އެމެރިކާގެ މަޝްހޫރު ޓައިމް މަޖައްލާގެ 2025 ވަނަ އަހަރުގެ އަހަރުގެ ޝަޚުސިއްޔަތު ކަމަށް 'ޕަރސަން އޮފް ދި ޔިއަރ' އަށް ހޮވާފައިވަނީ މަސްނޫއީ ބުއްދި (މަބު)ގެ މޭސްތިރިންނެވެ. އެ މަޖައްލާގެ އެޑިޓަރުން ބުނަނީ 2025 ވަނަ އަހަރަކީ މަބު ގެ ފުރިހަމަ ބާރު ދުނިޔޭފގައި 'ގުގުމާލި' އަހަރު ކަމަށެވެ. އަދި މި ބާރުން ސިނާއަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒިންމާދާރުކަމާ ބެހޭ ގޮތުން ބަހުސްތައް މިއަހަރުގައި އުފެދުނު ކަމަށެވެ.
ޓައިމް އިން ވަނީ މި ކަން އިހުތިފާލު ކުރަން ޖެހޭނީ މަބު، އޭއައި އަށް ނޫން ކަމަށާއި، އެކަމަކު އޭއައި އުފައްދައި، ފަރުމާކޮށް، ބިނާކުރި ފަރުދުންނަށް ކަމަށް ބުނެފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުގައި އޭއައި އަވަހަށް ތަންފީޒުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެކްނޮލޮޖީގެ ލީޑަރުންނާއި އީޖާދީ ފަރާތްތައް ހިމެނެއެވެ. އޭއައި މިހާރު ތައާރަފް ވެފައި ވަނީ ހަމައެކަނި އާލާތެއްގެ ގޮތުގައެއް ނޫނެވެ. އެއީ އިޤްތިޞާދުތަކާއި، ސިޔާސަތުތަކާއި، ސަގާފަތް ބައްޓަންކުރާ ބާރެއްގެ ގޮތުގައި ފެންނަން ރަމްޒެއް ކަމަށް ބުނެފައި ވެއެވެ.
ޓައިމް އިން މިކަން އިއުލާން ކުރުމާއެކު ދެ ޚާއްސަ ކަވަރެއް ރިލީޒް ކޮށްފައިވެއެވެ. އެއް ކަވަރަކީ 1932 ވަނަ އަހަރުގެ މަޝްހޫރު ފޮޓޯ 'ލަންޗް އެޓޮޕް އަ ސްކައިސްކްރޭޕަރ' އަށް ބިނާކޮށް އަލުން އުފައްދާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގައި ޓެކްނޮލޮޖީގެ 8 ލީޑަރުން ހުރަސް ބެރިއެއްގެ މަތީގައި ތިބޭ މަންޒަރު ދައްކުވައިދެއެވެ. އަނެއް ކަވަރުގައި ބޮޑެތި އަކުރުން 'އޭއައި' ލިޔެފައިވާ އަކުރުގެ ސްކެފޮލްޑިންގްއެއްގެ މަންޒަރު ފެނެއެވެ.
ކަވަރު ސްޓޯރީގައި ވަނީ އޭއައި ޒިންމާދާރުކަމާއެކު ބޭނުންކުރާނެ ގޮތާ ބެހޭ ގޮތުން ދުނިޔޭގައި ހިނގާ ބަހުސްތައް ފާހަގަކޮށްފައެވެ. އޭއައި ބޭނުން ކުރުމުގައި ކަންބޮޑުވުންތައް ހުރި ނަމަވެސް، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އޭއައި ބޭނުންކުރުން އަވަސްކޮށްފައިވާ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ބުނެފައި ވަނީ، "ކޮންމެ ސިނާއަތަކަށް ވެސް މަބުއަކީ ބޭނުންވާނެ އެއްޗެއް، ކޮންމެ ކުންފުންޏަކުން ވެސް މަބު ބޭނުންކުރާނެ، އަދި ކޮންމެ ގައުމަކުން ވެސް މަބު ބިނާކުރަން ޖެހޭނެ." ކަމަށެވެ.
ޓައިމް މަޖައްލާގެ އަހަރުގެ ޝަޚުސިއްޔަތަށް ވާދަކުރި އެހެން ފަރާތްތަކުގެ ތެރޭގައި ހަމައެކަނި އޭއައި އާއި، އެންވީޑިއާގެ ސިއީއޯ ޖެންސަން ހުއާން، އަދި އޯޕަންއޭއައިގެ ސޭމް އޯލްޓްމަން، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްފާދިރީ ޕޯޕް ލިއޯ XIV، އަދި ނިއުޔޯކް ސިޓީގެ މޭޔަރު މުންތަޚަބް ޒަހްރާން މަމްދާނީ ހިމެނެއެވެ. މީގެ ކުރިން މިދިޔަ އަހަރު ޓްރަމްޕް ވަނީ 2024 ވަނަ އަހަރުގެ 'ޕަރސަން އޮފް ދި ޔިއަރ’ގެ މަގާމު ހޯދާފައެވެ.
މި ފަހަރުގެ އަހަރުގެ ޝަޚުސިއްޔަތު ހޮވިއިރު، މިއީ ޓައިމް މެގަޒިން އިން އެއްވެސް މީހަކަށް ނުވަތަ ގްރޫޕަކަށް ނިސްބަތް ކުރުމަކާ ނުލައި ފިކުރަކަށް ނިސްބަތްކޮށް މި މަގާމު ދިން 3 ވަނަ ފަހަރެވެ: އެއީ،
- 1982: ދަ ޕަރސަނަލް ކޮމްޕިއުޓަރ
- 1988: ދަ އެންޑޭންޖަރޑް އާތް
- 2025: ދަ އާކިޓެކްޓްސް އޮފް އޭއައި







