ޣައްޒާގައި ޤުރުއާން ހިތުން ދަސްކުރި 500 ހާފިޒާއިން

ފަލަސްތީނުގެ ޣައްޒާގެ ބިމަކީ ހަނގުރާމައާއި، ޖެނޮސައިޑާއި ޒަޔަނސިްޓު ޔަހޫދީން ހިތްދަތިކަން ގެނަސްދީފައިވާ މައިދާނެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބިމެކެވެ. ނަމަވެސް، އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުގެ ތެރެއިންވެސް، އެ ބިމުން ފެންނަމުންދަނީ އީމާންތެރިކަމާއި ސާބިތުކަމުގެ އާދަޔާޚިލާފު ނަމޫނާތަކެކެވެ. އިހައްދުވަހު ޣައްޒާގެ އައްޝާޠިޢު ރެފިއުޖީ ކޭމްޕުގައި ވަނީ 500 ހާފިޒާއިން ޤުރުއާން ހިތުން ދަސްކުރުމުން ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ޤުރުއާން ހިތުން ދަސްކުރި 500 ހާފިޒާއިންނަށް ސަނަދު ހަވާލުކޮށްފައި ވެއެވެ.

މި ހަފްލާ ބާއްވާފައި ވަނީ "ޤުރުއާން ހިތުން ދަސްކޮށްފައިވާ ކުދިންނާއެކު ޣައްޒާ ފޮޅެނީ" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތަކީ، ޣައްޒާގެ އިމަޖެންސީ ކޮމިޓީއާއި، މުއައްސަސަތު އަޔާދީލް ޚައިރް އަދި ކުވެއިތުގެ އާލިޔާ ޗެރިޓީ ގުޅިގެން ހިންގި މުހިންމު މަޝްރޫއެކެވެ. މި ހަރަކާތުގެ މަގްސަދަކީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައިވެސް ފަލަސްތީނުގެ ދަރިން އެބައިމީހުންގެ ދީނީ ޝަޚުސިއްޔަތާއި، ކީރިތި ޤުރުއާނަށް ދޭ ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ.

މި ހަފްލާއިން ހިތްދަތިކަމުގެ ތެރެއިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. މި ހަފްލާ ބޭއްވީ ޣައްޒާގެ ހުޅަނގުގައި އޮންނަ އައްޝާޠިޢު ކޭމްޕުގެ މަގުތަކުގައެވެ. އައްޝާޠިއު ރެފިއުޖީ ކޭމްޕަކީ ޔަހޫދީން ޖެނޮސައިޑް ފޯސްއާ ދެކޮޅަށް ގިނައިން ކާމިޔާބު ޙަމަލާތަކެއް ދީފައިވާ ސަރަހައްދެކެވެ. މިއީ ޖެނޮސައިޑް ފޯސްއިން ބޮން އެޅުމުގެ ސަބަބުން އިމާރާތްތައް ސުންނާފަތިވެ ހަލާކުވެ ވީރާނާވެފައިވާ ސަރަހައްދެކެވެ. ނަމަވެސް، އައްޝާޠިއުގެ މަގުތަކުން ކީތިރި ޤުރުއާން ހިތުން ދަސްކޮށްފައިވާ 500 ޒުވާނުން ކީރިތި ޤުރުއާން އަތް މައްޗަށް ލައިގެން ތަކުބީރުގެ އަޑާއެކު ހިނގާފައި ދިޔަ މަންޒަރަކީ އެ ސަރަހައްދަށް އާދަޔާޚިލާފު ދިރުމެއް ގެނުވި ކަމެކެވެ. ބިރުވެރިކަމާއި މަރުގެ ތުންފަތްމަތީގައި ތިބެމެ، މި ޒުވާނުން ދެއްކި ހިތްވަރަކީ އީމާންތެރިކަމުގެ ވަރުގަދަކަން ހާމަކޮށްދޭ ހެއްކެކެވެ.

މި ހިނގާލުމުގައި ބައިވެރިވި ކުޑަކުދިންނާއި ޒުވާނުން ތިބީ ފަލަސްތީނުގެ ދިދައާއި ކީރިތި ޤުރުއާން ހިފައިގެންނެވެ. ޖެނޮސައިޑް ހިންގަން ޝައުގުވެރިވާ ޔަހޫދީންނަށް މި މަންޒަރު ބިރުވެރި މަންޒަރަކަށް ވާނެއެވެ. މަގުގެ ދެފަރާތުގައި ތިބެގެން އާންމު ރައްޔިތުން ދިޔައީ އަތްތިލަބަޑި ޖަހައި، ދުއާކޮށް، އެކުދިންނަށް މަރުހަބާ ކިޔަމުންނެވެ. ގިނަ ބައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔައެވެ. މިއީ ހަމައެކަނި ދީނީ ހަފްލާއެއް ނޫނެވެ. މިއީ ޒަޔަނިސްޓުންގެ އަޅުވެތިކަމާ ދެކޮޅަށް ކުރެވޭ ފިކުރީ މަސައްކަތެއްކަން އެންމެންވެސް ގަބޫލުކުރިއެވެ. ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް މި ހަފްލާގެ ސަބަބުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދިޔައެވެ.

ހަފްލާ ނިމިގެންދިޔައީ ހާފިޒުންނަށް ހަނދާނީ ފަތާއި ހަދިޔާ ބެހުމަށްފަހުގައެވެ. ޣައްޒާގެ މި 500 ހާފިޒުންނަކީ ޖެނޮސަިއޑަށް ތާއީދުކޮށް ފަލަސްޠީނުގެ ބިމުން އިސްލާމް ދީނުގެ ރޫހު ނައްތާލުމަށް މަސައްކަތް ކުރާ އިބްލީސްގެ ފައުޖަށް ދިން ވަރުގަދަ މެސެޖެކެވެ. މިމީހުން ސާބިތުކޮށްދިނީ ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރުވި ނަމަވެސް، ﷲގެ ކަލާމްފުޅު ހިތްތަކުން ފޮހެ ނުލެވޭނެ ކަމެވެ.

ހިއްސާ ކުރައްވާ!