ޗައިނާއިން ޖަޕާނާއި ތައިވާނާ ދެކޮޅަށް ދެ މިޔަލީ ސްޓްރެޓެޖީއެއް ފަށައިފި

ޗައިނާއިން ވަނީ ޖަޕާނާއި ތައިވާނާ ދެކޮޅަށް އާ 'ދެ މިޔަލީ ސްޓްރެޓެޖީ’އެއް ފަށާފައެވެ. މި ސްޓްރެޓެޖީގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާގައި ހަނގުރާމަ ކުރުމާއި ތާރީޚީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަނގުރާމަ ކުރުން އެއްކޮށްލާފައި ވެއެވެ. އެކަމުގެ މަޤްޞަދަކީ ތައިވާނާ ގުޅޭ މައްސަލައިގެ ޤާނޫނީ އަދި ނަފްސާނީ މާޙައުލު ބަދަލުކުރުމެވެ. ބެއިޖިންގ އިން ދަނީ ޤާނޫނީ ލިޔުންތަކާއި ތާރީޚީ ވާހަކަތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޖަޕާނަށް ހުރަސްއަޅައި، ތައިވާނުން ދައުވާ ކުރާ މިނިވަންކަމުގެ ވާހަކަ ބާޠިލުކޮށް، އެމެރިކާގެ ވިސްނުމަށް ނުފޫޒު ފޯރުވަމުންނެވެ. މިއީ ޤާނޫނީ މައްސަލައެއް ކާމިޔާބުކުރުމަށްވުރެ ބޮޑަށް، ސްޓްރެޓެޖިކް މާޙައުލު ބައްޓަންކުރުމުގެ މަސައްކަތެއް ކަމަށް ބެލެވެއެވެ.

މި އާ ސްޓްރެޓެޖީ ފެށުނު މައިގަނޑު ސަބަބަކީ، ޖަޕާނުގެ ބޮޑުވަޒީރު ޓަކައިޗީ ސަނާއޭ، ޗައިނާއިން ތައިވާނަށް ޙަމަލާދީފިނަމަ އެކަމަކީ ޖަޕާނުގެ 2015 ވަނަ އަހަރުގެ ސެކިއުރިޓީ ޤާނޫނުތަކުގެ ދަށުން 'ދިރިއުޅުމަށް ނުރައްކާވާ ޙާލަތެއް' ކަމުގައި ކަނޑައެޅުއްވުމެވެ. މިކަމުގެ ސަބަބުން، ޖަޕާނަށް ސީދާ ޙަމަލާއެއް ނުދިން ކަމުގައިވިއަސް، ޖަޕާނުގެ ދިފާޢީ ބާރުތައް (އެސް.ޑީ.އެފް) ފޮނުވައި، ހަނގުރާމައިގެ ބާރުގެ ކުޑަ މިންވަރެއް ބޭނުންކުރުމުގެ ޤާނޫނީ ހުއްދަ ޖަޕާނަށް ލިބިދެއެވެ.

މިކަމަށް ޗައިނާއިން ރައްދުދީފައިވަނީ ހަރުކަށި ފިޔަވަޅުތަކަކުންނެވެ. ޗައިނާއިން ވަނީ އ.ދ. އަށް ރަސްމީ ގޮތުން ސިޓީއެއް ފޮނުވައި، ޖަޕާނުން އުދުވާނީ އަމަލެއް ހިންގަން ވިސްނާކަމަށް ތުހުމަތުކޮށްފައެވެ.
އަދި އ.ދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިފާޢުގެ ޙައްޤު ބޭނުންކުރާނެކަމުގެ އިންޒާރު ވެސް ޗައިނާއިން ވަނީ ދީފައެވެ. މީގެ އިތުރުން، ޗައިނާއިން ދަނީ އ.ދ. ޗާޓަރުގެ (53، 77، 107) ވަނަ މާއްދާތަކުގައިވާ 'ދެކޮޅުވެރި ދުޝްމަން ދައުލަތް' ގެ މަފްހޫމު ވެސް އާންމުކޮށް ފަތުރަމުންނެވެ.

މި މއްދާތަކުގެ ދަށުން އަދިވެސް ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ 'ދެކޮޅުވެރި ދުޗްމަން ދައުލަތެއް’ގެ ގޮތުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ސިޔާސީ ގޮތުން މި މާއްދާތައް ބޭކާރުވެފައިވީނަމަވެސް، ޤާނޫނީ ގޮތުން އަދިވެސް އެއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ޤާނޫނީ ހަނގުރާމައިގެ މަޤްޞަދުތައް:

ޗައިނާގެ ޤާނޫނީ ހަނގުރާމައިގެ މައިގަނޑު މަޤްޞަދުތަކަކީ ޖަޕާނުގެ އަސްކަރީ ނިންމުންތަކަށް ހުރަސްއެޅުމެވެ. އަދި ޖަޕާނަށް އ.ދ. ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުކަން ހޯދުމަށް ހުރަސްއެޅުމެވެ.، އަދި ތައިވާނަކީ ހަނގުރާމައަށްފަހު އުފެދުނު ބައިނަލްއަޤްވާމީ ނިޒާމުގެ ބައެއްގެ ގޮތުގައި ބަޔާންކުރުމެވެ. މިގޮތުން، ޗައިނާ ދައްކަން މަސައްކަތްކުރަނީ ތިމަންމެންނަކީ ޙަމަލާދޭ ފަރާތެއްގެ ބަދަލުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ވާރުތަވި ސުލްހައާއި ސިލްމު ރައްކާތެރިކުރާ ފަރާތްކަމަށެވެ.

ތާރީޚީ ވާހަކަތަކުގެ ހަނގުރާމަ:

ތާރީޚީ ވާހަކަތަކުގެ ހަނގުރާމައިގެ ދަށުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ޑޮނަލްޑް ޓްރަމްޕްއަށް "ތައިވާން ޗައިނާއަށް އެނބުރި އައުމަކީ ހަނގުރާމައަށްފަހު އުފެދުނު ބައިނަލްއަޤްވާމީ ނިޒާމުގެ މުހިންމު ބައެއް." ކަން ވިސްނައި ދެއްވަން މަސައްކަތް ކުރައްވާފައެވެ.

ސްޓްރެޓެޖިކް މަޤްޞަދު:

ޗައިނާގެ މައިގަނޑު ސްޓްރެޓެޖިކް މަޤްޞަދަކީ ޖަޕާން ސިޔާސީ ގޮތުން އެކަހެރިކުރުމާއި، ޤާނޫނީ ގޮތުން ބިރުދެއްކުމާއި، އެމެރިކާއާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދެވަނަ ބޮޑު ހަނގުރާމައިގެ ގުޅުމުގެ ނަމުގައި އެމެރިކާގެ އެއްބާރުލުން ހޯދުމެވެ. ފާހަގަކުރެވޭ ގޮތުގައި، ޗައިނާއިން އެމެރިކާއަށް ސީދާ ޙަމަލާދޭ ކަމަށް ތުހުމަތުކުރުމުން ވަނީ ދުރުހެލިވެފައެވެ. އެއީ ވޮޝިންޓަން ޓޯކިޔޯއާ ވަކިކުރުމަށް އަމާޒުކޮށްގެންނެވެ.

އެމެރިކާއާއި އެހެނިހެން އެކުވެރިންނަށް އިންޒާރު:

އެމެރިކާއާއި އެކުވެރިންނަށް އޮތް އިންޒާރަކީ ކުރު މުއްދަތުގެ ވިޔަފާރީގެ މަޞްލަޙަތުތަކަށް ލުއިދީގެން ސްޓްރެޓެޖިކް ސާފުކަން ގެއްލުވައިނުލުމެވެ. އަދި ޗައިނާގެ ބާރު ފުޅާކުރުމާއި ޖަޕާނުގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރާ ދައުރު ދެމެހެއްޓުމަށް ބެއިޖިންގ އިން އިލްތިމާސް ކޮށްފައިވެއެވެ. ބެއިޖިންގ، ޓޯކިޔޯ ނުވަތަ ތައިޕޭގެ ނު ރަނގަޅު ހިސާބުތަކުގެ ސަބަބުން ބޭކާރު ހަނގުރާމައެއްގެ ތެރެއަށް ވަނުމުން ރައްކާތެރިވުމަށްވެސް ޗައިނާ ވަނީ އެމެރިކާއަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!