އިސްލާމީ އުންމަތުގެ ހިމޭންކަން: ޑޮލަރާ ހެދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް މިވީ ކިހިނެއް؟

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް، ފާޅުގައި މުސްލިމުންނަށް ފުރައްސާރަކޮށް ކުރިމަތިލަމުންދާއިރުވެސް، މުސްލިމް ޤައުމުތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި ހިމޭނުން ތިބުމުން ޢާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. އަރަބި މީޑިއާގައި ނަތަންޔާހޫގެ ވާހަކަ ގެނަސްދީފައިވަނީ އަލްޖަޒީރާއިން އެކަންޏެވެ. ސައޫދީ މީޑިއާއާއި ޔޫއޭއީއިން ވަނި މިއީ ނުވާކަމެއް ކަމަށް ހަދާފައެވެ.

ގައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކާއި ޖެނޮސައިޑް ގެ ހާދިސާތަަކަށް ހަމައެކަނި ބަޔާންތަކަކުންނާއި ފެކްސްތަކުން ކުށްވެރިކުރި އުންމަތުގެ ވެރިން ތިއްބެވީ ނަތަންޔާހޫ ދެކެ ބިރުން މުޅިން ހިމޭނުންނެވެ.

މިކަމާ ގުޅިގެން މިސްރުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚު ސަލާމާ އަބްދުލް ޤަވީ ވިދާޅުވީ، މުޝްރިކުން މުސްލިމުންނާ ދެކޮޅަށް އެންމެން އެކުވެގެން ސޮލީބީ ހަނގުރާމަ ކުރާ ފަދައިން، މުސްލިމުންވެސް އެންމެން އެކުވެގެން އެމީހުންނާ ހަނގުރާމަ ކުރުމަށް ވަޙީގެ ބަސްފުޅުގައި އަންގަވާފައިވާ ކަމަށެވެ.

وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ  ޢައްތައުބާ 36
(އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ.)

އަބްދުލް ޤަވީ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ވެރިންނާއި ޝައިޚުންނަކީ ހަގީގަތުގައިވެސް މިނިވަން ބައެއް ނަމަ، މި މުޖުރިމަށް ދޭންޖެހޭ އެންމެ ތަބީޢީ ރައްދަކީ އިސްލާމީ ޤައުމުތަކުން އެއްގަލަކަށް އަރައި، ޖިހާދުގެ ދަށުން މެދުއިރުމަތި މިނިވަންކޮށް އުންމަތުގެ ކަރާމާތް ރައްކާތެރިކުރުން" ކަމަށެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، ޔަހޫދީން ވަނީ މަސްޖިދުލްއަޤްޞާ ބަންދުކޮށް، އެތަން ފޭރިގެންފައެވެ. ނަމަވެސް މި ބޮޑު ޖަރީމާއާ ދެކޮޅަށް އުންމަތުގެ އެއްވެސް ބާރުގަދަ އަޑެއް އިވިގެން ނުދެއެވެ.

މާޒީއަށް ބަލާއިރު، ހޮލާކޯ ޚާން ފަދަ އިސްތިޢުމާރީ ބާރުތަކުން ބަޣުދާދު ހިފައި ގަތުލުއާންމު ހިންގި ދުވަސްވަރުވެސް، އެކަމާ ދެކޮޅަށް ބަސްބުނެ ހިތްވަރު ދެއްކެވި އިސްލާމީ ވެރިން އުޅުއްވިކަން ތާރީޚުން އެނގެން އެބައޮތެވެ.

އެހެންނަމަވެސް، މިއަދުގެ އިސްލާމީ ދުނިޔެއިން ފެންނަނީ އެފަދަ އެއްވެސް ހިތްވަރެއް ނެތް މަންޒަރެވެ. އުންމަތުގެ މުޤައްދަސް ތަންތަނާއި ރައްޔިތުންގެ ޙައްޤުގައި ތެދުވުމުގެ ބަދަލުގައި، ގިނަ ޤައުމުތަކުން އިޚްތިޔާރުކޮށްފައިވަނީ ހިމޭންކަމެވެ. މިއީ އިސްލާމީ އުންމަތުގެ މުސްތަޤުބަލާ މެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ދަނޑިވަޅެކެވެ.

ހިއްސާ ކުރައްވާ!