ޞަލާޙުއްދީނުލް އައްޔޫބީ ގުދުސް ފަތަޙަކުރެއްވުމަށްފަހު، ސަލީބީން އެ ސިޓީ އަނބުރާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. މި ދުވަސްވަރުގެ ތެރޭގައި ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ހިތާމަވެރި އެއް ހާދިސާއަކީ 1212 ވަނަ އަހަރު ފަށަން އުޅުނު 'ކުޑަކުދިންގެ ސަލީބީ ހަނގުރާމަ' އެވެ. މިއީ އެއްވެސް އަސްކަރީ ތަމްރީނެއް ނެތް، ހަމައެކަނި ނަސާރާއިންގެ އަގީދާގެ އީމާންތެރިކަމާއި އުންމީދުގެ މައްޗަށް ބިނާކޮށް ހިންގަން އުޅުނު ހަރަކާތެކެވެ.
މިކަމެއް ފެށެން އުޅުނީ ޞަލާޙުއްދީން ޤުދުސް ފަތަހަ ކުރެއްވިތާ ވިއްސަކަށް އަހަރު ފަހުންނެވެ.
ފަރަންސޭސިވިލާތުގެ ކުޑަކުއްޖަކަށް އައި ޚިޔާލެ ކެވެ. އެ ޚިޔާލުގެ މައްޗަށް ބިނާ ކޮށް ފެށުނު މި ހަރަކާތުގެ މައިގަނޑު ފަލްސަފާއަކީ ވަރަށް ތަފާތު ފަލްސަފާއެކެވެ. އެ ކުއްޖާ ގަބޫލުކުރި ގޮތުގައި، އަރަބިންނަކީ ވަރަށް އޯގާތެރި އަދި ހިތްހެޔޮ ބައެކެވެ. އެހެންކަމުން، އެތައް ހާސް ކުޑަކުދިންނެއް ގުދުސްއަށް މިސްރާބު ޖެހުމުން، އެ ކުދިންނާ މެދު އަނިޔާވެރިވާކަށް އަރަބިންނަކަށް ނުކެރޭނެއެވެ. އަދި އެ ކުދިންގެ މައުސޫމްކަން ފެނުމުން، ހަނގުރާމައަކާ ނުލައި ގުދުސް ސަލީބީން އެކުދިންނާ ހަވާލުކުރާނެ ކަމަށް އޭނާ އުންމީދު ކުރިއެވެ.
މި ހަރަކާތުގެ ވާހަކަ ޔޫރަޕްގައި ނަސާރާއިންގެ ތެރޭގައި ފެށުމާއެކު ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އެތައް ހާސް ކުދިންނެއް މި ހަނގުރާމައަށްދާ ދަތުރުގައި ބައިވެރިވިއެވެ. މި ކުދިން ފަރަންސޭސިވިލާތުން ފަށައިގެން ޖަރުމަނުވިލާތް ހުރަސްކޮށް، ގަދަ ފިނީގައި އަލްޕްސް ފަރުބަދަތައް ހުރަސްކުރިއެވެ. މި ދަތުރުމަތީގައި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން ގިނަ ކުދިންތަކެއް މަރުވެދިޔަ ނަމަވެސް، ބާކީ ތިބި ކުދިން އިޓަލީއާ ހަމައަށް ދަތުރުކުރިއެވެ. އެންމެ ފަހުން މި ކުދިން ގޮސް މަޑުކުރީ އިޓަލީވިލާތުގެ ވެނިސްގެ ބަނދަރުގައެވެ.
ވެނިސްއަށް މި ކުދިން ދިއުމުން، އެ ރަށުގައި އުޅޭ މެޑިޓެރޭނިއަން ކަނޑާ ދެމެދު އާގުބޯޓު ދުއްވާ ވިޔަފާރިވެރިން އެ ކުދިންނަށް މަރުހަބާ ކިޔައި ހެއްޖެވެ. އެކުދިންގެ މިޝަންއަށް ތާއީދު ކުރިއެވެ. އެ ކުދިންގެ ރޭވުމަކީ ވަރަށް މާތް ރޭވުމެއް ކަމަށް ބުނެ ތައުރީފު ކުރިއެވެ. އަދި އެއްވެސް އަގަކާ ނުލައި، ހިލޭ ސާބަހަށް އެ ކުދިން ގުދުސްއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންގެ ބޮޑެތި އުޅަނދުފަހަރަށް ކުދިން އެރުވިއެވެ. ކުދިން ތިބީ އެމީހުންގެ މަންޒިލަށް ދެވޭތީ ވަރަށް އުފާވެފައެވެ.
ނަމަވެސް، ވެނިސްގެ ވިޔަފާރިވެރިންގެ ހިތުގައި އޮތީ ހީލަތްތެރި ރޭވުމެކެވެ. ނިޔަތް އޮތީ މުޅިން ތަފާތުކޮށެވެ. އެމީހުން އެ ކުދިން ގޮވައިގެން ދިޔައީ ގުދުސްއަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ކުދިން ގެންދިޔައީ އެ ދުވަސްވަރު އޮތް އެންމެ ބޮޑެތި އަޅުންގެ ބާޒާރުތަކަށެވެ. އެތައް ހާސް މައުސޫމް ކުދިންނެއް އަޅުންގެ ގޮތުގައި ވިއްކައިލީއެވެ. މި ހާދިސާއަކީ ދީނީ ޖޯޝުގެ ނަމުގައި ކުޑަކުދިންގެ މައުސޫމްކަމުގެ ބޭނުން ހިފައި، އިންސާނިއްޔަތާ ޚިލާފަށް ހިންގުނު ވަރަށް ބޮޑު ޖަރީމާއެކެވެ.







