އަރަބިންނާއި މުސްލިމުން ޣައްޒާ ވިއްކާލައިފި

ޣައްޒާ ހިފުމަށް އެމެރިކާ ރައީސް ޓްރަމްޕް އިއުލާން ކޮށްފައިވާ ޕްލޭންގެ ދެވަނަ ފިޔަވަހީގެ ދަށުން ކޮމިޓީތަކާއި ކައުންސިލް އެކުލަވާލައިފިއެވެ. އަރަބިންގެ ދައުރު ކުޑަ މި ކޮމިޓީތަކަށް އަރަބިން ވަނީ ބާރަށް އަތްހަޖައި މަރުޙަބާ ކިޔާފައެވެ.

ޓްރަޕްމް އެކުލަވާލި އެއް ކޮމިޓީއަކީ "ޣައްޒާގެ ހިންގުމަށް ފަލަސްތީނުގެ ގައުމީ ކޮމިޓީ" އެވެ.

އޭނާ ވަނީ "ސުލްހައިގެ ކައުންސިލް" ވެސް އެކުލަވާލާފައެވެ.

ސުލްހައިގެ މަޖިލިސް އިއުލާން ކުރުމުން އަރަބި ދައުލަތްތަކުން މަރުހަބާ ކިޔުން:

"ޕީސް ކައުންސިލް" އުފެއްދުމުގެ އިއުލާނާއި އެމެރިކާގެ ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުން އަރަބި ބައެއް ގައުމުތަކުން ވަނީ ހޫނުކޮށް މަރުހަބާ ކިޔާފައެވެ.

  • އަރަބި ގަލްފްގެ ތެލުގެ މުއްސަނދި ގައުމުތަކުގެ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ ޓްރަމްޕަށް ހެޔޮބަސްބުނެ، މި ފިޔަވަޅަކީ ފުޅާ ސިޔާސީ މަރުހަލާއެއްގެ ބައެއް ކަމަށް ބަލައި ތައުރީފުކޮށް، ހަނގުރާމަ ހުއްޓާލުން ދަމަހައްޓައި އިންސާނީ އެހީ ލިބުން ކަށަވަރުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށާއި ދެ ދައުލަތުގެ ހައްލަށް ތާއީދުކުރާކަން އަލުން ކަށަވަރުކޮށްދީފަ އެވެ.
  • ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ ވަގުތީ އިންތިގާލީ އިދާރާއެއްގެ ގޮތުގައި ޣައްޒާ ހިންގުމަށް ފަލަސްތީނުގެ ގައުމީ ކޮމިޓީ އުފެއްދުމަށް ވެސް ތާއީދުކޮށްފަ އެވެ. ސައޫދީން ބުނެފައި ވަނީ މިއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2803 ގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމެއް ކަމެކެވެ.
  • ޖޯޑަންގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ދައުރާއި ގަތަރާއި މިސްރާއި ތުރުކީ އިސްވެ އޮވެގެން ކުރާ މަސައްކަތަށް ތައުރީފުކޮށްފައެވެ.

"ޓްރަމްޕްގެ ސުލްހައިގެ މަޖިލިސް" އުފެއްދުމުގެ ބޭނުމަކީ ކޮބައިތޯ؟

  • ވައިޓްހައުސްގެ ބަޔާނުގައިވާ ގޮތުން ޕީސް ކައުންސިލްގެ އަމާޒަކީ ހަނގުރާމައިން ޣައްޒާގެ ތަރައްގީއަށް ބަދަލުވާއިރު ޒިންމާދާރުކަމާއެކު ބައިނަލްއަގްވާމީ ވަސީލަތްތައް އެއްކުރުމުގެ އިތުރުން ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުމާއި އަލުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްފައިވާ 20 ނުކުތާގެ މަގުޗާޓަށް އަމަލު ކުރުމެވެ.

މި 20 ނުކުތާއަކީ އަރަބިންނާއި މުސްލިމުން ޝަރަމުއްޝައިޚުގައި އެއްވެ ޓްރަމްޕަށް ހުޝާމަދުކުރި ޖަލްސާގެ ނިންމުމެކެވެ.

ޕީސް ކައުންސިލްގެ ހިންގާ ކޮމިޓީގެ މެންބަރުންނަކީ ކޮންބައެއް؟

ވައިޓްހައުސްގެ ބަޔާނުގައިވާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިއާސަތުގައި ޑިޕްލޮމެސީ، ޑިވެލޮޕްމަންޓް، އިކޮނޮމިކްސް، އަދި އިންފްރާސްޓްރަކްޗާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނޭ ހިންގާ ކޮމިޓީއެއް އުފެއްދީ ކަމަށެވެ. މި ކޮމިޓީގެ މެންބަރުންނަކީ:

  1. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ
  2. އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް
  3. ޓްރަމްޕްގެ ދަނބިދަރި ޖާރޑް ކުޝްނަރ
  4. ދޮގު މައުލޫމާތު ދީގެން އިރާގްގައި ޖެނޮސައިޑް ހިންގި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ
  5. އެމެރިކާގެ ބިލިއަނަރު ވިޔަފާރިވެރިޔާ މާކް ރޯވާން
  6. ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ
  7. އެމެރިކާގެ ޕޮލިޓިކަލް އެޑްވައިޒަރު ރޮބަޓް ގެބްރިއަލް އެވެ.

މިއިން ކޮންމެ މެމްބަރަކަށްވެސް ވަކި ކަންކަމެއްގެ ޒިންމާތަކެއް ހަވާލުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމާއި ސަރަހައްދީ ގުޅުމާއި، އަލުން އިމާރާތް ކުރުމާއި، ޣައްޒާ ރިވޭރާއަކަށް ބަދަލު ކުރުމަށް ޓްރަމްޕްގެ ތަސައްވުރާ އެއްގޮތަށް އިންވެސްޓްމެންޓް ހޯދުމާއި ފައިނޭންސް ހޯދުން ހިމެނެއެވެ.

މިކައުންސިލަށް އެޑްވައިޒަރުންވެސް އައްޔަން ކުރި

ޕީސް ކައުންސިލްގެ އެޑްވައިޒަރުންގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އާރިއާ ލައިޓްސްޓޯން އާއި ޖޯޝް ގްރީންބަމް އެވެ.

ޣައްޒާގެ އެގްޒެކެޓިވް ކައުންސިލަކީ ކޮބައި ހެއްޔެވެ؟

ވައިޓްހައުސްގެ ބަޔާނުގައިވާ ގޮތުން ޣައްޒާގެ އެގްޒެކެޓިވް ކައުންސިލް އުފެއްދީ ޓްރަމްޕްގެ  އޮފީހަށާއި ޣައްޒާ ހިންގުމާ ބެހޭ ގައުމީ ކޮމިޓީއަށް އެހީތެރިވުމުގެ ގޮތުންނެވެ. އޭގެ މަގުސަދަކީ؛

  • މާނަ ހުރި ގޮތަކަށް ހިންގުމުގެ ނިޒާމު ކުރިއެރުވުން.
  • ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން އަވަސްކުރުން.
  • ޣައްޒާގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަނަވަސްކަން ހޯދައިދިނުމަށް އެހީތެރިވުން.

ނިކޮލައި މްލަޑެނޮވް: މެދުއިރުމަތީގެ ސުލްހައަށް އައްޔަންކޮށްފައިވާ އިސް ޑިޕްލޮމެޓް

"ޣައްޒާ އެގްޒެކެޓިވް ކައުންސިލް" ގެ މެންބަރުންނަކީ ކޮންބައެއް؟

މި ކައުންސިލުގައި ހިމެނެނީ:

  1. ސްޓީވް ވިޓްކޮފް،
  2. ޖޭރެޑް ކުޝްނަރ،
  3. ޓޯނީ ބްލޭއާ،
  4. މާކް ރޯވާންގެ
  5. ޣައްޒާގެ ހައި ރެޕްރެޒެންޓޭޓިވްގެ މަގާމުފުރުއްވާ ބަލްގޭރިއާގެ ކުރީގެ ދިފައީ ވަޒީރު ނިކޮލައި މްލަޑެނޮވް (އޭނާ ވަނީ އދގެ މުހިންމު މަގާމުތަކެއްވެސް ފުރުއްވާފައެވެ.)
  6. ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން
  7. ގަތަރުގެ ޑިޕްލޮމެޓް އަލީ އަލް ތަވާދީ
  8. މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ހަސަން ރަޝާދު
  9. ޔޫއޭއީގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން ރީމް އަލް ހާޝިމީ
  10. އިސްރާއީލުގެ ވިޔަފާރިވެރިޔާ ޔާކިރު ގަބައި
  11. ހޮލެންޑްގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ސިގްރިޑް ކާގް

ނިކޮލައި މްލަޑެނޮވް ކުޅޭނީ ކޮން ރޯލެއް ހެއްޔެވެ؟

ވައިޓް ހައުސް އިން އިއުލާން ކުރި ގޮތުގައި ޣައްޒާގެ ހައި ރެޕްރެޒެންޓޭޓިވްގެ މަގާމަށް ނިކޮލައި މްލަޑެނޯވް އައްޔަން ކުރެއްވި އިރު، އެ މަގާމަށް ހަވާލުވެވަޑައިގަތީ؛

  • ސުލްހައިގެ މަޖިލީހާއި ޣައްޒާ ހިންގުމާ ބެހޭ ގައުމީ ކޮމިޓީއާ ދެމެދު ގުޅުން ބަދަހިކުރުން.
  • ވެރިކަން ހިންގުމާއި، އަލުން ބިނާކުރުމާއި، ތަރައްޤީ ބެލެހެއްޓުން.
  • ސިވިލް އަދި ސެކިއުރިޓީ ކަންކަމުގައި ވިލަރެސްކުރުން.

ޣައްޒާގެ ސަލާމަތީ ހާލަތު ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

ވައިޓްހައުސް އިން ވަނީ ޖެނޮސައިޑް ހުއްޓުވުމަށް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އުފައްދާފައެވެ. އެ ފޯސްގެ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ އެމެރިކާގެ ޖެނެރަލް ޖޭސްޕާ ޖެފަރސް އެވެ. އައިއެސްއެފްއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި:

  • ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަމުންދާ ގޮތް މޮނިޓަރ ކުރުމާއި،
  • މަގުސަދުތައް ހާސިލް ކުރުމަށް ކުރެވިދާނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސުލްހަވެރިކަމުގެ މަޖިލީހަށް އެހީތެރިވުން ހިމެނެއެވެ.

އައިއެސްއެފްގެ އޮޕަރޭޝަންތައް ހިންގާނީ އައިއެސްއެފްގެ ސްޓްރެޓެޖިކް ގައިޑްލައިންގެ ދަށުން ކަމަށާއި އައިއެސްއެފް ހިންގުމަށް ފައިސާ ދޭނީ އަރަބި ގައުމުތަކުންނެވެ.

މިފޯސްއިން ކުރާނެ އަނެއް ކަމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުން އިޒްރޭލާ ދެކޮޅަށް ހަތިޔާރު އަޅައިގެން އުޅުމަށް ޣައްޒާ މީހުންނަށް ލިބިދީފައިވާ ބާރު ނިގުޅައިގަތުމެވެ. އެގޮތުން ޣައްޒާގެ ހުރިހައި ހަތިޔާރެއް ހޯދައި އަތުލުމުގެ މަސައްކަތް މި ފޯސްއިން ކުރިއަށް ގެންގޮސް ޣައްޒާގެ ހަތިޔާރު ދާއިމީކޮށް ނައްތާލުން ކަށަވަރުކުރާނެ އެވެ.

އަދި ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗާތައް ހަލާކުކޮށް އަލުން އެތަންތަން ހެދުން ހުއްޓުވުމާއި، އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އިންސާނީ ކޯރިޑޯތައް ރައްކާތެރިކުރުމަށް ކަމާބެހޭ ގައުމުތަކާ ގުޅިގެން ކަންކަން ވިލަރެސް ކުރާނެއެވެ.

ޣައްޒާ ހިންގުމަށް އެކުލަވާލާ ފަލަސްތީނުގެ ގައުމީ ކޮމިޓީ

ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި ފ ޣައްޒާ ހިންގުމަށް އެކުލަވާލާ ފަލަސްތީނުގެ ގައުމީ ކޮމިޓީ އިން ދުވަހުން ދުވަހަށް ޣައްޒާގެ ތެރޭގައި ކަންކަން ހިންގުމުގެ ޒިންމާ އަދާކުރާނެ އެވެ. އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ؛

  • ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް ތަރުތީބުކުރުން.
  • މަދަނީ މުއައްސަސާތައް އަލުން ބިނާކުރުން.
  • އާންމު ދިރިއުޅުމަށް ހަމަޖެހުން އަނބުރާ ގެނައުން.
  • ދެމެހެއްޓެނިވި އަދި އަމިއްލަ ނަފްސަށް ބަރޯސާވާ ވެރިކަމެއްގެ ބިންގާ އެޅުން.

ވައިޓްހައުސްގެ ބަޔާނުގައި ބުނެފައި ވަނީ މި ކޮމިޓީގައި އިސްވެ ހުންނަވާނީ ފަލަސްތީނުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އޮފް ޕްލޭނިން އަލީ ޝާތު ކަމަށެވެ. ވައިޓްހައުސްއިން އޭނާ ސިފަކޮށްފައި ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން، އިގްތިސާދީ ތަރައްގީ، ބައިނަލްއަގްވާމީ ގުޅުންތަކާއި ޣައްޒާގެ މުއައްސަސާތަކުގެ ހަގީގަތްތައް އެނގޭ "މަތީ ފެންވަރުގެ ފަންނީ ބޭފުޅެއް" ކަމަށެވެ.

އެ ކޮމިޓީ އެކުލަވާލުމަކީ ޓްރަމްޕް ގެންގުޅޭ ޣައްޒާގެ ބިންތައް ހިފުމުގެ ޕްލޭންގެ ދެވަނަ ފިޔަވަހީގެ ކަންކަން ތަންފީޒު ކުރުމުގައި މައިގަނޑު ފިޔަވަޅެއް ކަމަށް ވައިޓްހައުސްގެ ބަޔާނުގައިވެއެވެ.

 

ހިއްސާ ކުރައްވާ!