މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ މުޅި ސަރަހައްދުގެ ޗާޓު ބަދަލުކޮށް، އިސްރާއީލުގެ ނުފޫޒު ގަދަކުރުމަށް ކުރިއަށްގެންދާ ރޭވުމެއްގެ ބައެއް ކަމަށް ބުނެ ސަރަހައްދީ ސިޔާސީ މަސްރަހުން އިންޒާރުތަކެއް ދީފިއެވެ. އޮމާންގެ ފޮރިން މިނިސްޓަރު ބަދުރުލް ބޫސައިދީ ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ މައިގަނޑު އެއް މަގުސަދަކީ އީރާން ބަލިކަށިކޮށް، އެމެރިކާގެ އެހީތެރިކަމާއެކު ސަރަހައްދުގެ ގައުމުތަކަށް މަޖުބޫރުކޮށް އިސްރާއީލާއެކު ގުޅުން ގާއިމްކުރުމުގެ މަޝްރޫއުތައް އަރަބި ގައުމުތަކުން ކުރިއަށް ގެންދިއުމެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ދިން ބަޔާންގައި ބުނެފައި ވަނީ، އިސްރާއީލުން މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލާނެ ކަމަށް ވަރަށް ސާފުކޮށް ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އިސްރާއީލުގެ އަމާޒަކީ އެ ގައުމަށް ހުރަސްއަޅާ ހުރިހާ ފަރާތްތަކެއް ގައުމަކަށް ފަހު ގައުމެއް ނައްތާލުމެވެ. މިއީ މުޅި ސަރަހައްދުގެ ސިޔާސީ އަދި އިޖުތިމާއީ އޮނިގަނޑަށް އަތްގަދަކުރުމަށް ޒަޔަނިސްޓުން ކުރާ މަސައްކަތެއްގެ ގޮތުގައި ސައިދީ ވަނީ ސިފަކުރައްވާފައެވެ.
މި ދަނޑިވަޅުގައި އިސްލާމީ އުންމަތުގެ ބައެއް ފަރާތްތަކުން އިސްރާއީލާއި އެމެރިކާގެ އެޖެންޑާތަކަށް ވާގިވެރިވަމުންދާ ކަމަށް ބުނެ އަރަބި ފިކުރީ ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުން ދެއެވެ. ޚާއްސަކޮށް، މަޒްހަބީ އަދި ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން، އިސްރާއީލާއި އެމެރިކާގެ ޓެރަރިޒަމާ ދެކޮޅަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް ބައެއް އަރަބި ގައުމުތަކުން ހުރަސްއަޅަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ޣައްޒާގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ދެމުންދާ ފުރިހަމަ އެއްބާރުލުމަކީ މުޅި ސަރަހައްދުގައި އިސްރާއީލުގެ ބާރު ގަދަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަ ކުރެއެވެ. ހަމާސް، ހިޒްބުالله އަދި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަތިޔާރު އަތުލުމަށް ގޮވާލާ ގޮވާލުންތަކަކީ އިސްރާއީލަށް މަގުފަހިކޮށްދިނުމަށް އަރަބި ވެރިން ކުރާ މުނާފިގު މަސައްކަތެއް ކަމަށްވެސް ބުނެއެވެ.
މެދުއިރުމަތީގެ މުއްސަނދިކަމާއި ވަސީލަތްތަކުގެ މައްޗަށް ވެރިވެގަތުމަށް އެމެރިކާ އާއި އިސްރާއީލުން ހިންގާ މި މަޝްރޫއާ ދެކޮޅަށް ތެދުވުމަށް އަރަބި މުފައްކިރުން ދަނީ ގޮވާލަމުންނެވެ. އަދި އުންމަތުގެ ތެރޭގައި ތިބި ޚާއިނުންނާއި، އިސްރާއީލުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކުގެ ކިބައިން އުންމަތް ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކުރުމަށްވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.






