ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި އިޤްތިޞާދީ ބާރުތަކުގައި، މުއްސަނދިން ދިރިއުޅެން ޚާއްސަ ސިއްރު އަވަށުތައް ބިނާކޮށްފައި ހުރެއެވެ. މިފަދަ އަވަށުތަކަކީ ޢާންމުކޮށް ގިނަ ބަޔަކަށް އެނގިފައިނުވާ، ނަމަވެސް ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިން ދިރިއުޅޭ ތަންތަނެވެ. މިފަދަ އެއް އަވަށަކީ އެމެރިކާގެ ނޯތު ކެރޮލައިނާގެ ބުލޫ ރިޖް މައުންޓެއިންސްގައިވާ ކޭޝިއަރސް ނަމަކަށް ކިޔާ ކުޑަ އަވަށެކެވެ. މި އަވަށަކީ އެތާގައި ދިރިއުޅޭ މަދު އަދަދެއްގެ އެންމެ މުއްސަނދި ސާދާގަރުންގެ ޒާތީ ދިރިއުޅުމުގެ ސިއްރުތައް ހާމަނުކުރެވޭ ފަދަ އަވަށެކެވެ.
ކޭޝިއަރސްގެ އާބާދީއަކީ 2 ހާހެއްހާ މީހުންނެވެ. މިމީހުންނަކީ، ފިނި މޫސުމް ފިޔަވައި އެހެން މަސްތަކުގައި މި އަވަށުގައި އާދަވެގެން އުޅޭ މީހުންނެވެ. ކޭޝިއަރސްގައި މުއްސަނދިން ދިރިއުޅެނީ، ވަކި ގޮތަށް ހަދާފައިވާ ގޮލްފް ކޮމިއުނިޓީތަކުގައެވެ. މި ކޮމިއުނިޓީތަކުގެ މެމްބަރޝިޕް ފީއަށް އަހަރަކު އެތައް ލައްކަ ޑޮލަރަށްވުރެ ގިނަ އަދަދެއް ހޭދަ ކުރަން ޖެހެއެވެ. އެއިން ކޮމިއުނިޓީއަކަށް ވަނުމަށްޓަކައި އެ ކޮމިއުނިޓީއިން ގެއެއް ގަތުން މަޖުބޫރެވެ.
2020 ވަނަ އަހަރުން ފެށިގެން ކޭޝިއަރސްގެ ރިއަލް އެސްޓޭޓްގެ އަގުތައް ވަނީ ދެގުނައަށް ބޮޑުވެފައެވެ. އެމރިކާގެ ދެކުނު ސަރަހައްދުތަކުންނާއި އެހެން ހިސާބުތަކުން މުއްސަނދިން ވަނީ ވަނީ މިތަނުން އަގުބޮޑު ގެތަކާއި ބިންތައް ގަނެފައެވެ.
މިދިޔަ ހޫނު މޫސުމުގައިވެސް ބިއްލޫރިންނާއި ދަގަނޑުން ހަދާފައިވާ ގެއެއް ވަނީ 11 މިލިއަން ޑޮލަރަށް ވިކިފައެވެ. މިއީ މިހިސާބުގެ ގެއެއް މިހާ ބޮޑު އަގުގައި ވިއްކުނު ފުރަތަމަ ފަހަރެވެ. މިއަވަށުގެ އަގުތައް މަތިވެފައި ވަނީ ދިރިއުޅުމުގެ ފެންވަރު މަތިވަމުން ދިއުމާ ގުޅިގެން ކަމަށް ބުނެއެވެ. މި އަވަށުގައި އާންމުން ބޭނުންވަނީ ޒަމާނުއްސުރެން އަވަށުގައި އޮތް ހަމަހިމޭންކަމާއި، ޒާތީ މިނިވަން ކަމަށް އިސްކަންދޭ އާދަތައް އެ ގޮތުގައި ދެމި އޮންނާށެވެ.
އެހެން އާބާދީއެކޭވެސް އެއްފަދައިން މި އަވަށުގައިވެސް ރެސްޓޯރެންޓުތަކާއި ފިހާރަތައް ހުރެއެވެ. އަދި އަވަށަކީ ހިމޭން އަމާން ތަނެކެވެ. ގުދުރަތީ ގޮތުންވެސް މި އަވަށުގެ ވަށައިގެން ފަރުބަދައާއި ފެންގަނޑުތަކާއި ޖަންގަލީތައް ހިމެނުމުން މިތަން ރައްކާތެރި ވެފައި ވެއެވެ.








