މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، "އަލައިކާ އެނގޭތަ؟" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ކުއިޒް އިފްތިތާހުކުރުމަށް ބޭއްވި ޚާއްޞަ ހަރަކާތް އޮތީ 9 މާރޗް 2026 ވީ ހޯމަ ދުވަހުގެ ރޭ 22:30 ގައި މާފަންނު ބިސް ބުރު ސަރަޙައްދުގައެވެ.



މި ކުއިޒަކީ ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް އަލައިކާ ތައާރަފްކޮށްދީ، މާލެ ސިޓީއާ މެދު އޭނާ ގެންގުޅުއްވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ 10 މާރޗް 2026 އިން ފެށިގެން 29 މާރޗް 2026 ގެ ނިޔަލަށެވެ.
މި ކުއިޒްގައި ކޮންމެ ދުވަހަކުވެސް އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެއެވެ. ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 00:00 އާ ހަމައަށް www.alaika.mv ވެބްސައިޓް މެދުވެރިކޮށް ފޮނުވޭނެއެވެ. ކޮންމެ ދުވަހަކުވެސް ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ހޮވޭ ފަރާތަކަށް އެ ދުވަހުގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދުވަހުގެ ނަސީބުވެރިޔާ ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާން ކުރާނެއެވެ.
މުޅި ކުއިޒުން އެއްވަނައަށް ހޮވޭ ފަރާތަކަށް ވަރަށް ޚާއްޞަ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމުރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކުއިޒްގެ މީޑިއާ ޕާޓްނަރަކީ އެމް.އެމް.ޓީ.ވީއެވެ. އަދި ކުއިޒްގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ VAV Pvt Ltd ގެ ފަރާތުންނެވެ.
Alaika launches “Do You Know Alika?” quiz as part of Malé WDC campaign



