"މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން," ޝިހާބު
ރާއްޖޭގައި ބާއްވާ އެކި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަމަ ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ. ޝިހާބު މިހެން ވިދާޅުވީ "ހޭލުން" ނަމުގައި ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޝިހާބު ވިދާޅުވީ، އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ރާއްޖެ ފަދަ ޤައުމަކަށް އެންމެ ފައިދާ ބޮޑު ގޮތަކީ ހުރިހާ އިންތިޚާބުތަކެއް އެއް ދުވަހެއްގައި ބޭއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަމަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން"، ކުރީގެ ވަޒީރުކަން ވެސް ކުރައްވާފައިވާ ޝިހާބު ވިދާޅުވިއެވެ.
ޝިހާބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އިންތިޚާބެއް ވަކިވަކީން ބޭއްވުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއްގެ އިތުރުން، ހުރިހާ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުޤުވެރިކަން ދެމެހެއްޓުމަކީ ވެސް ގޮންޖެހުމެކެވެ. ރިޔާސީ އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން މަޖިލީސް އިންތިޚާބަށް ނޯންނަ ކަމަށާއި، އަދި މަޖިލީސް އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުޑަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިޚާބުތައް އެއްކޮށްލުމުން ލިބޭނެ އިތުރު ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޝިހާބު ވިދާޅުވީ، އެއް ދުވަހެއްގައި ވޯޓުލުން ކުރިއަށްދާނަމަ އިންތިޚާބުތަކުގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުވެ، ނުފޫޒުތަކަށް އޮތް ފުރުސަތު ހަނިވާނެ ކަމަށެވެ. ސަބަބަކީ ދެ އިންތިޚާބަށް ވޯޓުލާން ނިކުންނައިރު ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭނގޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހަކަށް ބަދަލުކޮށްލެވިއްޖެނަމަ ޤައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބުރަވެވަޑައިގަންނަވާ ކަމަށެވެ. މުޙައްމަދު ޝިހާބަކީ ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ވެރިކަމުގައި އެޑްވައިޒަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.



