އީރާނުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލު ސަރުކާރުން ހަގީގަތް ފޮރުވަމުންދާކަމަށް ބުނެ ފާޑުކިޔައިފި

އީރާނުން އިޒްރޭލުގެ ނިއުކްލިއަރ މަރުކަޒު ޑިމޯނާ އަދި އަރަދު ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ސަރުކާރުން އާންމުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ބުނެ އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ކަމަށްވާ ޔަރީވް އޮޕަންހައިމާ ސަރުކާރަށް ފާޑުކިޔައިފިއެވެ.

އީރާނުން ދިން މި ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އޮޕަންހައިމާ ބުނެފައިވަނީ، އީރާނުގެ ހަތިޔާރުތައް ހުސްވަމުންދާ ކަމަށް ބުނެ އިޒްރޭލު ސަރުކާރުން ދައްކަމުންދާ ދޮގު ވާހަކަތަކަށް ޒިންމާދާރުކުރަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، އީރާނުގެ މި ހަމަލާތައް ހުއްޓުވުމުގައި އިޒްރޭލުގެ ޑިފެންސް ސިސްޓަމްތައް ނުކުޅެދިފައިވާ މިންވަރު ސަރުކާރުން ދަނީ އާންމުންނަށް ސިއްރު ކުރަމުންނެވެ.

އޮޕަންހައިމާ އިތުރަށް ބުނެފައިވަނީ، އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލްގެ އަދަދާއި، އޭގެ ތެރެއިން އަމާޒަށް ވާސިލްވި މިސައިލްތަކުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން ހާމަނުކުރާ ކަމަށެވެ. އަދި އީރާނުގެ މިސައިލް ފޮނުވާ ކިތައް ލޯންޗަރު ހަލާކުކޮށްލެވުނު ކަމާއި، އަދިވެސް އީރާނުގެ އަތުގައި ކިހާވަރެއްގެ ގާބިލްކަމެއް ހުރިތޯ ސަރުކާރުން ސިއްރުކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

"އާންމުން އަޑުއަހަން ބޭނުންވާ ކަހަލަ ދޮގު ވާހަކަތައް ދައްކައިގެން އޮޅުވާލުން މިހާރު ހުއްޓާލަން ވެއްޖެ. ހަގީގަތް ހާމަކުރަންޖެހޭ،" ވަކިން ކުރި އެހެން ޕޯސްޓެއްގައި އޭނާ ބުންޏެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ސަލާމަތީ ނިޒާމުގެ ފެންވަރުގެ ދަށްކަމާ މެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމަލާތަކުގެ ނުރައްކާތެރިކަން ކުޑަކޮށް ދެއްކުމަށް ކަމަށް ބުނެ އިޒްރޭލުގެ ތެރޭގައި ވެސް މިހާރު ދަނީ ނުތަނަވަސްކަން އިތުރުވަމުންނެވެ.

ހިއްސާ ކުރައްވާ!