ޖެނޮސައިޑް އިސްރާއީލުގެ ޖެނޮސައިޑް ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށްފައި އޮންނަތާ 16 ދުވަސް ވެފައިވާއިރު، ރަމަޟާން މަހުގެ 27 ވިލޭރޭ (ލައިލަތުލްޤަދުރި ވިލޭރޭ) އާ ދިމާކޮށް ގުދުސްގެ ބޭރުގެ ސަރަޙައްދުތައް އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފިއެވެ.
ފަލަސްތީނުގެ ގުދުސް ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނޮސައިޑް އިސްރާއީލު ސިފައިން ގުދުސްގެ ގަދީމީ ސިޓީ ވަށައިގެން އެތައް ސަތޭކަ ސިފައިންނެއް ރުކުރުވާލާފައިވާ ކަމަށެވެ. މި ހިޞާރުގެ ސަބަބުން ގިނަ އަދަދެއްގެ މަޤްދިސީންނަށް އަޤްޞާއަށް ނުވަދެވުމުން، އެމީހުން ވަނީ ބާބުލް ސާހިރާ އާއި ބާބުލް އަމޫދު ސަރަޙައްދުގެ މަގުމަތީގައި އިޝާ ނަމާދާއި ތަރާވީޙް ނަމާދު ކޮށްފައެވެ.

ޖެނޮސައިޑް އިސްރާއީލުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، އަޤްޞާގެ ހިޞާރު ވަރުގަދަކޮށް އެ މިސްކިތުގައި ލައިލަތުލްޤަދުރި ވިލޭރޭ އިޙްޔާ ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރުގެ މި ރޭ އަޤްޞާގައި 180،000 އެއްހާ މީހުން އަޅުކަމުގައި ބައިވެރިވި ނަމަވެސް، މިއަހަރު ޖެނޮސައިޑް އިސްރާއީލުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، އެއްވެ އުޅުން މަނާކޮށްފައެވެ.
ވާދީ ޙުލްވާ އިންފޮމޭޝަން ސެންޓަރުން ހާމަކުރި ގޮތުގައި، ޖެނޮސައިޑް އިސްރާއީލު ސިފައިން ވަނީ މަގުތަކުގައި ހުރަސްތައް ބަހައްޓައި، އޯލްޑް ސިޓީގެ ރަށްވެހިން ފިޔަވައި އެހެން މީހުން އެތަނަށް ވަނުން މަނާކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ވިޔަފާރިތައް މުޅިން ހުއްޓި، ބާޒާރުތައް ވަނީ ފަޅުވެފައެވެ.
އާދައިގެ މަތިން ޢަރަބި ލީގުން ވަނީ ޖެނޮސައިޑް އިސްރާއީލުގެ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޤްޞާ ބަންދުކޮށް އަޅުކަން ކުރުން މަނާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ދުނިޔޭގެ ދެ ބިލިއަން މުސްލިމުންގެ އިހުސާސްތަކަށް ކުޑައިމީސްކުރާ އަމަލެއް ކަމަށެވެ.
ޢަރަބި ލީގުން އިތުރަށް ބުނެފައިވަނީ 1967 ވަނަ އަހަރު ޖެނޮސައިޑް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގުދުސްގެ މައްޗަށް ޖެނޮސައިޑް އިސްރާއީލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އދ. ގެ ސަލާމަތީ މަޖިލީހުން މިކަމުގައި ޒިންމާދާރުވެ، ޖެނޮސައިޑް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް މަޖުބޫރު ކުރުވުމަށް ވެސް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.





