މައިކްރޮސޮފްޓްގެ 17.5 ބިލިއަން ޑޮލަރުގެ ރެކޯޑް އިންވެސްޓްމަންޓެއް އިންޑިއާގައި

މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ނިއުދިއްލީގައި ބައްދަލުކުރެއްވުމަށްފަހު، އިންޑިއާގެ އޭއައި-ފަސްޓް ޕްރޮގްރާމު އަވަސްކުރުމަށްޓަކައި 17.5 ބިލިއަން އެމެރިކާ ޑޮލަރުގެ ރެކޯޑް އިންވެސްޓްމަންޓެއް ކުައްވާާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ. މިއީ މައިކްރޮސޮފްޓުން އޭޝިއާގައި މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

މި އިންވެސްޓްމަންޓުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ އޭއައި (މަބު)ގެ އިންފްރާސްޓްރަކްޗާ ބިނާކުރުމާއި، ކްލައުޑްގެ ހިދުމަތްތައް ފުޅާކުރުމާއި، އަދި އެތައް މިލިއަން އިންޑިއާގެ ރައްޔިތުންނަށް އޭއައިގެ ހުނަރުތައް ދަސްކޮށްދިނުމެވެ. މި ފައިސާ ޚާއްސަކޮށްފައިވަނީ އިންޑިއާގެ އޭއައި އިންފްރާސްޓްރަކްޗަރާއި، ހުނަރުތަކާއި، އަދި ގައުމީ ގާބިލިއްޔަތުތައް ވަރުގަދަ ކުރުމަށެވެ. ދުނިޔޭގެ އޭއައިގެ އީޖާދީ މަސައްކަތްތަކުގައި އިންޑިއާގެ މުހިންމުކަން މި އިންވެސްޓްމެންޓުން އިތުރުވަމުންދެއެވެ.

ސަތިޔާ ނަޑއްލާ، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކައިގައި އިންޑިއާގެ ޑިޖިޓަލް ކުރިއެރުމާ ގުޅޭގޮތުން ތައުރީފް ކުރތެއްވި އެވެ. އަދި މި ބައްދަލުވުމަކީ ނަތީޖާ ފެނުނު ބައްދަލުވުމެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި އޭނާ ވަނީ އޭއައިގެ އެހީގައި އިންޑިއާއަކީ، އީޖާދީ މަސައްކަތްތައް ކުރާ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މި އިންވެސްޓްމަންޓާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާގެ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފައި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ކުރިއެރުމަށް އޭއައި ބޭނުންކުރާނެ ކަމަށް ވިދަޅުވެފައެވެ. މި ބޮޑު އިންވެސްޓްމަންޓަކީ އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާއަށް ކުރިމަތިވާނެ ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ، އަދި މީގެ ސަބަބުން އޭއައިގެ ދާއިރާގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!