އަންހެނުން މޫނު ނިވާ ކުރަން ޖެހޭނެއެވެ. އަދި ފިރިހެނުން ތުނބުޅި ބަހައްޓަން ޖެހެއެވެ. އުޅަނދު ދުއްވާ މީހުން އުޅަނދުގެ ތެރޭގައި މިއުޒިކު ޖެހުން މަނަލެވެ.

މި ޤާނޫނުގައި ހިމެނޭ ކަންކަން މީގެ ކުރިން ވަނީ ގަވައިދެއް ގެ ގޮތުގައި އިޢުލާން ކޮށްފައެވެ. ނަމަވެސް ތާލިބާންގެ އަމީރު މުއްލާ ހިބަތުﷲ އަޚުންދުޒާދާ، މި ޤާނޫނު ތަސްދީޤު ކުރެއްވުމާއެކު މިހާރު ވަނީ އެއަށް ޤާނޫނީ ބާރު ލިބިފައެވެ.

މި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރާނީ ތާލިބާން ސަރުކާރުގެ އަމުރު ބިލް މަޢުރޫފި ވައްނަހީ ޢަނިލް މުންކަރި މިނިސްޓްރީންނެވެ.

އެމިނިސްޓްރީން ވަނީ މިދިޔަ އަހަރު އާންމު އަދަބާ ޚިލާފް ވެގެން 13 ހާސް މީހުން ހައްޔަރުކޮށްފައެވެ. އަދި ތުބުޅި ބަހައްޓަން ދެކޮޅު ހެދުމުގެ ސަބަބުން 280 މީހުން ސިފައިންނާއި ފުލުހުންގެ ތެރޭން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!