މުސްލިމުން ހިމޭނުން: ޖެނޮސައިޑް އިސްރާއީލުން މަސްޖިދުލް އަޤްޞާ ބަންދުކޮށްފައި އޮންނަތާ 16 ދުވަސް

ޖެނޮސައިޑް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގުދުސްގައި ހުންނަ މުޤައްދަސް މަސްޖިދުލް އަޤްޞާ ބަންދުކޮށް، މުސްލިމުން އެ މިސްކިތަށް ވަނުން މަނާކޮށްފައި އޮންނަތާ މިއަދަށް 16 ދުވަސް ވެއްޖެއެވެ. ޖެނޮސައިޑް އިސްރާއީލުން މި ފިޔަވަޅު އަޅާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނި ނަމަވެސް، މިއީ ހޮޅި ވާހަކައެކެވެ.

1967 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޖެނޮސައިޑް އިސްރާއީލުން ވަނީ މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމާއި އިއުތިކާފަށް ތިބުން މުޅިން މަނާކޮށްފައެވެ. މީގެ ސަބަބުން ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހުވެސް އެ މިސްކިތުގައި އެއްވެސް މީހަކަށް ނަމާދުކުރުމުގެ ފުރުސަތެއް ނުލިބެއެވެ.

ގުދުސްގެ ގަވަރުނަރޭޓުން ވަނީ ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން މަސްޖިދުލް އަޤްޞާއާ ދެކޮޅަށް ހިންގާ ހިތްވަރުދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ އެކަމުގެ އިންޒާރު ދީފައެވެ. އެ އިދާރާއިން ބުނި ގޮތުގައި ޖެނޮސައިޑް އިސްރާއީލުން މިހާރު ކުރިއަށްގެންދާ އަމަލުތަކަކީ ހަމައެކަނި ވަގުތީ ސަލާމަތީ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ގުދުސްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ޖެނޮސައިޑް އިސްރާއީލުން ދައުވާކުރާ ފަދަ ވަގުތީ ސަލާމަތީ ފިޔަވަޅުތަކެއް ނޫން" ކަމަށާއި، މިއީ މަސްޖިދުލް އަޤްޞާގެ ދީނީ، ތާރީޚީ އަދި ޤާނޫނީ ހާލަތު ބަދަލުކުރުމަށް ސިޔާސީ އަދި ފިކުރީ ގޮތުން ރޭވިގެން ހިންގާ އަމަލުތަކެއް ކަމަށެވެ.

ޖެނޮސައިޑް އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މުސްލިމުން ތިބީ ހިމޭނުންނެވެ. މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ.

ހިއްސާ ކުރައްވާ!