ކުރުދީން ވަކި ދައުލަތެއް އުފައްދަން އިޒްރޭލާ ވާހަކަ ދައްކަނީ

މެދުއިރުމަތީގެ ގައުމުތައް އަރަބި ގައުމަކާއި އިޒްރޭލާ ވެގެން ފޮތިފޮތިކޮށްލުމަށް ކުރަމުންދާ މަސައްކަތުގައި ސޫރިޔާގެ އުތުރާއި އިރުމަތީގައި އޮންނަ ކުރުދީންގެ "ޒާތީވެރކަން ކުރާ އިދާރާ" ގެ ފޮރިން ރިލޭޝަންސް ކޯ-ޗެއާ އިލްހާމް އަހުމަދު މިއަދު ވިދާޅުވީ، ކުރުދީން އިޒްރޭލާއެކު ވާހަކަ ދައްކައި މުއާމަލާތްތައް ކުރަމުންދާ ކަމަށާއި ކޮންމެ ފަރާތަކުން ވިޔަސް މިނިވަން ވުމަށް ލިބޭ އެހީތެރިކަމަކަށް އެ ފަރާތްތަކުން މަރުހަބާ ކިޔާނެ ކަމަށެވެ.

 "އިޒްރޭލުގެ ބައެއް އިސް ފަރާތްތަކުން އަޅުގަނޑުމެންނާ ގުޅުން ބާއްވަމުންދޭ. މި މަޝްވަރާތަކުގެ ސަބަބުން އެހީތެރިކަމެއް ލިބޭނަމަ، ކޮންމެ މަސްދަރަކުން ވިޔަސް އެ އެހީތެރިކަން ބަލައިގަތުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް އަހުމަދު ވިދާޅުވިއެވެ.

މި ވާހަކަ އައިސްފައިވަނީ މި މަހުގެ ކުރީކޮޅު ސޫރިޔާގެ ހަލަބް ސިޓީގައި ސޫރިޔާ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް ދެއްކި ވާހަކަތަކަށް ފަހުގައެވެ. ސާރް ބުނެފައިވަނީ ސޫރިޔާގެ ސަރުކާރުން ބައިމަދު ކުރުދީންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކަކީ ނުރައްކާތެރި ހަމަލާތަކެއް ކަމަށެވެ.

މީގެ އިތުރުން ސޫރިޔާގެ އެކި ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ހިންގާ ނިޒާމީ އަދި ލޭއޮހޮރުވުން ބޮޑު އަނިޔާވެރިކަމަކީ "އައު ސޫރިޔާ" އެއް ބިނާކުރުމަށް ވެފައިވާ ވައުދުތަކާ ހިލާފު ކަމެއް ކަމަށްވެސް އިޒްރޭލުގެ ފޮރިން މިނިސްޓަރު ފާހަގަކުރިއެވެ.

އިޒްރޭލުން ވަނީ ގޯލާންގެ އުސްބިންތަކާއި ދުރޫޒް މީހުން ދިރިއުޅޭ ސަރަހައްދުތައް ސޫރިޔާއިން ވަކިކޮށް އިޒްރޭލާ އެއްކޮށްފައެވެ. ޓްރަމްޕް ވަނީ ގޯލާން އިޒްރޭލަށް ހަދިޔާ ކޮށްދިނީ ކަމަށް ބުނެ ގަރާރެއްގައި ވެސް ސޮއިކޮށްފައެވެ.

ކުރުދީންނާއި ދިމިޝްގުގެ ސަރުކާރާ ދެމެދު ދާދި ފަހުން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ދެ ފަރާތުގެ މެދުގައި އަދިވެސް ބޮޑެތި ނުތަނަވަސްކަން އެބަހުއއްޓެވެ.

ހިއްސާ ކުރައްވާ!