މި އަހަރުގެ ނޮވެމްބަރު މަހު އިންޑިއާއިން އެކްސްޕޯޓު ކުރި ތަކެތީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އޮކްޓޯބަރު މަހު ފެނިގެން ދިޔަ އެކްސްޕޯޓު ދަށްވުން ރަނގަޅުކޮށްދީފިއެވެ.
ނޮވެމްބަރު މަހު އިންޑިއާގެ އެކްސްޕޯޓް ވަނީ 19.37 ޕަސެންޓަށް އިތުރުވެފައެވެ. އަދި ޑޮލަރުގެ ނިސްބަތުން 38.13 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އިންޖިނިއަރިންގ އަދި އިލެކްޓްރޯނިކްސް ސާމާނު އެކްސްޕޯޓު ކުރި މިންވަރު އިތުރުވުމެވެ. މީގެ ސަބަބުން ވިޔަފާރީގެ ޓްރޭޑް ޑެފިސިޓް ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި އެންމެ ދަށް މިންވަރަކަށް ކުޑަވެ ފައެވެ. މިހާރު ޑެފިސިޓް ވަނީ، 24.53 ބިލިއަން ޑޮލަރަށް ދަށްވެފައެވެ.
ނޮވެމްބަރު މަހު އިންޑިއާއަށް އެތެރެކުރި ތަކެތީގެ މިންވަރު ވެސް ވަނީ 1.88 ޕަސެންޓަށް ދަށްވެ، 62.66 ބިލިއަން ޑޮލަރަށް މަދުވެފައެވެ. މިގޮތުން އެތެރެކުރި ތަކެތީގެ މިންވަރު ދަށްވުމަށް މެދުވެރިވީ، މައިގަނޑު ގޮތެއްގައި ރަނާއި ސާފު ނުކުރާ ތެލާއި ކޯލާ ދެލީ އެތެރެ ކުރި މިންވަރު މަދުވުމުގެ ސަބަބުންނެވެ.
އެޕްރީލް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް، އިންޑިއާގެ އެކްސްޕޯޓުގެ މިންވަރު 2.62 ޕަސެންޓަށް އިތުރުވެ، 292.07 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް، މި މުއްދަތުގައި އިމްޕޯޓު ކުރި ތަކެތީގެ މިންވަރު 5.59 ޕަސެންޓަށް އިތުރުވެ، 515.21 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އަދި، ޖުމްލަ ވިޔަފާރީގެ ގެއްލުން 223.14 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ.
އެމެރިކާއިން އިންޑިއާގެ މުދަލަށް ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފައި ވީނަމަވެސް އެމެރިކާއަކީ ނޮވެމްބަރު މަހުވެސް އިންޑިއާއިން އެންމެ ގިނައިން މުދާ ބޭރުކުރި ގައުމެވެ. އެމެރިކާއަށްފަހު އިންޑިއާގެ މައިގަނޑު އެކްސްޕޯޓް މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ، ޔޫ.އޭ.އީ، ނެދަލޭންޑްސް، ޗައިނާ، ޔޫ.ކޭ، ޖަރުމަން، ސިންގަޕޫރު، ބަންގްލަދޭޝް، ސަޢޫދީ އަރަބިއްޔާ އަދި ހޮންގްކޮންގް އެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ނޮވެމްބަރު މަހުގެ މި ނަތީޖާއިން ދައްކުވައި ދެނީ އިންޑިއާގެ މުހިންމު ސެކްޓަރުތައް ތަރައްގީވުން އަވަސްވެފައިވާ ކަމެވެ. އަދި، އެކްސްޕޯޓަރުން ފާހަގަކުރާ ގޮތުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް އިންޑިއާގެ އެކްސްޕޯޓް ސެކްޓަރުގެ ވިލުންތެރިކަން ވަރަށް ބޮޑެވެ.







