ދެކުނު ލުބުނާނުގެ އަލްގާސްމިއްޔާ ބްރިޖް ކައިރީގައި ރިޕޯޓް ކުރަން ހުއްޓާ، އިސްރާއީލުން އޭނާ މަރާލަން މަސައްކަތް ކުރީ "ގަސްތުގައި ދިން ވައިގެ ހަމަލާއެއްގައި" ކަމަށް ބުނެ ރަޝިޔާގެ ނޫސްވެރިޔާ ސްޓީވް ސްވީނީ އިސްރާއީލަށް ތުހުމަތުކޮށްފިއެވެ.
ރަޝިޔާގެ އާރު.ޓީ ނެޓްވޯކްގެ މުރާސިލު ސްވީނީ އެކްސްގައި ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އިސްރާއީލުން މުހިންމު ބްރިޖްތަކަށް ދެމުންދާ ހަމަލާތަކާއި އާންމުން ގެދޮރު ދޫކޮށް ދާ މަންޒަރުތައް އޭނާ ރިޕޯޓް ކުރަމުން ދަނިކޮށެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި މިއީ އިސްރާއީލުގެ "ހަނގުރާމައިގެ ކުށްތައް" ރިޕޯޓްކުރާ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ސްވީނީ ބުނި ގޮތުގައި، އޭނާއާއި އޭނާގެ ކެމެރާމަން އަލީ ރިޟާ ފިލްމު ކުރަން ތިބި ތަނާ ކައިރިއަށް މިސައިލް އެރިއިރު، އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ. ހަމަލާގެ ވަގުތުގައި ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ދުންތަކުގެ ތެރޭގައި ނޫސްވެރިޔާ ރައްކާތެރިކަން ހޯދުމަށް ދުވަމުންދެއެވެ. މި ހާދިސާގައި ދެމީހުންނަށްވެސް ފަރުވާ ދީފައިވާއިރު، ސްވީނީގެ އަތުން ގޮވާފައި ހުރި ބައިތަކެއް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ރިޟާ ވަނީ ހިއްސާކޮށްފައެވެ.
އަލްގާސްމިއްޔާ ބްރިޖަކީ ލިތާނީ ކޯރު ހުރަސްކުރުމަށް ބޭނުންކުރާ މުހިންމު ބްރިޖެކެވެ. އިސްރާއީލުން ދެކުނު ލުބުނާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މި ބްރިޖަށް ތަކުރާރުކޮށް ވަނީ ހަމަލާދީފައެވެ. އިސްރާއީލު ޖެނޮސައިޑް ސިފައިން ބުނާ ގޮތުގައި މި ބްރިޖްތަކަކީ ހިޒްބުاللهގެ ހަނގުރާމަވެރިންނާއި ހަތިޔާރު އުފުލުމަށް ބޭނުންކުރާ ތަންތަނެވެ.
ރަޝިޔާއިން ވަނީ މި ހާދިސާ ކުށްވެރިކޮށްފައެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، ނޫސްވެރިންކަން އެނގޭ ގޮތަށް ތިބި ބަޔަކަށް ދިން މި ހަމަލާއަކީ "އޮޅުމަކުން ދެވުނު ހަމަލާއެއް ކަމަށް ނުބުނެވޭނެ" ކަމަށެވެ. ޚާއްސަކޮށް ޣައްޒާގައި ގިނަ އަދަދެއްގެ ނޫސްވެރިން މަރާލާފައިވާ ދަނޑިވަޅެއްގައި މިއީ ސީދާ އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިސައިލް އެރީ އަސްކަރީ އަމާޒަކަށް ނޫން ކަމަށާއި، ސީދާ ރިޕޯޓް ފިލްމު ކުރަމުންދިޔަ ތަނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







