އަންހެނުންނަށް ލިބިދޭ ޙައްޤުތަކަކީ ހަމައެކަނި ލިޔެފައި އޮންނަ ފޮޅުވަތްތަކެއްގެ ބަދަލުގައި، އެއީ ޢަމަލީގޮތުން އިންސާފު ހޯދައިދެވޭ ކަންކަމަށް ހަދަންޖެހޭ ކަމަށް މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ ޢަދުނާނު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އަލައިކާ ވިދާޅުވީ، މިއަހަރުގެ އަންހެނުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ޙައްޤުތައް، އިންސާފު، ޢަމަލު – ހުރިހާ އަންހެނުން އަދި އަންހެން ކުދިންނަށް" މި ޝިއާރުގެ އަސްލު މަޤްޞަދަކީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އަދި މިއަދަކީ އަންހެނުންގެ ކަރާމާތް ރައްކާތެރިކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައަޅަންވީ ދުވަސްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންހެނުންނަކީ އާއިލާތަކުގެ މައިބަދަ ކަމަށް ސިފަކުރައްވަމުން އަލައިކާ ވިދާޅުވީ، އަންހެނުން ބާރުވެރިވުމަކީ މުޅި މުޖުތަމައުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް ކަމަށެވެ. "އަޅުގަނޑު ދެކޭގޮތުގައި މުޅި މުޖުތަމައުގެ ކުރިއެރުމާ ތަރައްގީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމެނުން ކަށަވަރުކުރަންޖެހޭނެ" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަން ބޭނުންވާކަން އަލައިކާ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާނެޖެހެއެވެ. އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތައް އެއްބާރުލައިގެން މަސައްކަތްކުރަންޖެއެވެ." އަލްއުސްތާޒާ އަލައިކާ ޢަދުނާން
ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބިފައިވާ ބާރުތަކަށް ވެސް އަލައިކާ އަލިއަޅުވާލެއްވިއެވެ. އެގޮތުން ބްލޮކް ގްރާންޓްގެ 10 އިންސައްތަ ކޮމިޓީތަކަށް ލިބޭގޮތަށް ހަމަޖެހުމަކީ އަންހެނުންގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލައިކާގެ މެސެޖު ނިންމާލައްވާފައިވަނީ އަންހެނުންގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، ޒަރޫރީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ކަށަވަރުކޮށްދިނުމަށް ގޮވާލައްވަމުން، ރާއްޖޭގެ ހުރިހާ އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.
Alika: Women’s Rights Must Become Practical Justice, Not Just Written Promises



