ފަލަސްޠީނުގެ ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިއްޖެއެވެ. ގިނަ އަދަދެއްގެ ބަޔަކު ދަނީ ވައިގެ ހަމަލާތަކުގެ ވީޑިއޯތައް ހިއްސާކުރަމުން، އީރާނުން ދިން ވައިގެ ހަމަލާއެއްގައި އޭނާ މަރުވެފައިވާ ކަމަށް ބުނެ ނުވަތަ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.
މީގެ އިތުރުން، އޭނާގެ ކޮއްކޮ އިއްދޯ ނަތަންޔާހޫ އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ވެސް ވައިގެ ހަމަލާތަކެއްގައި މަރުވެފައިވާ ކަމަށް ބުނާ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. "މައުލޫމާތު ލިބޭ ގޮތުގައި އީރާނުގެ ވައިގެ ހަމަލާއެއްގައި ނަތަންޔާހޫ ވަނީ މަރުވެފައި. މިއީ ތެދު ޚަބަރެއްތަ؟" މިސައިލް ހަމަލާތަކެއްގެ ވީޑިއޯއެއް ހިއްސާކުރި މީހަކު ސުވާލުކޮށްފައިވެއެވެ. "އިސްރާއީލުގެ ތެރޭގައި ކަންތައްތައް ވަމުންދާ ގޮތަކީ މިއީ. އެކަމަކު އަރަބި އަދި އިބްރާނީ މީޑިއާތަކުން ދަނީ މިކަން ސިއްރުކުރަމުން. އެހެންކަމުން މި ޚަބަރު ރިޕޯސްޓް ކޮށްދިނުމަށް އެދެން… މި އޮޕަރޭޝަން މިރޭ ވެސް ކުރިއަށް އެބަދޭ،" އެހެން މީހަކު ޕޯސްޓްކޮށްފައިވެއެވެ.
ބެންޖަމިން ނަތަންޔާހޫ މަރުވި ކަމަށް ބުނާ އަޑުތައް ފުރަތަމަ ފެތުރެން ފެށީ އީރާނުގެ ސަރުކާރާ ގުޅުން އޮންނަ މީޑިއާއިންނެވެ. އީރާން މީޑިއާއިން ވަނީ ޒަޔަނިސްޓުންގެ ޓެރަރިސްޓް ހަމަލައަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއްގައި ނަތަންޔާހޫ މަރުވެފައި ނުވަތަ ޒަޚަމްވެފައި އޮވެދާނެ ކަމަށް ލަފާކޮށްފައެވެ. މި އަޑުތައް ފެތުރެން ފެށީ އިސްރާއީލުގެ ބޮޑުވަޒީރު އާންމުންނަށް ނުފެނި ކުޑަ ދުވަސްކޮޅަކު ހުރުމާ ގުޅިގެންނެވެ. އާޔަތުﷲ އަލީ ރިޒާއީވެސް ވަނީ ޖެނޮސައިޑްގެ މޭސްތިރި މަރުވި ކަމަށް ލިސްޓަކާއެކު ޕޯސްޓު ކުރައްވާފައެވެ.


އިބްރާނީ ބަހުން ހުންނަ މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ ނަތަންޔާހޫ މަރުވެފައި ނުވަތަ ޒަޚަމްވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި އަޑުތަކަށް ބާރުދޭ ބައެއް ސަބަބުތައް ފާހަގަކޮށްފައެވެ. އެގޮތުން، ގާތްގަނޑަކަށް ތިން ދުވަސް ވަންދެން ނަތަންޔާހޫ އެއްވެސް ވީޑިއޯއަކުން ފެނިފައި ނުވުމާއި، ހަތަރު ދުވަސް ވަންދެން އޭނާގެ އެއްވެސް ފޮޓޯއެއް އާންމުކޮށްފައި ނުވުން ހިމެނެއެވެ. މީގެ ކުރިން ކޮންމެ ދުވަހަކު މަދުވެގެން އެއް ވީޑިއޯ، ނުވަތަ ބައެއް ފަހަރު ތިން ވީޑިއޯ ވެސް ޒަޔަނިސްޓުން އާންމުކުރެއެވެ. ނަމަވެސް ފަހަކަށް އައިސް އޭނާއާ ހަވާލާދީ ނެރެފައިވާ ހުރިހާ ބަޔާންތަކަކީ ހަމައެކަނި ލިޔުމުން ނެރެފައިވާ ބަޔާންތަކެކެވެ.
މި ޝައްކުތަކަށް އިތުރު ބާރެއް ލިބުނީ، ޑްރޯން ހަމަލާތަކަކުން ރައްކާތެރިވުމަށްޓަކައި މާރިޗު 8 ވަނަ ދުވަހު ނަތަންޔާހޫގެ ގޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެންނެވެ. އަދި ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފް އިސްރާއީލަށް ކުރަން އޮތް ދަތުރެއް ވެސް އެ ދުވަސްވަރު ކެންސަލްކޮށްފައިވާ ކަމަށް ވެސް މީޑިއާއިން ބުނެއެވެ.
މީގެ އިތުރުން، ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ނަތަންޔާހޫއާ ފޯނުން ވާހަކަދެއްކެވި އިރު، އެލިޒޭ ޕެލަސްއިން އެ ކޯލް ކުރި ތާރީޚެއް ހާމަކޮށްފައި ނުވާ ކަމަށް އީރާނުގެ ނިއުސް އެޖެންސީން ބުނެއެވެ. އެ ތަނުން ހަމައެކަނި އާންމުކުރީ ވާހަކައިގެ ޚުލާސާއެއް ކަމަށާއި، އެކަން ކަށަވަރުކޮށްދޭނެ އެއްވެސް އޯޑިއޯ ނުވަތަ ވީޑިއޯއެއް ނެތް ކަމަށް ވެސް އެ އެޖެންސީން އިތުރަށް ބުނެފައިވެއެވެ.
ވަގުތު ކޮޅެއް ދެވިފައި ތިބއެވިދާނެއެވެ. ނަމަވެސް އިލާހީ އަޒާބާ މި ވެރިން ބައްދަލު ކުރާނެއެވެ!
މިފަދަ އެހެން މީހެއް ކަމަށްވާ ޝެރޯން ވަނީ 8 އަހަރު ވަންދެން މަރުގެ ސަކަރާތުގައި އޮވެމަރުވެފައެވެ. އެއާ އެއްވަރަކަށް ދިގު ދެމިގެންދިޔަ މަރުގެ ސަކަރާތެއްގައި އުޅުނު އަނެއް ފަރާތަކީ އެމެރިކާ ރައީސް ރޮނަލްޑް ރޭގަން އެވެ!






