ޖެނޮސައިޑް ފޯސްއިން ލުބުނާންގެ ނޭޝަނަލް ޔުނިވާސިޓީއަށް ބޮންއަޅައި ޕްރޮފެސަރުން މަރާލައިފި

ޖެނޮސައިޑް އިސްރާއީލުން ލުބުނާންގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކުގައި ބައިރޫތުގެ ދެކުނު ސަރަހައްދުގައި އޮންނަ އަލްޙަދަޘް އަވަށުގެ ލުބުނާން ނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަހަށް ހަމަލާދީފިއެވެ. މި ހަމަލާގައި ފެކަލްޓީ އޮފް ސައިންސްގެ ޕްރޮފެސަރު ޑރ. ޙުސައިން ބައްޒީ އާއި އެ ފެކަލްޓީގެ ޕްރޮފެސަރު ޑރ. މުރުތަޟާ ސުރޫރު ޝަހީދުކޮށްފިއެވެ.

ޖަބަލް ލުބުނާން ގަވަރުނަރޭޓްގެ ބާޢަބްދާ ޑިސްޓްރިކްޓްގައި ހުންނަ، ލުބުނާން ނޭޝަނަލް ޔުނިވާސިޓީގެ އެންމެ ބޮޑު ކެމްޕަސްއަށް އަމާޒުކޮށް ދިން މި ހަމަލާ އަކީ ޖެނޮސައިޑް އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނު ވަރުގަދަކޮށް، ވެރިރަށް ބައިރޫތުގެ މެދުތެރެއާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް ދޭން ފަށާފައިވާ ހަމަލާގެ ބައެކެވެ.

މީގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، އިސްރާއީލު ސިފައިންގެ ތަރުޖަމާނު ދަނީ އަވަށްތައް ހުސް ކުރުމަށް އަމުރުކުރަމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ކުއްލި ގޮތަކަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. މީގެ އިތުރުން، ލުބުނާނުގެ ދެކުނަށާއި އިރުމަތީގެ ބައަލްބަކް ސަރަހައްދަށް ވެސް ޖެނޮސައިޑް ފޯސްއިން ދަނީ ހަމަލަ ދެމުންނެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ ލުބުނާން ނޭޝަނަލް ޔުނިވާސިޓީގެ ރައީސަށް ފޯނުން ގުޅުއްވައި، ޔުނިވާސިޓީ ކެމްޕަހަށް ދިން ހަމަލާގައި ޑރ. ޙުސައިން ބައްޒީ އާއި ޑރ. މުރުތަޟާ ސުރޫރު ޝަހީދުވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް އައުން ވަނީ ފެކަލްޓީ އޮފް ސައިންސަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެ ޔުނިވާސިޓީއަކީ "ލުބުނާނުގެ އެކި ފަންތީގެ ޒުވާނުން އިއްތިހާދުކޮށް މާދަމާގެ ލުބުނާން ބިނާކުރުމަށް ތައްޔާރުކޮށްދޭ ގައުމީ ތައުލީމީ ބޮޑު ބިނާއެއް" ސުންނާފަތިކުރުން ކަމަށް ސިފަކުރައްވާފައެވެ. އަދި މިއަދުގެ ހަމަލާއަކީ "ހުރިހާ މިންގަނޑަކުން ބެލިޔަސް ކުށްވެރިކުރަންޖެހޭ ޖަރީމާއެއް" ކަމަށާއި، މިއީ "ތައުލީމީ މުއައްސަސާތަކާއި އާންމުންނަށް ހަމަލާދިނުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް" ކަމަށް އައުން ވިދާޅުވިއެވެ. ހަމައެހެންމެ، މިއީ އާންމުންގެ އަވަށްތަކާއި، މަސައްކަތްކުރާ ތަންތަނާއި، ކިޔަވާ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ އާ ބާބެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ ޔުނިވާސިޓީގެ ރައީސަށް ގުޅުއްވައި، ޔުނިވާސިޓީ ކޮމްޕްލެކްސްއަށް ދިން ހަމަލާގައި ޝަހީދުވި ޑރ. ޙުސައިން ބައްޒީ އާއި ޑރ. މުރުތަޟާ ސުރޫރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ބޮޑުވަޒީރު ސަލާމް ވަނީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އިންސާނިއްޔަތާ ޚިލާފު އަމަލެއްކަން ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!