އެމެރިކާގެ ވައިގެ ސިފައިންގެ މައި ކްލައުޑް ޕްލެޓްފޯމް 'ކްލައުޑް ވަން' އަށް ހެކަރުން ވަދެއްޖެ

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ މުހިންމު ކްލައުޑް ކޮމްޕިއުޓިންގ ޕްލެޓްފޯމް ކަމަށްވާ "ކްލައުޑް ވަން" އަށް ހެކަރުން ވަދެއްޖެއެވެ. މި ހާދިސާގެ ސަބަބުން، ޓެކްޓިކަލް، މުވައްޒަފުންނާ ގުޅޭ މައުލޫމާތާއި ލޮޖިސްޓިކްސްއާ ގުޅޭ ވަރަށް ގިނަ ޙައްސާސީ މަޢުލޫމާތުތަކަކަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ދިން ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ކިޔައިދިން ގޮތުގައި، ކްލައުޑް ވަން އަށް ވަދެފައިވާ ކަން އެނގުނީ މިދިޔަ މަހެއްހާ ދުވަސް ތެރޭގައި، އެ ނިޒާމު އަޕްގްރޭޑް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ. އަދި މިކަން އެނގުމާއެކު ޕްލެޓްފޯމްގެ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަންވެސް އެނގުނެވެ. ނަމަވެސް ހެކަރުން ވަގށް ނަގާފައިވާ މައުލޫމާތާއި އޭނާގެ މިންވަރު ކަށަވަރު ނުކުރެވޭ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ވައިގެ ސިފައިން ބުނެފައިވަނީ، މި ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އެއަރ ފޯސް އިދާރާގެ މަޢުލޫމާތާއި، ނިޒާމުތަކާއި، މިޝަންގެ ޤާބިލުކަން ރައްކާތެރިކުރުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނެފައި ވެއެވެ.

2017 ވަނަ އަހަރު އެމެރިކާގެ ވައިގެ ސިފައިން ފެށި ކްލައުޑް ވަން ފަރުމާކޮށްފައިވަނީ ވައިގެ ސިފައިންގެ އައިޓީ ބޭނުންތަކަށް އެއް ތަނަކުން ޚިދުމަތް ލިބޭ ނިޒާމެއްގެ ގޮތުގައެވެ. މިއީ މުވައްޒަފުންގެ މަޢުލޫމާތާއި މުސާރަ، އަދި ލޮޖިސްޓިކްސް އާއި މެއިންޓެނަންސް ބަލަހައްޓާ އެތައް އެޕްލިކޭޝަނެއް ހިންގުމަށް، ހަތަރު އޮޕަރޭޓަރެއް ކަމަށްވާ މައިކްރޯސޮފްޓް، އެމޭޒަން، އޮރެކަލް އަދި އަލްފަބެޓްގެ ވަސީލަތްތައް އެއްކޮށްލައިގެން އުފައްދާފައިވާ ނިޒާމެކެވެ.

މި އެޕްލިކޭޝަންތަކުގެ ތެރޭގައި، މުޅި އުތުރު އެމެރިކާގެ ވައިގެ ދިފާޢީ ރޭޑާގެ ނިޒާމުތަކުގެ މައުލޫމާތާއި އެހެނިހެން ޑޭޓާ ފީޑްތައް އެއްކުރާ ވައިގެ ސިފައިންގެ "ކްލައުޑް ބޭސްޑް ކޮމާންޑް އެންޑް ކޮންޓްރޯލް" ސިސްޓަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެމެރިކާގެ ވައިގެ ސިފައިންގެ 200 އަށް ވުރެ ގިނަ މަރުކަޒެއްގައި ހުރި ބޮމާއި މިސައިލްތައް ޓްރެކްކުރާ "ތިއޭޓަރ އިންޓަގްރޭޓެޑް ކޮމްބެޓް މިއުނިޝަންސް ސިސްޓަމް" ގެ މައުލޫމާތާ ބެހޭ އެޕްލިކޭޝަންތައް ހިމެނެއެވެ.

ކްލައުޑް ވަން އަކީ އެމެރިކާގެ ސިފައިން ބޭނުންކުރާ އެންމެ ބޮޑެތި ކްލައުޑް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ.

މި ނިޒާމު ހެކްކުރި ކަން އެނގުމާއެކު އެމެރިކާގެ ސިފައިންގެ ސައިބަރ ފޯސް ކަމަށްވާ ސައިބަރ ކޮމާންޑް އިން ވަނީ މިކަމުގެ ތަހުޤީޤުތަކުގައި ބައިވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!