އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ސިއްރިއްޔާތުގައި ރަޝިޔާގެ މޮސްކޯއަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ. މި ޚަބަރުތަކާ ގުޅިގެން ރަޝިޔާގެ ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، މުޖުތަބާ ޚާމަނާއީ ފަރުވާއަށް މޮސްކޯއަށް ވަޑައިގެންނެވި ކަމަށް ބުނާ ރިޕޯޓުތަކަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު އެމެރިކާ އާއި ޖެނޮސައިޑް އިސްރާއީލުން ދިން ހަމަލާތަކުގައި މުޖުތަބާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭނާ މޮސްކޯއަށް ގެންދެވުނީ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި، މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ މަރުކަޒަކާ ގުޅުންހުރި ހާއްސަ މެޑިކަލް ފެސިލިޓީއެއްގައި ކަމަށް އެ ނޫހުން ބުނެއެވެ. މި ނިންމުން ނިންމީ އީރާނުގެ ތެރޭގައި ފަރުވާ ދީފިނަމަ އޭނާ އުޅޭ ތަން ބޭޒާރުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ހުޅަނގުގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި މުޖުތަބާ ޚާމަނާއީގެ ހާލު ވަރަށް ސީރިއަސްއެވެ. ހުޅަނގުގެ ނޫހަކުން ބުނެފައިވަނީ ހަމަލާތަކުގައި އޭނާގެ އެއް ފައި ބުރިވެފައިވާ ކަމަށާއި، ބަނޑާއި ފުރަމޭއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ސޮލީބީ ކާފަރު ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ މުޖުތަބާ ޚާމަނާއީއަށް "އަނިޔާވެފައިވާ" ކަމަށާއި، އޭނާގެ ސިފަ ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އަނެއްކޮޅުން މުޖުތަބާ މިހާރު އޮންނެވީ ކޯމާއެއްގައި ކަމަށްވެސް ހުޅަނގުގެ މީޑިއާއިން ޕްރޮޕެގެންޑާ ކުރަމުން ދެއެވެ. އީރާނުގެ ތެރެއިން ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، އޭނާއަށް ފަރުވާ ދިނުމަށް ތެހެރާންގެ އިބްނު ސީނާ ހޮސްޕިޓަލުގެ ބޮޑު ބައެއް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރި ކަމަށްވެސް ވެއެވެ. ހުޅަނގުގެ މި މީޑީއާ ޚަބަރުތަކަކީ މުޅިވެސް ރަސްމީ ފަރާތަކާ ހަވާލާ ދިނުމެއް ނެތި ލިޔެފައިޥާ ޚަބަރުތައް ކަން ފާހަގަ ކުރެވެއެވެ.
އީރާނުގެ އިދިކޮޅު ޔަހޫދީން ވާގިވެރިވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އާ ލީޑަރުގެ ނަމުގައި މިހާތަނަށް ނެރެފައިވާ ފުރަތަމަ ބަޔާނަކީ ވެސް ސައްހަ އެއްޗެއް ނޫނެވެ. މުޖުތަބާ މަގާމާ ހަވާލުވި ފަހުން އާންމުންގެ ތެރެއަށް ފެނިފައި ނުވާތީ އާއި އޭނާގެ އަޑު އިވިފައި ނުވާތީ، އެ ބަޔާނަކީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލީ ލަރީޖާނީ ތައްޔާރުކުރެއްވި އެއްޗެއް ކަމަށް ވާހަކަ ފަތުރަމުން ދެއެވެ.




