ސްރީލަންކާގައި ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަދުވެގެން 123 މީހުން މަރުވެ 130 މީހުން ގެއްލިފައިވާ ތޫފާން ދިއްވާގައި އިންޑިއާއިން އެހީ ދިނުމަށް މިޝަނެއް ފަށައިފިއެވެ.
މި ތޫފާނުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އިންފްރާސްޓްރަކްޗަރއަށް ގެއްލުން ވެފައި ވެއެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވެއެވެ. މޫސުމާ ބެހޭ އޮފިޝަލުން އިންޒާރު ދިން ގޮތުގައި ތޫފާން މިހާރު ދަތުރު ކުރަނީ އިންޑިއާގެ ދެކުނު އައްސޭރިފަށާ ދިމާއަށެވެ.

އެހީގެ ޝިޕްމެންޓްތައް ސްރީލަންކާއަށް އުފުލާފައި ވަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓު އުފުލާ މަނަވަރު ވިކްރަންޓާއި ފްރަންޓްލައިން މަނަވަރު އުދައިގިރީ ގައެވެ.
އޭގެ އިތުރުން އިންޑިއާގެ ވައިގެ ސިފައިން ވަނީ ހިންޑަން އެއާ ބޭސްއިން ސީ-130 އަދި އައިއެލް-76 ޓްރާންސްޕޯޓް މަތިންދާބޯޓުތައް ފޮނުވާލާފައެވެ. މި ފްލައިޓްތަކުގައި 21 ޓަނުގެ ރިލީފް މެޓީރިއަލް އާއި 8 ޓަނުގެ ސާމާނާއި 80 އަށް ވުރެ ގިނަ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ މުވައްޒަފުން ކޮލަމްބޯއަށް ފޮނުވާފައިވެއެވެ.
ދެ ޔުނިޓަކަށް ބަހާލައިގެން ތަމްރީނު ލިބިފައިވާ ހަތަރު ރެސްކިއު ކުއްތާއާއި ޓީމުތަކުގައި އިންފްލެޓެބަލް ބޯޓުތަކާއި ހައިޑްރޮލިކް ޓޫލްސް އާއި މުވާސަލާތީ ގިއާ އަދި މެޑިކަލް ކިޓްތައް ވެސް ފޮނުވާފައި ވެއެވެ.
އޮފިޝަލުން ވަނީ މި އޮޕަރޭޝަނަކީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.






