ޢިރާޤުގެ މޫސަލްގެ ތާރީޚީ އައްނޫރީ މިސްކިތް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަކީ އެ ސިޓީއަށް ލިބުނު ބޮޑު އުފަލެކެވެ. ނަމަވެސް، މި ރަސްމިއްޔާތުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން އެކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. މިސްކިތް އިފްތިތާޙު ކުރާ ހަފްލާއަށް ސަރުކާރުގެ މަސްއޫލުވެރިންނާއި މޫސަލްގެ އިއްޒަތްތެރިން ހާޒިރުވެ ތިއްބެވެ. މުސްލިމު ނޫން ދީންތަކުންވެސް މީހުން ހާޒިރުވެ ތިއްބެވެ.
ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ އިރާގްގެ ބޮޑު ވަޒީރު، މުޙައްމަދު ޝީޢާ އައްސޫދާނީއެވެ.
ކަން ދިމާވި ގޮތަކީ ހަފްލާ ފެށުމުގެ ކުރިން ކީރިތި ޤުރުއާން ކިޔެވިއެވެ. ޤާރީ ކިޔެވުން ފެށީ أعوذ بالله من الشيطان الرجيم ކިޔަމުންނެވެ.
ޤާރީގެ أعوذ ކިޔައި ނިމުމުން މަސްއޫލުވެރިއަކު ތެދުވެވަޑައިގެން، ’ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުމުން' މަޢާފަށް އެދޭކަމަށް ވިދާޅުވެ، އެކަން އިއުލާން ކުރެއްވިއެވެ.
މަސްއޫލުވެރިޔާ އެކަން އިއުލާން ކުރެއްވުމުގެ ކުރިން، ދައުވަތު އެރުވިފައިވާ ސަރުކާރުގެ މަސްއޫލުވެރިއަކުވެސް أعوذ ކިޔަން ފެށުމުން، ހަފްލާދޫކޮށް ތެދުވެ ވަޑައިގަތެވެ.
أعوذ ކިޔުމުން، މައިކް ކައިރިއަށް ހުއްޓިވަޑައިގެން މައާފަށް އެދިވަޑައިގަތް މަސްއޫލުވެރިއަކީ، ނައިނަވާގެ ގަވަރުނަރު ޢަބްދުލްޤާދިރު އައްދަޚީލު އެވެ.
ހަފްލާ ދޫކުރައްވައި ވަޑަިަގަތީ އިރާގްގެ ޔަޒީދީ ދީނުގެ މަސްއޫލުވެރިއެކެވެ. أعوذ ކިޔުމުން މައާފަށް އެދުނީ ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުމަކީ، ޔަޒިދީންނަށް ކުރެވޭ ފުރައްސާރައެއްކަމުގައި ބަލާފައެވެ.
މިހާދިސާއަކީ 2023 ފެބްރުއަރީގައި ހިނގާފައިވާ ހާދިސާއެކެވެ.
ޔަޒީދީންނަކީ ޢިރާޤުގެ އުތުރު ސަރަހައްދުގައި ދިރިއުޅޭ ބައިމަދު ބައެކެވެ. އެމީހުން ގިނައިން ދިރިއުޅެނީ ސަންޖާރުގައެވެ.
ޔަޒީދީންނަކީ ﷲ އާއި ﷲ ޚަލްޤު ކުރެއްވި 7 މަލާއިކަތުންނަށް އީމާންވާ ކަމަށް ބުނާ އެކެވެ. ނަމަވެސް މައްސަލަ އުފެދެނީ ސާމަރާ ދޫންޏަކާ ހިސާބުންނެވެ.
ސާމަރާ ދޫންނަށް އަރަބި ބަހުގައި ކިޔަނީ ޠާވޫސް އެވެ. މިއީ ޔަޒީދީން މޮށެއުޅޭ ކަރަމަންޖީ ބަހުން އަރަބި ބަހަށް ގެނެވިފައިވާ ބަހެއް ކަމަށް ބެލެވެއެވެ.
އެއީ "ޠާ" އާއި "ވޫސް" އެއްކޮށްގެން ހަދާފައިވާ ބަހެކެވެ. "ޠާ" އަކީ މަލާއިކަތާ… އަދި "ވޫސް" އަކީ ނޫރު: ޔައުނީ ނޫރުގެ މަލާއިކަތާ އެވެ.
![]()
ފޮޓޯގައި މި ފެންނަނީ، ޔަޒީދީންގެ އިސް މީހެއްކަމަށްވާ ޝަރަފުއްދީން ޔަޒިދީގެ ޒިޔާރަތުގައި ބަހައްޓާފައިވާ ޠާވޫސް، ސާމަރާ ދޫންޏެެކެވެ.
ޔަޒީދީންގެ ޢަޤީދާގައި ޠާވޫސް މިއީ މުހިންމު ބައެކެވެ.
މުސްލިމުންނާއި ސަމާވީ އެހެން ދީންތަކުގެ ޢަޤީދާއަކީ، އާދަމްގެފާނު ޚަލްޤު ކުރެއްވުމަށްފަހު މަލާއިކަތްބޭކަލުންނަށް ސަޖިދަ ކުރެއްވުމަށް ﷲ އަމުރު ކުރެއްވުމުން އެ އަމުރުފުޅަށް އުރެދުނީ އިބުލީސް ކަމަށެވެ.
އެހެންވެ، އެކަލޭގ،ެ ﷲގެ ރަޙުމަތުން މަޙުރޫމު ކުރައްވައި ސުވަރުގެއިން ބޭރުކޮށްލެއްވީއެވެ. އަދި އާދަމްގެފާނަށް އިބްލީސް ސުވަރުގޭގައި ވަސްވާސް ދިން ކަމަށްވެސް ސަމާވީ ދީންތަކުން ޤަބޫލު ކުރެއެވެ. ޔަޒީދީން އެކަމާވެސް ޚިލާފެވެ!
ޔަޒީދީންގެ އަޤީދާގައި އިބްލީސް އަށް މަތިވެރި ދަރަޖައެއް ދީފައި ވެއެވެ. އަދި އޭނާ އާދަމްގެފާނަށް ވަސްވާސް ދިނުމާ ބެހޭ ގޮތުންވެސް ފުލޯކުވާހަކަ ދައްކައި ﷲގެ ޒާތުފުޅަށ،ް ހަދައިގެން ބަސްތައް ނިސްބަތް ކުރެއެވެ.
އެހެންވެ، މުސްލިމުން ޒަމާނުއްސުރެން ދެކެނީ ޔަޒީދީން ޝައިޠާނާއަށް އަޅުކަން ކުރާ ކަމަށެވެ.
އަދި މިކަމަކީ މުސްލިމުންނަށް ޔަޒީދީންގެ އަޤީދާ ނޭނގޭތީ ދައްކާ ވާހަކައެއް ކަމަށް ޔަޒީދީން ބުނެއެވެ.
އެހެންވެ، ޔަޒީދީންގެެ ހާޒިރުގައި އެމީހުންގެ ބޮޑު މީހާ، ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދެނީނަމަ އެކަމުން އެމީހުންގެ ޝުޢޫރު ޖަރަޙަ ވުމަކީ ޠޮބީޢީ ކަމެކެވެ.
މޫސަލްގެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު މަޢާފަށް އެދިވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޤުރުއާން ކިޔެވުމުގެ ކުރިން އާދައިގެ މަތިން أعوذ بالله من الشيطان الرجيم ކިޔުމުން މަޢާފަށް އެދުމަކީ، ޔަޒީދީންނާއި ޝައިޠާނާއާ ގުޅުމެއްވާކަމަށް ނުސީދާކޮށް އެއްބަސްވުމެކެވެ!
މި މާތް ބިމުގައި ދިރިއުޅޭ ދިވެހިން، އެމީހުންގެ ދީނ ީއެއްބައިވަންތަކަށް ފަޚުރުވެރވެި، ﷲއަށް ޙަމްދުކުރާކަށް ނުވޭ ހެއްޔެވެ؟

ނޫރުއްދީން މިސްކިތާ ބެހޭ މައުލޫމާތު:
މޫޞަލްގެ އައްނޫރީ މސިްކިތަކީ، މީލދީން 1117 ވަނަ އަހަރު މޫސަލްއާއި ޙަލަބްގެ ގަވަރުނަރު ނޫރުއްދީން ޒިންކީ ބިނާ ކުރެއްވި މިސްކިތެކެވެ.
ނޫރުއްދީން ޒިންކީއަކީ، އުންމަތުގެ ހާލަތު ހީނަރުވެފައި ވަނިކޮށް، އިސްލާމް ދީނަށް އަގުހުރި ޚިދުމަތެއް ކޮށްދެއްކި ކަމަށް ތަރީޚުގައު ނަން ފަވާލެވޭ ޝަޚުސިއްޔަތެކެވެ.
އޭނާގެ 28 އަހަރުގެ ވެރިކަމުގައި ނޫރުއްދީން، ދިމިޝްޤް ފަތަޙަ ކުރެއްވިއެވެ. ޞަލާޙުއްދީނުލްއައްޔޫބީގެ ޝައްޚުޞިއްޔަތު ބަންޓަން ކުރެއްވުމުގައި ނޫރުއްދީން ޒިންކީގެ ދައުރަކީ ފާހަގަ ކުރެވޭ ދައުރެކެވެ.

ރާއްޖެއިން އެނބުރިވަޑައިގަތް މަގުމަތީގައި އިބްނު ބަޠޫނާ، މޫޞަލްއަށް ޒިޔާރަތް ކުރެއްވިއެވެ. އައްރިޙްލާގައި ނޫރުއްދީން މިސްކތާ ބެހޭ ގޮތުން ލިޔުއްވަމުން އޭނާ ވިދާޅުވަނީ، އެއިރުވެސް ނޫރުއްދީން މިސްކިތުގެ މުންނާރު އަރިއަޅާލާފައި ހުރި ކަމަށެވެ.
އެމެރިކާއިން އިރާގް ސުންނާފަތިކޮށްލި، އުދުވާނީ ސޮލީބީ ހަމަލަތަކަށްފަހު އިރާގް ބައިބައި ވެފައި ވަނިކޮށް، އިޒްރޭލުން އުފެއްދި އައިސިސް އިން މޫސަލްއަށް ވެރިވިއެވެ.
2 ޖޫން 2014ގައި އައިސިސް އިން އިއުލާން ކުރީ މޫސުލްއާއި ނައިނަވާ ސަރަހައްދުގައި، މީހުން އިސްލާމް ދީނަށް ވެއްދުމަށާއި އިސްލާމީ ސާފު އަޤީދާ އިންދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި ނައިނަވާގެ ޔަޒީދީން އިސްލާމް ދީނަށް ވަނުން މަޖުބޫރުކުރިއެވެ. އަދި، އެކަމަށް އިންކާރުކޮށްފިނަމަ އެމީހުންގެ އަންހެނުން ޖާރިޔައިންގެ ގޮތުގައި އައިސިސް ހަނގުރާމަވެރިންނަށް ލިބޭ ގޮތަށް ފަތުވާއެއް ނެރުނެވެ.
އަދި މޫސަލްގައި ނޫރުއްދީން މިސްކިތުގެ މުންނާރަކީ، މުސްލިމުންނަށް މާ މާތް މުންނާރެއް ކަމަށް ގަބޫލު ކުރެވޭތީ ، އެއީ ޝިރުގެ އަމަލެއް ކަމަށް ބުނެ، އެ މުންނާރު ވައްޓާލުމަށްވެސް ނިންމިއެވެ.
މޫސަލްގައި މީހުން ބުނަނީ މާލޭގެ އިސްލާމީ މަރުކަޒުގެ މުންނާރާ އެއްވަރަކަށް ދިގު، 150 ފޫޓުގެ މި މުންނާރު އަރި އަޅާލާފައި ވަނީ، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މިއުރާޖަށް އަރައިވަޑައިގަތް ރޭ އެކަލޭގެފާނަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. މި ހިނދު މި މުންނާރު ބިނާކޮށްފައި ވަނީ އެހާދިސާއަށް އެތައް ގަރުނެއް ފަހުންނެވެ!

4 ޖުލައި 2014 ގައި އައިސިސް ހަނގުރާމަވެރިންގެ ޚަލީފާ އަބޫބަކުރު ބަޣުދާދީ، ނޫރުއްދީން މިސްކިތުގައި އިސްވެ ހުކުރު ނަމާދު ކުރިއެވެ. އިރާގްގެ ސާމައްރާގެ މިމީހާއަކީ ބަޣުދާދް ޔުނިވާސިޓީން ދީން ކިޔަވައިގެން ހުރި އިބްރާހީމް އައްވާން އިބްރާހީމް އަލީ އަލްބަންދަރީ ނަމަކަށް ކިޔާ މަރުމޯލައެކެެވެ.
އެދުވަހު ހުކުރު ޚުތުބާގައި އޭނާ ޖިހާދު އިއުލާން ކުރިއެވެ. އަދި އައިސިސް އަގީދާ އެހެން މީހުންނަށް މަޖުބޫރު ކުރުމަށް އިއުލާން ކުރިއެވެ. އަދި އެދުވަހު ނޫރުއްދީން މިސްކިތުގެ މުންނާރު ގޮއްވާލުމަށް ވެސް އަމުރު ކުރިއެވެ.
ފަހުން އައިސިސްއާއި އިރާގް ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރުމުން މިސްކިތުގެ ބޮޑު ބައެއް ހަލާކު ވިއެވެ.
ބޮޑު ވަޒީރު ސޫދާނީ ބައިވެރިވެ ވަޑައިގަތް ހަފްލާއަކީ މި މިސްކިތް މަރާމާތަށް ފަހު އަލުން އިފްތިތާޙު ކުރުމަށް ބޭއްވި ހަފްލާއެވެ.







