ދުނިޔޭގެ މުއްސަނދިކަމުގެ އެންމެ ކުރީގައި ތިބި ވިޔަފާރިވެރިންގެ ލިސްޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހަކީ ލިސްޓަށް ބޮޑެތި ބަދަލުތަކެއް އައި މަހެކެވެ. ޓެކްނޮލޮޖީގެ ދާއިރާގައި ހިނގާ ބަދަލުތަކާއި، އާ އީޖާދުތަކުގެ ސަބަބުން، ކުރީގެ ބައެއް ބޮޑެތި މުއްސަނދިންގެ މަގާމުތައް ދަށްވެފައި ވެއެވެ. އަދި އަލަށް ބައެއް ނަންތައް ވަނީ ކުރިއަށް އަރާފައެވެ. މި ލިސްޓުގައި ހިމެނޭ އެންމެ މުއްސަނދި 10 ފަރާތުގެ ޖުމްލަ މުއްސަނދިކަން 2.4 ޓްރިލިއަން ޑޮލަރަށް އަރައެވެ. މި ބަދަލުތައް އައިސްފައިވަނީ މައިގަނޑު ގޮތެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި ހިނގައި ދިޔަ ބޮޑެތި ކުރިއެރުންތަކާ ގުޅިގެންނެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި ގޫގުލް ކުންފުނިން 'ޖެމިނައި 3′ މޮޑެލް އިޢުލާން ކުރުމާއެކު، އޭއައިގެ ދާއިރާގައި ބޮޑު ކުރިއެރުމެއް ލިބިްއްޖެއެވެ. ގޫގުލްގެ މައިކުންފުނި އެލްފަބެޓްގެ ހިއްސާތައް ވަނީ މަތިވެގެން ގޮސްފައެވެ. މިކަމުގެ ސަބަބުން، ގޫގުލްގެ ބާނީ ލެރީ ޕޭޖް ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމަށް އަރާފައެވެ. އޭނާގެ މުއްސަދިކަން 262 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހާ އަޅާބަލާއިރު 30 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ލެރީ ޕޭޖް މިހާރު ވަނީ އޮރެކަލްގެ ލެރީ އެލިސަން އާއި އެމެޒޯންގެ ޖެފް ބެޒޯސް ފަހަތަށް ޖައްސާލާފައެވެ.
ލެރީ ޕޭޖްގެ ބައިވެރިޔާ، ސާޖީ ބްރިންގެ މުއްސދަނދިކަމަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އޭނާގެ މުއްސަނދިކަން 27 ބިލިއަން ޑޮލަރު އިތުރުވެ 242 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި އޭނާ ވަނީ ލިސްޓުގެ ފަސްވަނަ މަގާމަށް އަރާފައެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ އިލޮން މަސްކެވެ. އޭނާގެ މުއްސަދިކަން 483 ބިލިއަން ޑޮލަރަށް އަރައެވެ. އަދި، ޓެސްލާގެ ހިއްސާގެ އަގު ދަށްވުމުގެ ސަބަބުން 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައި ވެއެވެ. ނަމަވެސް، އޭނާ ވަނީ ބޮޑު ފަރަގަކާއެކު އެންމެ ކުރީގައި ހިފަހައްޓާލާފައެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ލެރީ އެލިސަން އަށެވެ. އޮރަކަލްގެ ހިއްސާ 23% ދަށްވެ، އޭނާގެ މުއްސަދިކަމުން 67 ބިލިއަން ޑޮލަރު އުނިވެ 253 ބިލިއަން ޑޮލަރަށް ދަށްވެފައި ވެއެވެ. އެހެންވެ، އޭނާ ވަނީ ތިންވަނަ މަގާމަށް ވެއްޓިފައެވެ.
މި މަހު ފުރަތަމަ ފަހަރަށް އެންމެ މުއްސަނދި 10 މީހުންގެ ލިސްޓަށް ވޯރަން ބަފޭ ވަނީ އިތުރު ވެފައެވެ. އޭނާގެ ކުންފުނި ބާކްޝަޔަރ ހެތަވޭ އިން އެލްފަބެޓްގައި ކުރި އިންވެސްޓްމަންޓްގެ ސަބަބުން، އޭނާގެ މުއްސަދިކަން 9 ބިލިއަން ޑޮލަރު އިތުރުވެ 152 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިހާރު އޭނާ ވަނީ ނުވަވަނަ މަގާމަށް އަރާފައެވެ. މައިކަލް ޑެލް ވަނީ 147.9 ބިލިއަން ޑޮލަރާއެކު ލިސްޓުގެ ދިހަވަނަ މަގާމު ހޯދާފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 10 ވިޔަފާރިވެރިންގެ ލިސްޓަށް ބަލާއިރު، ޓެކްނޮލޮޖީގެ ދާއިރާގައި ހިނގާ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ފެނިގެންދެއެވެ. ޑިސެމްބަރު 2025 ގެ ނިޔަލަށް މި 10 މީހުންގެ ޖުމްލަ މުއްސަނދިކަން 2.4 ޓްރިލިއަން ޑޮލަރަށް އަރާއިރު، ހިއްސާގެ ބާޒާރުގައި ހިނގާ ކޮންމެ ދުވަހެއްގެ ބަދަލުތަކާއެކު، މިލިސްޓްގެ ތަރުތީބަށް އަބަދުވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.







