އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ "ފެންނަ ނުފެންނަ" ވޯޓުގައި ބައިވެރިވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މި ލިސްޓުގައިވާ ގޮތުން، މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި ލިސްޓު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.
ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ ކޮންމެ މީހަކުވެސް ވޯޓުލާ ދާއިރާ އެނގޭނެ ގޮތަށެވެ. މީގެ އިތުރުން، ވޯޓުލާން ޖެހޭ ތަން އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ބަލާލެވޭނެ އިންތިޒާމު އެ ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
މި އިންތިހާބުތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 10 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓަށް ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލީ މިދިޔަ މަހުގެ 18 ގައެވެ. އެ މުއްދަތު މިދިޔަ މަހުގެ 22 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.


