ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި 177 ޔަހޫދީން ޒަހަމްވެފައިވާ ކަމަށް އިޒްރޭލުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޔަހޫދީންނަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒީ ރަށް ކަމަށްވާ ޓެލް އަވީވަށް އަމާޒުވި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި އިމާރާތްތައް ހަލާކުވެފައިވާކަން، އެ ސަރަހައްދުން ލިބިފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އައިސްފައެވެ.

އީރާން ރައްޔިތުން ދަނީ ސަރުކާރަށް ތާއީދުކޮށް މުޒާހަރާތައް ކުރަމުންނެވެ. އީރާނުގެ ސިޓީތަކުގައި އެ ގައުމުގެ ސަރުކާރަށް ތާއީދުކޮށް ބޮޑެތި މުޒާހަރާތަކެއް ދަނީ ބާއްވަމުންނެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޓެރަރިސްޓް ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެފައިވެއެވެ.
މިއީ އީރާނުގެ ރައްޔިތުން މެދުނުކެނޑި މުޒާހަރާ ކުރަމުންދާ 18 ވަނަ ރެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ އީރާނުގެ ސަރުކާރާއި ސިފައިންނަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށް، އިޒްރޭލުގެ އުދުވާނުތަކާ ދެކޮޅަށް ޝިއާރުތައް އުފުލަމުންނެވެ.
މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، ކުރިއަށް އޮތް ތަނުގައި ހަމަލާތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޒަހަމްވި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ހޮސްޕިޓަލްތަކުގައި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.







