އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ގައުމީ ސަލާމަތާ ބެހޭ ޓެރަރިސްޓް ވަޒީރު އިތަމާރު ބެން ގްވީރު ވަނީ، އިޒްރޭލުގެ އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި މިސްކިތްތަކުން ބަންގި ގޮވުން މަނާކުރުމަށް އާ ގާނޫނެއް ހުށަހަޅައިފައެވެ. މި ގާނޫނުގެ ދަށުން މިސްކިތްތަކުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.
ފަލަސްތީނުގެ ފަތުވާ މަޖިލީހުން ވަނީ މި ނިންމުމާ ދެކޮޅަށް ވަރުގަދަ ބަޔާނެއް ނެރެފައެވެ. އެ މަޖިލީހުން ބުނި ގޮތުގައި މިއީ ދީނީ ޝިއާރުތަކަށް އަރައިގަތުމުގެ އަމަލެކެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ހިލާފު، ނަސްލީ ތަފާތުކުރުން ބޮޑު ނިންމުމެއް ކަމަށްވެސް އެ މަޖިލީހުން ސިފަކޮށްފައިވެއެވެ.
"މިސްކިތްތަކުގެ މުންނާރުތަކުން ގޮވާލާ ބަންގީގެ އަޑެއް އިޒްރޭލުގެ އުދުވާނަކުން ކަނޑައެއް ނުލެވޭނެ. ބަންގިއަކީ އަގީދާއާއި އީމާންތެރިކަމާ ގުޅިފައިވާ ކަމެއް،" ފަތުވާ މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ގާނޫނުގެ ދަށުން ކުރިން ހުއްދަ ހޯދުމެއްނެތި މިސްކިތްތަކުގައި ލައުޑްސްޕީކަރު ބޭނުންކުރުން މަނާވާނެއެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ހުއްދަ ނެތި ލައުޑްސްޕީކަރު ހަރުކޮށްފިނަމަ 50,000 އިޒްރޭލު ޝެކެލް (ގާތްގަނޑަކަށް 15,700 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހުއްދައިގެ އުސޫލުތަކާ ހިލާފަށް ބޭނުންކޮށްފިނަމަ 10,000 ޝެކެލް (ގާތްގަނޑަކަށް 3,140 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ގާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބެންގަވީރު ބުނެފައިވަނީ، ބަންގީގެ އަޑަކީ ޔަހޫދީންގެ ދިރިއުޅުމުގެ ފެންވަރަށާއި ސިއްހަތަށް ގެއްލުންވާ ފަދަ "ބޮޑު އުނދަގުލެއް" ކަމަށެވެ. އަދި މި ގާނޫނު ފާސްވުމުން ފުލުހުން އެކަން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ ކުރިން 2017 ވަނަ އަހަރުވެސް މިފަދަ ގާނޫނެއް ފާސްކުރަން މަސައްކަތް ކުރި ނަމަވެސް، ފަލަސްތީނު ހިތްވަރުގަދަ ބުޠޫލީ ރައްޔިތުންގެ އިހުތިޖާޖުތަކާ ގުޅިގެން އެކަން އޭރު ވަނީ ހުއްޓިފައެވެ. ފަލަސްތީނުގެ އިދާރާތަކުން މިހާރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ވަގުތުން ދެކޮޅުހަދައި، މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ހުއްޓުވުމަށް ގޮވާލާފައެވެ.
ﷲގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތަށް އަރަބިންގެ ފަރާތުްނ އަމަލީ ދެކޮޅުވެރިކަމެއް ނު ފެންނާނެ ކަމީ ޔަގީން ކަމެކެވެ.
أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ
(އެއުރެންނީ، އެއުރެންނަށް ﷲ ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ.) محمد ﴿23﴾يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
(އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައިވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާހުށްޓެވެ.) الصف ﴿8﴾







