(މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ސަރުކާރުގައި ޝާއިއުކޮށްފައިވާ ލިޔުމެއް)
ދަނޑުވެރިކަމުގެ ރަގަޅު އާދަތައް ނުވަތަ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(GAP) އަކީ ދަނޑުުވެރިކަމުގެ އުފެއްދުންތަކަކީ އިންސާނުން ކެއުމަށް ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ދަނޑުގޮވާން ކުރުމާއި، އެތަކެތި ރައްކާކޮށް ގުދަންކުރުމާއި، އަދި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަޑާއި އުސޫލްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ.
މީގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި އަދި ދަނޑުވެރިކަމުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތައްވެސް ހިމެނެއެވެ.
ގެޕްގެ ބޭނުމަކީ ކޮބާ؟
ގެޕްގެ ބޭނުމަކީ ދަނޑު ގޮވާމުގެ ބާވަތްތަކާއި ވެށި ތަޣައްޔަރުވުމުގެ ސަބަބުން މިފަދަ ކާބޯތަކެއްޗަށް ވެށީގެ ޒަރީއްއާއިން ޖެހޭ ބަލިތައް މަދުކުރުމުގެ އިތުރުން ފެންވަރު ރަގަޅު އުފެއްދުންތަކުން ދަނޑުވެރިޔާއަށް ވިޔަފާރީގެ މަންފާ ހޯދައިދިނުމެވެ.
ގެޕް މުހިންމުވަނީ ކީއްވެ؟
- ރަގަޅު އުސޫލްތަކާއި ސެޓިފިކޭޝަން މެދުވެރިކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ ރައްކާތެރި އަދި ފެންވަރު ރަގަޅު ތަކެތިކަމުގައި ކަށަވަރުކުރެވޭތީ
- އުފެއްދުންތަކުން ލިބޭ ފައިދާ އިތުރުވާތީ
- ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އިތުރު މާކެޓްތައް މަގުފަހިވާތީ
- ދަނދުވެރިންނާއި ދަނޑުވެރިކަމުގެ މަސައްކަތްކުރާފަރާތްތަކުގެ ސިއްޙަތާއި މަސައްކަތްތަކުގެ މާހައުލު ރަގަޅުވާތީ
- ދަނދުވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭތީ
ގެޕް އިން ފައިދާވަނީ ކޮން ފަރާތްތަކަކަށް؟
- ދަނދުވެރިޔާ އާއި އޭނާގެ އާއިލާ: ރައްކާތެރި ކާބޯތަކެތި ލިބުމާއެކު ރަގަޅު އާމްދަނީ ލިބޭނެމަގު ތަނަވަސްވުން.
- ދަނދުވެރިކަމުން އުފައްދާ ތަކެތި ބޭނުންކުރާ ފަރާތްތައް: ގެޕްއަށް ސެޓިފައިވެފައިވާ ތަނަކުން އުފައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ ރައްކާތެރި އެއްޗެއްކަން ބޭނުންކުރާ ފަރާތްތަކަށް ކަށަވަރުވުން
- ދަނޑުވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވުމުން އިންސާނުން ދިރިއުޅޭ މާހައުލު ރައްކާތެރި ތަނަކަށްވުން
ގެޕް ގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ ކޮބާ؟
ގެޕް ގެ އަސާސް ބިނާވެފައިވަނީ މައިގަޑު މައިގަޑު ހަތަރުކަމެއްގެ މައްޗަށެވެ. އެއީ:
- ސާފު ފަސް ނުވަތަ ދަނޑުމަތީގެ ސާފުތާހިރުކަން
- ސާފު ފެން ދަނޑު ހެއްދުމުގައި ބޭނުންކުރުން
- މަސައްކަތް ކުރާ މީހުންގެ ސާފުތާހިރުކަން
- މަސައްކަތް ކުރާ ތަނާއި ގެންގުޅޭ ތަކެތީގެ ސާފުތާހިރުކަން
ދަނޑު ހެއްދުމުގައި ބަލަންޖެހޭ ކަންތައްތައް
- ރަނގަޅު ބިން ހިޔާރުކުރުން
- ދަނޑު ހެއްދުމަށް ރައްކާތެރި ފެން ބޭނުންކުރުމާއި ފެން ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލްތައް ބެލެހެއްޓުން
- ރައްކާތެރިގޮތުގައި ގަސްކާނާ އަދި ގަހަށް ޖަހާބޭސް ބޭނުންކުރުން
- ދަނޑުގެ ސާފުތާހިރުކަން ބެލެހެއްޓުން ( ބުޅަލާއި މީދާ ފަދަ ތަކެތިން ދަނޑު ރައްކާތެރިކުރުން)
- ދަނޑުގައި މަސައްކަތް ކުރާއިރު އެކަށީގެންވާ ރައްކާތެރި ހެދުމެއް އެޅުން އަދި މަސައްކަތް ނިމުމަށްފަހު ހެދުން ދޮވެ، ފެންވަރާސާފު ތާހިރުވުން
- މަސައްކަތްކުރާ ފަރާތްތައް ބޭނުންކުރާ ތަންތަނާއި، އާލާތްތައް ސާފުކޮށް ބެލެހެއްޓުން
ދަނޑުގައި ހައްދާ ތަކެތި ކެނޑުމުގައި ބަލަންޖެހޭ ކަންތައްތައް
- ދަނޑަށް ބޭސް ޖެހުމަށްފަހު ދުވަސް ހަމަކުރުމަށްފަހު ނޫނީ ތަކެތި ނުކެޑުން
- މޭވާ އާއި ތަރުކާރީ ހާވެސްޓް ކުރުމަށް ބޭނުންކުރާ އަދި ރައްކާކުރުމަށް ބޭނުންކުރާ ތަކެއްޗަކީ ސާފުތާހިރު ތަކެތިކަން ޔަޤީން ކުރުން.
- މަސައްކަތްކުރާ ފަރާތްތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި އެފަރާތްތައް ތަމްރީން ކުރުން
- ރައްކާކުރާ ގުދަނުގެ ސާފުތާހިރުކަން ބެލެހެއްޓުން
ކެނޑުމަށްފަހު ބަލަންޖެހޭ ކަންތައްތައް
- މަސައްކަތްކުރާ ފަރާތްތަކުގެ ސާފުތާހިރުކަން
- ކަނޑާތަކެތި ދޮންނަން ބޭނުންކުރާ ފެނުގެ ސާފުތާހިރުކަން
- ބަންދުކުރާ ތަނާއި ބަންދުކުރާތަކެތީގެ ސާފުތާހިރުކަން
- ބަންދުކޮށްފައިވާ ތަކެތި ދަތުރުމަތީގައި އަދި ބާޒާރުގައި ސާފުތާހިރު ތަނެއްގައި އެކަށީގެންވާ ފިނިހޫނުމިނެއްގައި ރައްކާކުރުން
