ސިޔާސީ އަވައިގައި ޖެހިފައި ނުވާ ދަންނަބޭކަލުންގެ ބަޔަކު މަސްޖިދުލްއަގްސާ ބަންދު ކުރުމާ ގުޅިގެން ބަޔާނެއް ނެރެފި

މަސްޖިދުލް އަޤްޞާ ބަންދުކުރުމާ ގުޅޭގޮތުން ޢިލްމުވެރިން ނެރުއްވާ ބަޔާން: (ތަރުޖަމާ)

އަލްމަސްރާ (އިސްރާގެ ބިމަށް) މި ވަނީ ނުރައްކާތެރި ޙާލަތެ ކުރިމަތި ވެފައި، އަދި ޔަހޫދީ ނުރައްކާތެރި ރޭވުންތެރިކަމަށް އަޤްޞާ ވަނީ ހުށަހެޅިފައެވެ.

(وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ) البقرة: 114

(ﷲގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބު ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ ޙާލުގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.)

ޢިލްމުވެރިންނާއި އެބޭފުޅުންގެ ޝަރުޢީ މުއައްސަސާތަކުން، އުންމަތުގެ މިނިވަންކަމަށް ލޯބިކުރާ ފަރާތްތަކާއެކު، ނުހަނު ކަންބޮޑުވުމާއި ސަމާލުކަމާއެކު ފާރަވެރިވަމުންދަނީ، އިސްތިޢުމާރީ ބާރުތަކުން ބަރަކާތްތެރި މަސްޖިދުލް އަޤްޞާ ބަންދުކޮށް، އެތަނުގައި ނަމާދުކުރުން މަނާކޮށް، ހުކުރު ނަމާދު ހުއްޓުވައި، އަދި އިޢުތިކާފަށް ތިބުން މަނާކޮށްފައިވާ މައްސަލައާ ބެހޭ ގޮތުންނެވެ. މިއީ ސަރަޙައްދީ އަނިޔާވެރި ހަނގުރާމައާ ގުޅުންހުރި ސަލާމަތީ ފިޔަވަޅުތަކެއް ކަމަށް ބުނެ ޔަހޫދީ ސަރުކާރުން ދައްކާ ބަހަނާއެކެވެ. ނަމަވެސް މިއީ ބާތިލު ދަޢުވާއެކެވެ. މީގެ ޙަޤީޤަތަކީ ފަލަސްޠީނުގައިވާ މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިމުގެ މައްޗަށް ބާރު ފޯރުވުމެވެ. އަދި، އެތަނުގެ ކަންކަން ނިންމުމާއި، ބަންދުކުރުމާއި، މިލްކުވެރިކަމުގެ ފުރިހަމަ ބާރު އޮތީ އެމީހުންގެ އަތްމަތީގައިކަން ދެއްކުމަށް ހިންގާ ފާޅުކަން ބޮޑު ރޭވުމެކެވެ.

ބަރަކާތްތެރި މަސްޖިދުލް އަޤްޞާއަކީ ސިޔާސީ ނުފޫޒު ދެއްކުމުގެ މައިދާނެއް ނޫނެވެ. އަދި އެއީ ހަނގުރާމަތަކުގައި ބޭނުންކުރަން ޖެހޭ ކާޑެއްވެސް ނޫނެވެ. އެއީ އިސްލާމީ އުންމަތުގެ ޚާއްޞަ ޙައްޤެކެވެ. އަދި އެއީ ބައިބައިކުރުމެއް ނުވަތަ ދޫކޮށްލުމެއް ނެތް އިސްލާމީ ވަޤުފެކެވެ.

އެތަން ބަންދުކޮށް ނަމާދުކުރުން މަނާކުރުމަކީ އަޅުކަންކުރުމުގެ މިނިވަންކަމަށް އަރައިގަތުމުގެ ފާޅުކަން ބޮޑު ޢަމަލެކެވެ. އަދި އެއީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައިވާ ހުރިހާ މުސްލިމުންގެ އިޙްސާސްތަކާ ކުޅެލުން ހިމެނޭ ނުރައްކާތެރި އިންތައް ހުރަސްކުރުމެކެވެ. އަދި އަޤްޞާ ބަންދުކުރުމަކީ ވަކި މުއްދަތެއް ނެތް، ހަނގުރާމައިގެ ޙާލަތާ ގުޅިފައިވާ ކަމަކަށްވުމުން، އެއްވެސް މީހަކަށް އަންދާޒާކުރަން ނޭނގޭހާ ދިގު މުއްދަތަކަށް މިސްކިތް ބަންދުވެފައި ބެއްވުމުގެ ބޮރު އޮތް ކަމެކެވެ.

އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުންތަކުގެ ތާރީޚުގައި މީގެ ކުރިން ފެނިފައިނުވާ މި ޖަރީމާއާ ގުޅިގެން، އަޅުގަނޑުމެން އަންނަނިވި ކަންކަމަށް ބާރުއަޅަމުން ދާނަމެވެ:

  1. ފުރަތަމަ:
    އިސްލާމީ އުންމަތަށް ގޮވާލަނީ ހިނގަމުންދާ ކަންކަމުގެ ޙަޤީޤަތަށް ހޭލުންތެރިވުމަށާއި، މަސްޖިދުލް އަޤްޞާގެ ދިފާޢުގައި ޒިންމާދާރުކަމާއެކު ފިޔަވަޅު އެޅުމަށެވެ. މިކަމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންޖެހޭނީ ޚަޠީބުންނާއި މިސްކިތްތަކުގެ އިމާމުންނެވެ. މި ނުރައްކާތެރި ދަނޑިވަޅުގެ ޙަޤީޤަތް މީހުންނަށް ބަޔާންކޮށްދިނުމަށް އެބޭފުޅުންނަށް އިލްތިމާސްކުރަމެވެ. އަދި ހުކުރު ޚުޠުބާ މުސްލިމުންގެ ހުރިހާ މިންބަރުތަކެއްގައި މިކަމަށް ޚާއްޞަކުރުމަށް ގޮވާލަމެވެ. އެއީ މި ބަރަކާތްތެރި މަހުގައި، މިސްކިތްތަކާ ގުޅިފައިވާ މުސްލިމުންނަށް މި ޚަބަރުތަކާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަށް ބޭނުމެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާތަކާއި، ޢިލްމުވެރިންގެ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން މިކަމާ ގުޅޭ ޙަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމަށް އެދެމެވެ.
  2. ދެވަނަ:
    1969 ވަނަ އަހަރު މަސްޖިދުލް އަޤްޞާގައި ހުޅުޖެހި ޖަރީމާއަށްފަހު އުފެދުނު އޯއައިސީ އަށާއި، ހުރިހާ ޢަރަބި އަދި އިސްލާމީ ޤައުމުތަކަށް ގޮވާލަނީ، އެފަރާތްތަކުގެ ތާރީޚީ ޒިންމާ އަދާކުރުމަށެވެ. އަދި ވަގުތުން މަސްޖިދުލް އަޤްޞާ ހުޅުވުމަށާއި، އެތަނަށް އަމާޒުކޮށް ހިންގާ ހުރިހާ ފިޔަވަޅުތަކެއް ހުއްޓުވުމަށް އިސްތިޢުމާރީ ބާރުތަކަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކުރުމަށް ގޮވާލަމެވެ.
  3. ތިންވަނަ:
    މުޤައްދަސް ބިންތަކުގެ ބެލެނިވެރިކަން އޮތް އުރުދުންގެ އިސްލާމީ އައުޤާފް އިދާރާގެ މައްޗަށް ބޮޑުވެގެންވާ ޒިންމާއެއް އެބައޮތެވެ. މަސްޖިދުލް އަޤްޞާ ބެލެހެއްޓުމުގައި އެފަރާތުގެ ސިޔާދަތީ ޙައްޤު ބޭނުންކޮށް، އެތަން ފުރިހަމައަށް ރައްކާތެރިކުރުމަށް މަސައްކަތްކޮށް، ނަމާދުކުރާ މީހުންނަށް ވަގުތުން މިސްކިތް ހުޅުވާލުމަށް އިޢުލާންކުރަންޖެހެއެވެ.
  4. ހަތަރުވަނަ:
    ޤުދުސްއާއި، ހުޅަނގު އައްސޭރިއާއި، 1948 ގެ ބިންތަކުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް، އަދި މަސްޖިދުލް އަޤްޞާއަށް ދެވޭނެ މަގު ފަހިވެފައި އޮތް ކޮންމެ މީހަކަށް އަޅުގަނޑުމެން އިލްތިމާސްކުރަނީ، އެތަނަށް ޒިޔާރަތްކޮށް އެތަން ފަޅުވިޔަނުދިނުމަށެވެ. އަދި ޔަހޫދީންގެ ހުރަސްތަކާއި މަނާކުރުންތައް ބޮލާލައި ޖަހައި، ކުރީގެ އިންތިފާޟާތަކުގައި ކާމިޔާބު ހޯދި ފަދައިން، ހުރިހާ ހުރަސްތަކަކަށް ގޮންޖަހައި މިސްކިތަށް ވަނުމަށް މުސްލިމުންނަށް ގޮވާލަމެވެ. އަދި ކޮންމެ ދުވަހަކުވެސް މަސްޖިދުލްއަގްސާއާ ގާތަށް ދެވުނު އެންމެ ގާތް ހިސާބެއްގައި ނަމާދުކުރުމަށް ގޮވާލަމެވެ. އެއީ ފުރިހަމަ ދަރުމައާއި، އިސްތިޢުމާރާ ދެކޮޅުވެރިވުމުގެ އަޖުރު ލިބިގަތުމަށެވެ.

ނިންމާލަމުން ބުނެލާނީ، ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔަ ޔަހޫދީ ފިޔަވަޅުތަކަކީ ސީދާ މަސްޖިދުލް އަޤްޞާއަށް އަމާޒުކޮށްގެން ހިންގާ ރޭވުމއް ކަމަށެެވެ. މިއީ މިހާރު ހިނގަމުންދާ ޙާދިސާތަކުގެ ބޭނުން ހިފައި، ބިމުގެ ޙަޤީޤަތް އޮޅުވާލައި ބަދަލުކޮށްލުމަށް ރޭވިފައިވާ ނުރައްކާތެރި ރޭވުމެއްކަން ހާމަވެއެވެ. މި ރޭވުންތަކާ ދެކޮޅަށް ތެދުވުމުގެ މަސްއޫލިއްޔަތަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެކެވެ. އެކަމަށްޓަކައި ހޭލުންތެރިކަމާއި، އެއްބަސްކިޔައި އެއްގަލަކަށް އެރުމާއި، އަދި އެކި ފެންވަރުގައި ސީދާ ހަރަކާތްތަކެއް ހިންގުން ބޭނުންވެއެވެ.

މާތްﷲ ބަރަކާތްތެރި މަސްޖިދުލް އަޤްޞާ ރައްކާތެރިކުރައްވައި، އިސްތިއުމާރުކުރާ ފަރާތްތަކުގެ ނުބައި ރޭވުންތަކުން އެތަން ސަލާމަތްކުރައްވާށިއެވެ! އަދި އުންމަތުގެ ބަސްމަގު ހައްގު ބަސް ބުނުމުގައި އެއްކުރައްވައި، އުއްމަތަށް އިއްޒަތާއި ބާރުވެރިކަން ދެއްވައި، މި ހަނގުރާމައިގެ އަލިފާންގަނޑު ނިއްވައިދެއްވާށި!

22 ރަމަޟާން 1447ހ. – 12 މާރިޗު 2026މ.

ހިއްސާ ކުރައްވާ!